ޚަބަރު

މާލޭ ސަރަޙައްދުގައި މިފަހަރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި 4 މައިދާނެއްގައި


  • މާލޭގައި ބޮޑު ޖަމާޢަތް އޮންނާނީ މާފަންނު ސްޓޭޑިއަމްގައި، ވިލިމާލޭގައި ކުރާނީ ބޯޅަދަނޑުގައި

  • ހުޅުމާލޭ ފޭސް 1 އަދި 2 ގައިވެސް ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރާނެ

  • ޢީދު ނަމާދުކުރަން ފަށާ ގަޑިއަށް ވަނީ ބަދަލުގެނެސްފައި، މިހާރު ފަށާނީ ހެނދުނު 7 ޖަހާއިރު

1445 ވަނަ އަހަރު މާލޭ ސަރަޙައްދުގައި ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި 4 މައިދާނެއްގައި ކުރާގޮތަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް މޫސުން ތަން ދޭނަމަ، މާލެ، ވިލިމާލެ އަދި ހުޅުމާލޭ ފޭސް އެކަކާއި ދޭއްގައި ބޮޑު ޖަމާޢަތުގައި ފިޠުރު ޢީދު ނަމާދުކުރުން އޮންނާނެކަމަށެވެ.

އެގޮތުން މާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުން އޮންނާނީ މާފަންނު ސްޓޭޑިއަމްގައެވެ. ވިލިމާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުން އޮންނާނީ ބޯޅަދަނޑުގައެވެ. ހުޅުމާލޭ ފޭސް 1 ގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުން ސިންތެޓިކް ޓްރެކް ސަރަޙައްދުގައި އަދި ފޭސް 2 ގައި ކްރިކެޓް ސްޓޭޑިއަމް ސަރަޙައްދުގައި އޮންނާނެއެވެ.

މާލޭ ސަރަޙައްދުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރަން ކަނޑައަޅާފައިވާ 4 މައިދާނުގެ އިތުރުން، މި ސަރަހައްދުގެ 22 މިސްކިތެއްގައިވެސް ޢީދު ނަމާދުކުރާގޮތަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ކަނޑައަޅުއްވާފައެވެ. މޫސުން ތަންނުދިނުމުގެ ސަބަބުން މައިދާންތަކުގައި ކުރަން ހަމަޖެހިފައިވާ ބޮޑު ޖަމާޢަތުގެ ޢީދު ނަމާދު ކެންސަލްކުރަން ޖެހިއްޖެނަމަ، މާލޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ޢީދު ނަމާދުކުރާގޮތަށްވެސް އެ ވުޒާރާއިން ވަނީ ނިންމަވާފައެވެ.

އެހެން އަހަރުތަކާ ޚިލާފަށް ރާއްޖޭގައި ޢީދު ނަމާދުކުރަން ފަށާ ގަޑިއަށް މިއަހަރު ސަރުކާރުން ވަނީ ބަދަލުގެންނަވާފައެވެ. އެގޮތުން މީގެކުރިން އާއްމުކޮށް ހެނދުނު 7:30 ޢީދު ނަމާދުކުރަން ފެށިނަމަވެސް، އެ ގަޑި 7:00 މިހާރު ވަނީ އަވަސްކޮށްފައެވެ.

މިކަމާގުޅިގެން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ނެރުއްވި ޤަރާރުގައި ޢީދު ނަމާދުކުރާ ގަޑިއަށް ބަދަލުގެންނެވީ އެވަގުތަކީ އިރުއަރައި އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަކަށް ވާތީކަމަށް ވިދާޅުވެފައިވެއެވެ. އަދި މިހާރަކަށް އައިސް ރާއްޖޭގައި މައިދާންތަކާއި ހުސްބިންތަކުގައި ޢީދު ނަމާދު ކުރަމުން ގެންދާތީއާއި، ޢީދު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދީންނާއި، އަންހެނުންނާއި، މުސްކުޅިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައްވެސް ހިމެނޭތީއާއި، ހޫނުގަދަވުމުގެ ސަބަބުން ތަކުލީފުތަކެއް އެފަރާތްތަކަށް އުފުލަން ޖެހޭތީކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޤަރާރުގައިވެއެވެ.

ފަހަކަށްއައިސް ކޮންމެ އަހަރަކުވެސް ފިތުރު ޢީދާއި އަޟްހާ ޢީދު ބޮޑު ޖަމާޢަތުގައި ކުރުމުގެ އިންތިޒާމް ސަރުކާރުން ހަމަޖައްސަވައެވެ. ޢީދު ނަމާދު ހުޅުވިފައިވާ ސަރަޙައްދެއްގައި ބޮޑު ޖަމާޢަތެއްގައި ކުރުމަކީ ސުންނަތެކެވެ.

މުސްލިމުން ފިޠުރު ޢީދު ފާހަގަކުރަނީ އެންމެހައި މުސްލިމުންގެ މައްޗަށް މާތްﷲ ފަރުޟުކުރެއްވި، ރޯދަ ރަމަޟާންމަހުގައި ހިފައި ނިމުމަށްފަހު އެކަމުގެ އުފަލުގައެވެ. ކަލަންޑަރުގައިވާގޮތުން މި އަހަރުގެ ފިޠުރު ޢީދު ދިމާވަނީ މިމަހުގެ 10 ވާ ބުދަ ދުވަހަށެވެ.