ޚަބަރު

500 އަށްވުރެ ގިނަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދޭ: ރައީސް


  • މަޝްރޫޢުތައް މި ސަރުކާރުން ހުއްޓާނުލާކަން ރައީސް ފާހަގަކުރެއްވި

  • ވީ ވަޢުދުތައް އެގޮތުގައި ފުއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވި

ސަރުކާރު ބަދަލުވިއިރު އެކި ސަބަބުތަކާހުރެ ހުއްޓިފައިހުރި މަޝްރޫޢުތައް ހިމެނޭހެން 527 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ވެރިކަންކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މި ޖަލްސާގައި ރައީސް ޑރ. މުޢިއްޒު ވަނީ ކުރީ ސަރުކާރުން ފެށި ތަރައްޤީގެ މަޝްރޫޢުތައް މި ސަރުކާރުން ހުއްޓާލާފައިވާކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ކުރާ ތުޙުމަތުތަކަށް ރައްދުދެއްވާ ވާހަކަފުޅުދައްކަވާފައެވެ. އަދި ޢުމްރާނީ ތަރައްޤީގެ ރޮނގުން އެކި ދާއިރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތަފާސްހިސާބު ވަނީ ހިއްސާކުރައްވާފައެވެ.

ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރު ނިމުނުއިރު ފެނާއި ނަރުދަމާގެ 27 މަޝްރޫޢަކާއި، ބަނދަރު ހެދުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ޚިމާޔަތްކުރުމުގެ 30 މަޝްރޫޢަކާއި، މަގުހެދުމުގެ 17 މަޝްރޫޢެއް އޮތީ ހުއްޓިފައިކަމަށެވެ. އަދި ކުޅިވަރު ވަޞީލަތްތައް ބިނާކުރުމުގެ 84 މަޝްރޫޢަކާއި، ތަޢުލީމީ ދާއިރާއާގުޅުންހުރި 90 މަޝްރޫޢެއްގެ އިތުރުން މިސްކިތްތައް ބިނާކުރުމުގެ 20 މަޝްރޫޢަކާއި، އެއަރޕޯޓުތައް ތަރައްޤީކުރުމުގެ 7 މަޝްރޫޢެއް އަދި 11 ރަށެއްގެ ބޯހިޔާވަހިކަމުގެ 220 މަޝްރޫޢެއްގެ މަސައްކަތްވެސް އޮތީ ހުއްޓިފައިކަމަށެވެ.

"ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައިވެސް ފެނިފައިވާނެ މަސައްކަތްތައް ހުރީ ހުއްޓިފައިކަން. އެއީ މިދިޔަ ސަރުކާރުގެ ތެރޭގައި. އަޅުގަނޑުމެން އައިސް ސަބަބުތައް ބެލިއިރު ހުއްޓިފައިހުރީ އެ މަޝްރޫޢުތައް ހިންގި ފަރާތްތަކަށް ދޭންޖެހޭ ފައިސާ ނުދީގެންކަން އެހުރީ ހިސާބުތަކުން ފެންނަން. 9000 މިލިއަން ރުފިޔާގެ ފައިސާ އެކިއެކި ކުންފުނިތަކަށް ދޭން ހުރި މިދިޔަ ސަރުކާރު ނިމުނުއިރު. އެ ފައިސާތައް ނުދީ ހުރީމަ ރަށްރަށުގެ މަސައްކަތްތައް ހުއްޓިފައި ހުރީ. އަޅުގަނޑުމެން އައިސް އެފަރާތްތަކަށް ފައިސާ ދޭން ފަށައިގެން މަސައްކަތްތައް އެހުރީ ފެށިފައި." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި މަޝްރޫޢުތައް ހުއްޓެން މެދުވެރިވި ސަބަބުތަކުގެ މައްޗަށްވެސް ވަނީ އަލިއަޅުވާލައްވާފައެވެ.

އެގޮތުން ކުރީ ސަރުކާރުން މަޝްރޫޢުތައް އެވޯޑްކުރުމުގައި އެއްބަސްވުންތައް އެކުލަވާލުމުގައިވެސް ގޯސްތައް ހަދާފައިވާކަމަށާއި، ގިނަ މަޝްރޫޢުތަކަކީ މާބޮޑެތި ޕްލޭންތަކެއް ނެތި، ސިޔާސީ ބޭނުމަށް އެވޯޑްކޮށްފައި ހުރި މަޝްރޫޢުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ކުރީ ސަރުކާރުން ފައިސާ ނުދީގެން މިސް މެނޭޖްކޮށްގެން މަޝްރޫޢުތައް ހުއްޓިފައިހުރީ." ރައީސް ވިދާޅުވިއެވެ.

"ކުރީ ސަރުކާރުން ޕާޓީގެ ބައެއް ބޭފުޅުންނަށް ފައިސާ ދޭންވެގެން ކުންފުނި ހަދާލާފައި، އެގްރީމެންޓް ހަދާލާނީ، އެޑްވާންސް ޕޭމަންޓް ދޫކޮށްލަނީ. ދެން އެ ކުންފުނި ފިލަނީ. އަނެއްކާ އަނެއް ކުންފުނި އަންނަނީ މަޝްރޫޢާއި ޙަވާލުވާން، އައިސް އެމީހުންނަށްވެސް އެޑްވާންސް ޕޭމަންޓްދެނީ. އެމީހުންވެސް ދަނީ. އެގޮތަށް ތިން ހަތަރު ފަހަރު ޙަވާލުކޮށްފައި ހުރި މަޝްރޫޢުތައް އެބަހުރި ރަށްރަށުގައި އަޅުގަނޑުމެން ވެރިކަމަށް ޙަވާލުވިއިރު." ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް އެގޮތުގައި ފުއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.