ޚަބަރު

އެމްޑީޕީން މޯލްޑިވިއަނަށް 5.6 މިލިއަން ރުފިޔާ ނުދައްކައިގެން ކޯޓަށް


  • ރިޔާސީ އިންތިޚާބަށް ދަތުރުކޮށް ފައިސާ ދައްކާފައިނުވޭ

  • އެއްބަސްވުމުގައި ވަނީ 48 ގަޑިއިރުތެރޭގައި ފައިސާ ދައްކާގޮތަށް

  • ތަކުރާރުކޮށް ފައިސާ ދެއްކުމަށް އަންގާފައިވޭ

ޤައުމީ އެއަރލައިން، މޯލްޑިވިއަނުން ދަތުރުކޮށް، ފައިސާ ދައްކާފައިނުވާތީ، 5.6 މިލިއަން ރުފިޔާ ހޯދަން އެޕާޓީއާއި ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށައަޅައިފިއެވެ.

މިމައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާކަން ކަށަވަރުކޮށްދެމުން މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވީ، އެ މައްސަލާގައި ފައިސާ ހޯދުމަށް އެކި ގޮތްގޮތަށް އެކުންފުނިން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެގޮތުން މިދިޔަ މަހު އެ ޕާޓީއަށް ފައިސާ ދެއްކުމަށް ލިއުމުން އެންގުމަށްފަހުވެސް ފައިސާ ދައްކަން ފުރުސަތު ދީފައިވާ ކަމަށާއި ނަމަވެސް އެކަމަށް ޕާޓީން އިޖާބަ ދީފައި ނުވާ ކަމަށް އިޔާސް ވިދާޅުވިއެވެ.

އައިލެންޑް އޭވިއޭޝަނުން އެމްޑީޕީއާއެކު އެއްބަސްވެފައިވަނީ ޚިދުމަތް ހޯދާ ދުވަހުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި ބިލްތަކަށް ފައިސާ ދައްކާ ގޮތަށެވެ. ނަމަވެސް މިހާ ހިސާބަށްވެސް އެ ފައިސާ އެ ޕާޓީން ދައްކާފައި ނުވެއެވެ.

މިދިޔަ ރިޔާސީ އިންތިހާބު ތެރޭ އެމްޑީޕީގެ ބޭނުންތަކަށް އައިލެންޑް އޭވިއޭޝަނުން ނަގާފައިވާ ޓިކެޓާއި ޗާޓަރ ފްލައިޓުތަކަށް 5،629،861 ރުފިޔާ ހޯދުމަށް އެކި ފަހަރު މަތިން ސިޓީ ފޮނުވައިގެން ވެސް ބިލްތަކަށް ފައިސާ ނުލިބޭ ކަމަށް މޯލްޑިވިއަންއިން ބުނެއެވެ. އެ ފައިސާއަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އޮކްޓޯބަރު މަހާ ހަމައަށް ކޮށްފައިވާ 10 ދަތުރަށްވާ ފައިސާއެވެ.

މިމައްސަލާގައި ފައިސާ ނުދައްކައިފިނަމަ ދައުވާކުރާނެ ކަމަށް މިދިޔަ މަހު ކުރީކޮޅު މޯލްޑިވިއަންއިން އެޕާޓީއަށް ލިއުމުން ވަނީ އަންގާފައެވެ.