ޚަބަރު

ޔުނިވަރސިޓީގެ ދެ ފެކަލްޓީއަކަށް ވެރިން ހަމަޖައްސަވައިފި


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީން ކަމަށާއި ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގެ ވެރިޔާގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައިފިއެވެ.

ފެކަލްޓީ އޮފް ޝަރީޢާ އިން ލޯގެ ޑީންކަމަށް ޢައްޔަންކުރައްވާފައިވަނީ، ޑޮކްޓަރ ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާންއެވެ. އަދި ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގެ ވެރިޔާގެ މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ ކެޕްޓަން އަޙުމަދު ޒުބައިރުއެވެ.

މިކަމަށްޓަކައި މިއަދު ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި މަޤާމްގެ ލިޔުން ޙަވާލުކޮށްދެއްވީ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ އަލީ ފަވާޒްއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފެކަލްޓީ އޮފް ޝަރީޢާ އިން ލޯގެ ޑީން، ޑޮކްޓަރ ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ވިދާޅުވީ އެފެކަލްޓީން އެންމެ އިސްކަމެއްދޭނީ، ލެކްޗަރާއިންގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ބޭރުގެ ޔުނިވަރސިޓީތަކާއި ގުޅިގެން ޕީއެޗްޑީ ހެދޭނެ މަގުފަހިކޮށްދިނުންކަމަށެވެ. އެގޮތުން މިކަމާގުޅޭ މަސައްކަތްތައް ފަށާފައިވާކަމަށް ވިދާޅުވިއެވެ. އަދި ފެކަލްލްޓީން އެލްއެލްބީ ޕްރޮގްރާމްތައް އަތޮޅުތެރޭގެ ކެމްޕަސްތަކުގައި ފެށުމަކީވެސް އަމާޒެއްކަމުގައި ޑޮކްޓަރ ޢަބްދުއްސައްތާރު ވިދާޅުވިއެވެ.

ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގެ ވެރިޔާ ކެޕްޓަން އަޙުމަދު ޒުބައިރު ވިދާޅުވީ އެސެންޓަރުން ޑިޕްލޮމާ އާއި އެޑްވާންސް ޑިޕްލޮމާގެ ކޯސްތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި، މިކަމަށްޓަކައި ކޯސް ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ޔުނިވަރސިޓީގެ މިންގަޑުތަކާ އެއްގޮތަށް އެތަން ފެކަލްޓީއެއްގެ ގޮތަށް ބަދަލުކުރުމަކީ އަމާޒެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

ދެހާސް އެގާރަވަނަ އަހަރު އުފެދުނު ޤައުމީ ޔުނިވަރސިޓީން ސެޓްފިކެޓް ލެވެލްއިން ފެށިގެން ޕީއެޗްޑީ ފެންވަރުގެ ކޯސްތައް ދަނީ ހިންގަމުންނެވެ.