ރަށް ރަށުގައި ޤާއިމްކޮށްފައި ހުރި ޒުވާނުންގެ މަރުކަޒުތައް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރަން ނިންމި ނިންމުން ބާތިލްކޮށްފިއެވެ.
ރަށް ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ކުޅިވަރުން ފުރުސަތުތައް ހޯދައިދީ، ރައްޔިތުން ބާރުވެރިކުރުވައި، ކުޅިވަރު ތަރައްގީކުރުމުގެ މުހިންމު ދައުރެއް އަދާކުރަމުން އަންނަ ޒުވާނުންގެ މަރުކަޒުތައް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެނަގަން ނިންމީ މިދިޔަ މަހުގެ 15 ގައެވެ.
މިކަން މިގޮތަށް ކުރަން ނިންމީ ޒުވާނުންގެ މަރުކަޒުތަކަށް އަޅާނުލެވި، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ ވީރާނާވެފައިވާތީ އެތަންތަން މަރާމާތުކޮށް އަލުން ރައްޔިތުންނަށް ޚިދުމަތްދެވޭ ފެންވަރަށް ގެންދިޔުމުގެ މަޤުސަދުގަ އެވެ.
ނަމަވެސް އެ ނިންމުން ބަދަލުކުރަން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އަލުން ނިންމީ ކައުސިލްތަކުގެ ބެލުމުގެ ދަށުގައި ހުރި ޒުވާނުންގެ މަރުކަޒުތައް މަރާމާތުކުރުމަށް ބައެއް ކައުންސިލްތަކުން ގިނަ ހަރަދުތަކެއްކޮށް، ގިނަ މަސައްކަތްތަކެއް ކުރަމުން އަންނާތީ އާއި ކުޅިވަރު ވުޒާރާގެ ދަށަށް ޒުވާނުންގެ މަރުކަޒުތައް ބަދަލުކުރުމަށް ނިންމި ނިންމުން ބަދަލްކޮށްދިނުމަށް ކައުސިލްތަކުން އެދޭތީއެވެ.
މިވަގުތު 41 ރަށެއްގެ ޒުވާނުންގެ މަރުކަޒުތައް ހުރީ ކައުންސިލްތަކުގެ ބެލުމުގެ ދަށުގަ އެވެ. މިއަދު ނިންމި ނިންމުމާއިއެކު މި ހުރިހާ ޒުވާނުންގެ މަރުކަޒުތަކެއްގެ ކަންކަން އަނެއްކާވެސް ބަލަހައްޓާނީ ކައުންސިލްތަކުންކަމަސް އެ ވުޒާރާއިން ވިދާޅުވެއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ އަމާޒަކީ ޒުވާނުންގެ މަރުކަޒުތައް މަރާމާތުކުރުމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި، މަރުކަޒުތައް އަލުން ޚިދުމަތްދެވޭ ފެންވަރަށް މަރާމާތުކުރުމެވެ. އަދި ޒުވާނުންގެ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކަށީގެންވާ ތަމްރީން ދިނުމުގެ މަސައްކަތްވެސް ކައުންސިލްތަކާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ކުރެވޭނެ އެވެ.