ޚަބަރު

އިލެކްޝަންސް ކޮމިޝަނަށް ޒަކަރިއްޔާ އައްޔަންކުރުމަށް ކޮމިޓީން ފާސްކޮށްފި


  • ޒަކަރިއްޔާގެ އިތުރުން 13 ބޭފުޅަކު ކުރިމަތިލެއްވި

  • ޒަކަރިއްޔާއަކީ މިހާރު އިލެކްޝަންސްގެ ސެކެރެޓަރީ ޖެނެރަލް

އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުގެ މަގާމަށް މ. މުލައް/ މުސްތަރީގެ ޙަސަން ޒަކަރިއްޔާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

އެކޮމިޓީން މިގޮތަށް ފާސްކޮށްފައިވަނީ މިދިޔަ ހަފުތާގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ މަގާމަށް އެ ކޮމިޝަނުގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޒަކަރިއްޔާ ޢައްޔަންކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވީ ފެބްރުއަރީ 18 ވަނަ ދުވަހުއެވެ. އެ ނަން ދިރާސާ ކުރުމަށްފަހު މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ރިޕޯޓު ފޮނުއްވާފައެވެ.

އިލެކްޝަންސްގެ މެންބަރުގެ މަގާމު ހުސްވެފައިވަނީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިސްމާއީލް ޙަބީބު ޢަބްދުއްރަހީމްގެ ދައުރު މާރިޗު 13ގައި ހަމަވުމާއި ގުޅިގެންނެވެ.

ހުސްވެފައިވާ އިލެކްޝަންސް ކޮމިޝަންގެ މެންބަރުގެ މަޤާމަށް ކުރިމަތިލުމަށް އާއްމުކޮށް ހުޅުވާލުމުން ޒަކަރިއްޔާގެ އިތުރުން 13 ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެ ކޮމިޝަނުގެ މެންބަރެއްގެ މުއްދަތަކީ 4 އަހަރެވެ.