ޚަބަރު

މަސްތުވާތަކެތި ބޭނުންކުރާ މީހުން މުޖުތަމަޢުގައި ބައިތިއްބައިގެން ފަރުވާދެވޭނެ ނިޒާމެއް ޤާއިމްކުރާނަން: ރައީސް


  • ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަނަކީ އެންމެ މުހިންމު ޙައްލުކަމަށް

  • ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެވި، ސިޔާސަތުތައް ވަނީ ކަނޑައެޅިފައި

  • ރަނގަޅު ފެންވަރުގެ ރިހެބިލިޓޭޝަން މަރުކަޒުތައް ގާއިމުކުރާނެ ރަށްތައް ވަނީ ކަނޑައެޅިފައި

މަސްތުވާތަކެތީގެ މައްސަލަ ޙައްލު ކުރުމަށް މުހިންމީ މުޖުތަޢުގައި ބައިތިއްބައިގެން ފަރުވާ ދެވޭ ނިޒާމެއްކަމަށާއި، އެކަންކަން ކުރިއަށްގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ޖަވާބުދެއްވަމުންނެވެ.

މއ. ބޯޅަކިންކިރިމާގޭ އާއިޝަތު ޝެރީން ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމަށްފަހު އަނބުރާ މުޖުތަމަޢުއަށް ނެރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. އޭނާ ވަނީ މަސްތުވާތަކެތީގެ ބޭނުންކުރާ މީހުންނަށް ފަރުވާދީ އަނބުރާ މުޖްތަމަޢަށް ގެނައުމަށް ޤައުމީ ނަޒަރަކުން ކުރައްވާ މަސައްކަތަކީ ކޮބައިތޯ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަސްތުވާތަކެތީގެ މައްސަލައަކީ އެތައް އަހަރުތަކެއްވެފައިވީ ނަމަވެސް އެކަށީގެންވާ ޙައްލެއް ނުލިބިއޮތް ބޮޑު މައްސަލައެއްކަމަށް ސިފަކުރައްވާފައެވެ. މިއާއެކު މަސްތުވާތަކެތީގެ ވަބާގައި ޒުވާނުންނާއި އެކި އުމުރުފުރާގެ މީހުން ޖެހެމުންދާއިރު މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މެނިފެސްޓޯގައި ހިމަނުއްވާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލައަށް އެކަށީގެންވާ ޙައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ނުވަތަ މުޖުތަމަޢުގައި ބައިތިއްބައިގެން ފަރުވާދެވޭނެ އިންތިޒާމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި އެންމެ މުހިންމު ހައްލު ކަމަށެވެ. އެހެންވެ، އެގޮތަށް ފަރުވާ ކުރިއަށްގެންދިއުމަށް ވަޒީރުންގެ މަޖިލީހުގައި އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވި، ސިޔާސަތުތައް ކަނޑައެޅިފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކޮމިއުނިޓީ ބޭސްޑް ގޮތަށް ރިހެބިލިޓޭޓްކޮށް، އިސްލާމް ދީނުގެ ހަމަތަކުގެ މަތިން އެ ކުދިންނަށް ތަޢުލީމާއި ތަރުބިއްޔަތުދީ ހަދައިގެން، އަނބުރާ މުޖުތަމަޢަށް ބޭނުންތެރި ކުދިންގެ ގޮތުގައި ގެނައުމަކީ އަޅުގަނޑުމެން އެންމެންވެސް ބޭނުންވާގޮތް. އެއީ އަޅުގަނޑުމެންގެ ސިޔާސަތަކީ. އެގޮތަށް އިރާދަކުރެއްވިއްޔާ ކުރިއަށްގެންދާނަން،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްތުވާތަކެތީގައި ވަބާގައި ޖެހޭ ފަރާތްތައް އަނބުރާ މުޖުތަމަޢަށް ނެރުމަށް ރަނގަޅު ފެންވަރުގެ ރިހެބިލިޓޭޝަން މަރުކަޒުތައް މުހިންމު ކަމަށާއި، އެފަދަ އެކި މަރުކަޒުތައް މި ސަރުކާރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމު ކުރައްވާނެ ކަމަށެވެ. އަދި މިހާރު އެ މަރުކަޒުތައް ގާއިމުކުރާނެ ރަށްތައް ކަނޑައެޅިފައިވާކަންވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުނަށް ފަރުވާ ދިނުމުގައި ސަރުކާރުން ހިންގާ އެކި ކަހަލަ މަޝްރޫޢުތަކުގައިވެސް ޢަމަލީގޮތުން ބައިވެރިކުރުވައިގެން އަނބުރާ މުޖުތަމަޢަށް ގެނެވޭ ގޮތަށް ކަންކަން ކުރިއަށްދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.