ޚަބަރު

މި ދައުރުތެރޭގައި ހުރިހާ ދާއިރާއެއްގެ މުސާރަވެސް ބޮޑުވާނެ: ރައީސް


  • މިމަހު ވަނީ ފުލުހުންގެ މުސާރަ ބޮޑޫކޮށްދެއްވާފައި

  • ހުރިހާ ދާއިރާއެއްގެ މުސާރަވެސް ބޮޑުވާނެކަން ރައީސް ފާހަގަކުރެއްވި

  • އެކަން ކުރައްވާ އިޤްތިޞާދަށް އަންނަ ކުރިއެރުމާއެކުކަމަށް

މިދައުރު ތެރޭގައި ހުރިހާ ސެކްޓަރއެއްގެ މުސާރަ ބޮޑުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަޤީންކަން ދެއްވީ ޢާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމަށް ދެއްވި ޖަވާބުގައެވެ.

ފުވައްމުލައް ސިޓީ، ނިއުވެލީ، ޢަލީ ޝަފީޢު ވަނީ، ޕޮލިހުންގެ މުސާރަ ބޮޑުކޮށްފައި، އެހެނިހެން މުއައްސަސާތަކުގެ މުސާރަ ބޮޑުކުރަނީ ކޮންއިރަކުތޯ ސުވާލުކުރައްވާފައެވެ. އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ އިޤްތިސާދު ހަރުދަނާ ވަމުންދާ މިންވަރަކުން ކުރިއަށް އޮތްތަނުގައި ހުރިހާ ދާއިރާއެއްގެ މުސާރަ ވެސް، އެމަނިކުފާނުގެ ވައުދުފުޅާއި އެއްގޮތަށް ބޮޑުކޮށްދެއްވާނެކަމަށެވެ.

"އަޅުގަނޑު ވައުދުވެފަ އޮންނާނީ، ގައުމުގެ އިގުތިޞާދު ހަރުދަނާ ވަމުންދާ މިންވަރަކުން، އާމްދަނީ ލިބޭ މިންވަރަކުން، އިޤްތިޞާދުގަ ބުންވަރު ޖެހޭ މިންވަރަކުން، މިދައުރުތެރޭގައި ހުރިހާ ސެކްޓަރއެއްގެ މުސާރަ ބޮޑުކޮށްދޭނެކަމަށް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ވަނީ ބައެއް ދާއިރާތަކުގަ މުސާރަ ބޮޑުކުރެވިފައި ކަމަށެވެ. އެގޮތުން ޕޭ ހާމަނައިޒް ކުރެވި ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރެވިފައިވާ ކަން ރައީސް ފާހަގަކުރެއްވިއެވެ.