ޚަބަރު

ރައްޔިތުން ބަލައިގަންނަ ޚިދުމަތަކަށް ފުލުހުންގެ ޚިދުމަތް ހެއްދެވުމަށް ރައީސް އިލްތިމާސްކުރައްވައިފި


  • ރައްޔިތުންނާ ގާތުން ލޯތްބާއެކު ދެވޭ ޚިދުމަތަކަށް ހެދުމަށް އިލްތިމާސްކުރެއްވި

  • ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް ރައީސް ވަނީ އިފްތިތާޙްކޮށްދެއްވާފަ

ދިވެހި ފުލުހުންގެ ޚިދުމަތަކީ ރައްޔިތުން ބަލައިގަންނަ، ރައްޔިތުންނާ ގާތުން، ލޯތްބާއެކު ދެވޭ ޚިދުމަތަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިގޮތަށް އިލްތިމާސްކުރެއްވީ ރޭ، ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްސަ ހަފްލާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުލުހުންނާ ބައްދަލުކުރެއްވުމަށް އިސްކަންދަރު ކޮށްޓަށް ވަޑައިގެންނެވުމުން އެމަނިކުފާނުގެ ޝަރަފުގައިވަނީ ގާޑް އޮފް އޮނަރއެއް އަރުވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ފުލުހުންނާ މުޚާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދިވެހި ފުލުހުންނަށް ބޭނުންވާ ކަންކަން، ފަރުދީގޮތުންނާއި މުއައްސަސާއަށް މުހިންމުވާ ކަންކަމުގައި ދިވެހި ފުލުހުންގެ ފަރާތުން ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތެއް ދެވޭނެ ގޮތަށް ކަންކަން ބައްޓަންކުރެއްވުމަށް އެމަނިކުފާނު އިސްކަންދެއްވާ ކަމަށް ވިދާޅުވިއެވެ.

ފުލުހުންގެ މުއައްސަސާއަކީ ފަރުދީ ގޮތުންނާއި އަމިއްލަ ނަފްސު ތަރައްގީކުރުމާއެކު ކެރިއާއެއްގެ ގޮތުގައި ކުރިއަށް ދެވޭނެ މުއައްސަސާއެއްކަން ފާހަގަކުރައްވައި ރައީސް ވަނީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ އަދި މިހާރު ޚިދުމަތުގައި ތިބި މުވައްޒަފުންނަށްވެސް ކުރިއަށްދެވޭނެ މަގުފަހިކޮށް، ކުރިއަށް އޮތްތަނުގައި މުއައްސަސާގެ ފަންނީ ގާބިލް މުވައްޒަފުން ބިނާކުރެވިގެންދާނެކަމަށް ވިދާޅުފައެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ އިމާރަތްތައް އަޅައި ފުލުހުންގެ ޚިދުމަތް ހުރިހާ ރަށެއްގައި ދިނުމަށްޓަކައި މަސައްކަތްތަކެއް ކުރެވިގެންދާކަން ފާހަގަކުރައްވައި، ރައީސް ވަނީ ރައްޔިތުންނަށް ފުލުހުންގެ ފަރާތުންދެވޭ ޚިދުމަތަކީ ރައްޔިތުން ބަލައިގަންނަ، ރައްޔިތުންނާ ގާތުން ލޯތްބާއެކު ދެވޭ ޚިދުމަތަކަށް ހެދުމަށް އެދިވަޑައިގަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދާޚިލީ ސަލާމަތާ ފަންނިއްޔަތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މަސްތުވާތަކެތީގެ ވަބާއިންނާއި ގޭންގު ކުށްތަކުން ރާއްޖޭގެ ސަލަމާތާއި ރައްކާތެރިކަން ނަގަމުންދާ ނެގުން ހުއްޓުވުމަށާއި ބިދޭސީން ޤާނޫނާ ޤަވާއިދާ ހިލާފަށް އުޅޭއުޅުންމުން ދާޚިލީ ސަލާމަތާ ރައްކާތެރިކަމަށް ލިބޭގެއްލުމުން ސަލާމަތްކުރުމަކީ އެންމެ އިސް ތިން އަމާޒުކަމަށެވެ. އަދި ރައްޔިތުން އެދެނީ ފުލުހުންގެ މައްޗަށް ސަރުކާރުން ކުރަމުންދާ ޚަރަދާއެއްވަރަށް އޭގެ ލާބަޔާއި މަންފާ ލިބުންކަން ފާހަގަކުރައްވައި ވަޒީރު ވަނީ ކޮންމެ އުމުރުފުރާއެއްގެ މީހަަކަށްވެސް އެމީހަކު ދާން ބޭނުންވާ މަންޒިލަށް ބިރުވެރިކަމެއް ނެތި ރައްކާތެރިކަމާއެކު ދެވޭހާ އަމާންތަނަކަށް މަގުތަށްވުންކަން ފާހަގަކުރައްވާފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއްނެތި 24 ގަޑިއިރު މެދުނުކެނޑި ދެމުންގެންދާނެ ޚިދުމަތެއްކަން ކަށަވަރުކޮށްދެއްވާނެ ކަމަމަށް ވަނީ ވިދާޅުވެފައެވެ. އަދި މުއައްސަސާއެއްގެ ކުރިއެރުން ރައްޔިތުން ވަޒަންކުރާނީ އެ މުވައްސަސާއަކުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރުންކަމަށާއި ފުލުހުންގެ ހިދުމަތް ދެވިގެންދާނީ އުޞޫލުތަކެއްގެ މައްޗަށް ރޭވިގެން އެކުލަވާލެވޭ ސްޓްރެޓެޖިކް ޕްލޭންތަކެއްގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 33 ވަނަ މާއްދާއިން މިނިސްޓަރ ‏އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއަށް ލިބިދޭ ބާރުގެދަށުން އެކުލަވާލި ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް ރައީސުލްޖުމްހޫރިއްޔާ ވަނީ އިފްތިތާޙް ކޮށްދެއްވާފައި.

ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 69 ވަނަ މާއްދާގައި ވާގޮތުގެ މަތިން ވަޒީރަށް މަތިކުރެވިފައިވާ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތަކާ އެއްގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތް ވަޒީރުގެ ބެލުމުގެ ދަށުން ހިންގާނެ ގޮތާ ޖަވާބުދާރީ ކުރުވާނެ ގޮތް ބަޔާންކޮށްދޭ ރަސްމީ ލިޔުމެކެވެ.

ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓްގައި ޤައުމުގެ ހާލަތަށްބަލައި ފަރުދުންނާ މުޖުތަމައު، ނުރައްކާތެރި ކުށާއި އިންތިޒާމްވެގެން ހިންގާ ބޮޑެތި ޖިނާއީ ކުށާއި ފަރުދުންގެ ހައްގުތަކަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަންކަމުން އެމީހުން ސަލާމަތްކުރުމަށާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދެވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފުލުހުންގެ މަގްސަދުތައް ހާސިލްކުރުމަށްޓަކައި ފުލުހުންގެ ކިބައިގައި ގާބިލްކަން އުފައްދައި ފުލުހުން ތައްޔާރުވެތިބެންޖެހޭ އަމާޒުތައް ތަފްސީލްކޮށް ބަޔާންކޮށްފައިވެއެވެ.