ޚަބަރު

ސްޓެލްކޯއިން ދޭ ޙައްޖާއި އުމްރާ ދަތުރު ލިބޭ މުވައްޒަފުން ހޮވައިފި


  • ޙައްޖު ދަތުރު 3 މުވައްޒަފަކަށް، އުމްރާ ދަތުރު 3 މުވައްޒަފަކަށް ވަނީ ލިބިފައި

ސްޓެލްކޯގެ ފަރާތުން މި ހިނގާ 1445 ވަނަ އަހަރު ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ހޮވައިފިއެވެ. ސްޓެލްކޯއިން ހައްޖު އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވާފައިވަނީ ރޭ ބޭއްވި ހާއްސަ ހަފްލާއެއްގެ ތެރެއިންނެވެ.

ސްޓެލްކޯއިން މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އަންހެން އަދި ފިރިހެން މުވައްޒަފުންނަށް ވަކިން ހުޅުވާލި ފުރުސަތަށް އިޖާބަދީ، ހައްޖުގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި 116 މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ 98 މުވައްޒަފެއްގެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އުމްރާގެ އަޅުކަން އަދާކުރުމަށް 263 ފަރާތަކުން ހުށަހެޅި އިރު، ޝަރުތުހަމަވެފައިވަނީ 254 މުވައްޒަފުންނެވެ.

މީގެ ކުރިން ހައްޖު އަދި އުމްރާގެ ފުރުސަތު ސްޓެލްކޯއިން ދީފައިވަނީ ކޮންމެ އަހަރަކު އަންހެން މުވައްޒަފަކަށާއި، ފިރިހެން މުވައްޒަފަކަށެވެ. ނަމަވެސް، ކުންފުނީގެ ޕޮލިސީއަށް ބަދަލުގެނެސް މި އަހަރު ހައްޖުގެ އަޅުކަމަށާއި، އުމްރާގެ އަޅުކަމަށް ދެ ފިރިހެން އަދި އެއް އަންހެން މުވައްޒަފު ހޮވާފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވިފައިވަނީ:

* އަބްދުﷲ އާމިރު، ހުޅުމާލެ އިންޖީނުގެ
* މުހައްމަދު އާދިލް، ކ. ކާށިދޫ އިންޖީނުގެ
* އައިޝަތު ޝިޒްނާ، ވިލިނގިލި އަވަށު އިންޖީނުގެ

އުމްރާގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވިފައިވަނީ:

* އާޒިމް އާދަމް، އދ. ދަނގެތި އިންޖީނުގެ
* މުހައްމަދު އާރިފް، ރިނިއުވަބަލް އެނާޖީ ޑިޕާޓްމަންޓް
* ހަދީޖާ އިފްޝާ، ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓް

ސްޓެލްކޯއިން މައުލޫމާތު ދޭ ގޮތުގައި އެ ކުންފުނިން ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރުމުގައި ދެމިތިބޭ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ފަސް އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ ސްޓެލްކޯއިން ބޭއްވި ހަފްލާގައި އައްޝައިޚް ޢާޒިމް ޚާލިދު ވަނީ ރޯދަމަހުގެ މާތްކަމާއި ގުޅޭގޮތުން ކުންފުނީގެ މުވައްޒަފުންނަށް ދީނީ ނަސޭހަތްދެއްވާފައެވެ.

މި ހަފްލާގައި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަބުދުﷲ ނާޒިރު ދެއްކެވި ވާހަކައިގައި ކުންފުންޏަށް 75 އަހަރު ފުރެންދާއިރު، ދާއިރާގައި ފާހަގަކޮށްލެވޭ ފުންނާބު އުސް އަދި އެންމެ ގިނަ ދުވަސްވީ ޚިދުމަތްތެރީން ތިބީ އެ ކުންފުނީގައި ކަން ފާހަގަ ކުރެއްވިއެވެ. އަދި މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީގެ އިސްނެންގެވުމުގެ މަތިން ގައުމީ ފެންވަރެއްގައި އެ މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަން ކުރުމަށްޓަކައި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނެސްފައިވާކަމަށް ވެސް ފާހަގަކުރެއްވިއެވެ.