ކުޅިވަރު

މި އަހަރަށް އެކުލަވާލި ގައުމީ ޓެނިސް ޓީމު އިއުލާންކޮށްފި


ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) އިން މި އަހަރަށް އެކުލަވާލި ސީނިއަރ ގައުމީ ޓެނިސް ޓީމު އިއުލާންކޮށްފިއެވެ.

ގައުމީ ޓެނިސް ޓީމު އިއުލާންކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގެރޭ ވަނީ މާލޭގައި ހުންނަ ޓެނިސް ސެންޓަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމެވެ. އަދި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީނާއި، ޓެނިސް އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ މެންބަރުންނާއި ކޯޗުން އަދި ކުޅުންތެރިންނާއި ބެލެނިވެރިން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

ޓެނިސް އެސޯސިއޭޝަން މި ފަހަރު އެކުލަވާލި ގައުމީ ފިރިހެން ޓެނިސް ޓީމުގައި ހިމެނޭ ހަ ކުޅުންތެރިންނަކީ އަބްދުﷲ ފާއިހު ފަޒީލާއި، އަޙްމަދު އައިހަމް ޝިޔާމާއި، ދާއޫދު ޝަހީބާއި، މުޙައްމަދު ނޫހު ނާޒިހާއި، މުޙައްމަދު ކައިސަން އިއްޒަތު ރަޝީދު އަދި ރައުދަކު މައުމޫނެވެ. އަދި އަންހެން ޓީމުގައި ހިމެނޭ ހަ ކުޅުންތެރިންނަކީ އާރާ އާސާލް އާޒިމާއި، ނަބާ ނިޝާނާއި، ލަޔާން މުޙައްމަދު ޝާމިން އާއި، މަންހާ މުޙައްމަދު އަލީ އާއި، ނަޔާރާ އުސާމާ އަލީ އަދި އައިޝަތު ކަރިން ސައިޒަންއެވެ.

ގައުމީ ޓީމު އިއުލާން ކުރުމުގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ ސަރަހައްދީ މުބާރާތްތަކުން ޖޫނިއަރ ކުޅުންތެރިން ހޯދާފައިވާ ކާމިޔާބީ ފާހަގަކޮށް، ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. އެގޮތުން މި އަހަރުގެ ޖެނުއަރީ މަހު ވިއެޓްނާމުގައި ބޭއްވި އައިޓީއެފް އޭޝިއާ 14 އަހަރުން ދަށުގެ ދެ މުބާރާތުންވެސް ނަބާ ވަނީ ޗެމްޕިއަންކަން ހޯދާފައެވެ. އަދި ދެވަނަ މުބާރާޔުގެ ސިންގަލްސް ފައިނަލުގައި ނަބާއާ ދެކޮޅަށް ވާދަކުރީ މި އަހަރު އަލަށް ސީނިއަރ ގައުމީ ޓީމުން ޖާގަ ހޯދި މަންހާއެވެ.

މީގެ އިތުރުން މިދިޔަ ފެބްރުއަރީ މަހު ސްރީ ލަންކާގެ ކޮލޮމްބޯގައި ބޭއްވި 14 އަހަރުން ދަށުގެ ވޯލްޑް ޖޫނިއަރ ޓެނިސް ޕްރީ ކޮލިފައިން އަދި 16 އަހަރުން ދަށުގެ ޖޫނިއަރ ޑޭވިސް ކަޕާއި ބިލީ ޖީން ކިންގް ކަޕުގެ ޕްރީ ކޮލިފައިންގައި ވާދަކުރި ޓީމުތަކުން ހޯދި ކާމިޔާބީވެސް ވަނީ ފާހަގަކޮށްފައެވެ.