ޚަބަރު

ތިނަދޫ ރަށު ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ދެވޭގޮތަށް ގެނައި އިޞްލާޙު ތަޞްދީޤު ކުރައްވައިފި


  • ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ކުރީ ސަރުކާރުން

  • ނަމަވެސް އެދަރަޖަ ދިނީ ޤާނޫނީގޮތުން ބައެއް ކަންކަން ފުރިހަމަ ނުކޮށް

  • ތިނަދޫ ކައުންސިލުން ވަނީ މަޖިލީހަށް މައްސަލައެއް ހުށައަޅާފައި

ތިނަދޫ ރަށު ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ދެވޭގޮތަށް ޤާނޫނަށް ގެނައި އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 11 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ، 2024 މާރިޗު 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 14 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ބިލުގައި އިޞްލާޙު ހުށަހަޅާފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 51 ވަނަ މާއްދާގެ (ށ)، (ނ)، (ރ)، (ބ) އަދި (ކ) އަށެވެ.

މި ބިލުގައި ވާގޮތުން ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެދި ހުށަހަޅާއިރު އެ ރަށް ނުވަތަ ރަށްތައް ތަމްސީލުކުރާ ކައުންސިލްގެ ދައުރު ހަމަވުމަށް 1 (އެކެއް) އަހަރު ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތްނަމަ، ސިޓީއެއްގެ ދަރަޖަ ލިބިގެންދާނީ އަލަށް އެކުލަވާލެވޭ ކައުންސިލްގެ އިންތިޚާބަށް ފަހުގައިކަން ބަޔާންކޮށްފައިވެއެވެ. ނަމަވެސް އެ ކައުންސިލްގެ ދައުރު ހަމަވުމަށް 1 (އެކެއް) އަހަރު ދުވަހަށް ވުރެ ދިގު މުއްދަތެއް އޮތްނަމަ، މި އިޞްލާޙުގައި ވާގޮތަށް އެ ރަށް ނުވަތަ ރަށްތަކަކީ ސިޓީއެއް ކަމުގައި ކަނޑައަޅައި، ސިޓީއަކަށް ބަދަލުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ސިޓީއެއް އުފައްދަނީ އިދާރީ ދާއިރާއެއްގައި ހިމެނޭ ހުރިހާ ރަށެއް އެކުވެގެން ކަމުގައިވާނަމަ، އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލް އެހިނދުން ފެށިގެން އުވުނީކަމަށާ އަދި އަތޮޅު ކައުންސިލުން ބަލަހައްޓަމުން ގެންދިޔަ ތަންތަނާއި، ދެމުން ގެންދިޔަ ޚިދުމަތްތައް ކުރިއަށް ގެންދާނީ އެގޮތުން އުފެދޭ ސިޓީ ކައުންސިލުންކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ލާމަރުކަޒީ ޤާނޫނުގައި މިހާރު ބަޔާންކޮށްފައިވާ ގޮތުގައި ރަށަކަށް ސިޓީއެއްގެ ދަރަޖަ ލިބޭނީ ޤާނޫނުގައި ބަޔާންކުރާ ޝަރުތުތައް ހަމަވެ، އެރަށަކީ ސިޓީއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުންނެވެ.

މި ޤާނޫނުގައި ބުނެފައިވާގޮތުގައި އިދާރީ ދާއިރާއެއްގައި ހިމެނޭ ރަށެއް ސިޓީއެއްގެ ގޮތުގައި ކަނޑައެޅިނަމަވެސް، އެ ސިޓީ ހިންގަމުންދާނީ އެ ރަށް ސިޓީއަކަށް ބަދަލުވުމުގެ ކުރިން އެ ރަށް ހިންގުމަށްޓަކައި އިންތިޚާބުވެފައި އޮތް ރަށު ކައުންސިލުންކަމަށެވެ. އަދި ރަށެއް ސިޓީއަކަށް ބަދަލުވެއްޖެނަމަ، އެ ރަށް ސިޓީއަކަށް ބަދަލުވުމުގެ ކުރިން އެ ރަށް ހިންގުމަށްޓަކައި އިންތިޚާބުވެފައި އޮތް ރަށު ކައުންސިލުން އެ ސިޓީ ހިންގާނީ، އެ ރަށު ކައުންސިލްގެ ދައުރު ހަމަވަންދެންކަމަށްވެސް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ރަށު ކައުންސިލްގެ ދައުރު ހަމަވުމުގެ ކުރިން އެކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ލިބޭގޮތަށް ޤާނޫނަށް އިޞްލާހު ގެނައީ ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިންނަމަވެސް، އެރަށު ކައުންސިލަށް ސިޓީއެއްގެ ދަރަޖަ ލިބިފައި ނުވާތީއެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ކުރީ ސަރުކާރުން ނިންމެވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 11 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ފާސްވެ ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.