ޚަބަރު

"ސޯޝަލް މީޑިއާއަށް ކުދިން ދޫކޮށްލާއިރު ސަމާލުނުވެއްޖެނަމަ މަގުއޮޅި އަޙްލާޤަށް އަސަރުކުރޭ"


  • ކުދިން ތަރުބިއްޔަތު ކުރުމުގައި ދައްކަންޖެހެނީ ނަމޫނާ

  • ޝެއިޚް ވިދާޅުވީ ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދަޢުރު ބޮޑުކަމަށް

  • އިންތަނެޓްގެ ދުނިޔެއަށް ކުދިން ދޫކޮށްލާއިރު ފާރަވެރިވާންޖެހޭކަމަށް ވިދާޅުވި

ބެލެނިވެރިންގެ ބެލުންތެރިކަމެއްނެތި ކުދިން އިންޓަނެޓާއި ސޯޝަލް މީޑިއާގެ ތެރެއަށް ދޫކޮށްލުމަކީ ކުއްޖާ މުޅި ދުނިޔެއަށް ދޫކޮށްލުންކަމަށާއި، ސަމާލުކަން ނުދީފިނަމަ ކުދިންގެ އަޙުލާގަށް އަސަރުކޮށް މަގުއޮޅިގެންދިއުމުގެ ފުރުޞަތު ބޮޑުކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާޞިމު ވިދާޅުވެއްޖެއެވެ.

ޝެއިޚް ޑރ. ޢަލީ ޒާހިރު މިހެން ވިދާޅުވީ 1445 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ސިލްސިލާކޮށް ބާއްވަމުންދާ ފޯރަމްތަކުގެ ތެރެއިން މިރޭ ބޭއްވި ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ފޯރަމް ޚާއްސަކޮށްފައިވަނީ "ޒަމާނީ ވަޞީލަތްތަކުގެ ތެރޭގައި ހަރުދަނާ ޖީލެއް ބިނާކުރުން" މި މަޢުޟޫއަށެވެ.

ޑރ. ޢަލީ ޒާހިރު ވިދާޅުވީ، މުޖުތަމަޢުގައި އަދުގެ ޒުވާނުން ޖީލުގެ ޙާލަތަށް ބަލާއިރު، ދަރިން ތަރުބިއްޔަތުކުރުމުގެ ޒިންމާގެ މުހިންމުކަން ފެނިގެންދާކަމަށެވެ. މުޖުތަމަޢުގައި ނޭއްގާނީ ޢަމަލުތައް އިތުރުވުމާއި، ދަރިންގެ މައްޗަށް މައިންބަފައިންނަށް ބަސް ނުބުނެވޭ ޙާލަތަށް މުޖުތަމަޢު ދިއުމަކީ ކަންބޮޑުވާ ދަރަޖައިގެ ކަމެއްކަމަށެވެ.

މިޙާލަތު ބަދަލުކުރުމުގައި މައިންބަފައިންނާއި މަދަރުސާއާއި މުޖުތަމަޢުމުގެ އިތުރުން، ކަމުއޮށިވެގެންވާ މީހުންގެ ޒިންމާ އޮތްކަމަށް ޝެއިޚް ވިދާޅުވިއެވެ. ޝެއިޚް ވިދާޅުވީ އަނގައިން ބުނެދޭ އެއްޗެއްގެ ބަދަލުގައި ހެޔޮ ޢަމަލުތަކަށް ނަމޫނާ ދައްކާ ބަޔަކަށް ވާންޖެހޭކަމަށެވެ. މައިންބަފައިންވެސް ދަރިން ތަރުބިއްޔަތުކުރުމުގައި ކަމެއް ކުރާށޭ ބުނުމުގެ ބަދަލުގައި، އެ ހެޔޮ ޢަމަލު ކުރުމުގެ އަޙުލާގު އަމިއްލަ ގައިގައި އަށަގަންނުވާ ނަމޫނާ ދައްކަންޖެހޭކަމަށެވެ.

ޝެއިޚް ވިދާޅުވީ، ދަރިން ތަރުބިއްޔަތުކުރުމަކީ އެމީހަކު ބޭނުން ގޮތަކަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި ދަރިން ކިތަންމެ ބޮޑުވިއަސް، އެމީހުން ގޯސް މަގަކުން ދާނަމަ ހެޔޮމަހަށް ރުޖޫޢަކުރުމަކީ މައިންބަފައިންގެ ޒިންމާއެއްކަމަށެވެ.

ބަދަލުވަމުންދާ ދުނިޔެއާއެކު ދަރިން ތަރުބިއްޔަތުކުރުމަކީ ގޮންޖެހުން ބޮޑުކަމަކަށް ވެފައިވާކަމަށްވެސް ޝެއިޙު ވާހަކުރެއްވިއެވެ. ޚާއްސަކޮށް އިންޓަނެޓާއި ސޯޝަލް މީޑިއާގެ ޒަމާނުގައި މިއީ ވަރަށް ޙައްސާސް ކަމެއްކަމަށް ވިދާޅުވިއެވެ.

ދަރިން ހަމަހިމޭނުން ބޭތިއްބުމަށް އަބަދު ފޯނާ ޓެބްލެޓް ދީފައި ބޭތިއްބުމުގެ ބަދަލުގައި އެކުދިން އެއިން ކުރަނީ ކޮންކަމެއްތޯ ބެލުމުގެ ޒިންމާ ކޮންމެ ބެލެނިވެރިއަކުވެސް އަދާކުރަންޖެހޭކަމަށް ވިދާޅުވިއެވެ. ރަނގަޅުގޮތުގައި އެ ވަސީލަތްތައް ބޭނުން ނުކުރާނަމަ އެ ކުދިން ވެއްޓިގެންދަނީ ބޮޑު އަނދަވަޅަކަށްކަން ޝެއިޚް އަލީ ޒާހިރު ފާހަގަކުރެއްވިއެވެ.

"ކުދިން ހަމަހިމޭންކޮށް ބައިންދަން ވަސީލަތްތައް ދެނީ. އެކަމަކު މިއީ ކުއްޖާ މުޅި ދުނިޔެއަށް ދޫކޮށްލުން. ގޭގައި މަޑުން އިނަސް ހަގީގަތުގައި ކުއްޖާ އެއިނީ މުޅި ދުނިޔެއަށް ހުޅުވިފައި. ކުދިން ހަލާކުވާން ގިނަ އިރެއް ނުވޭ. އެކުންދިން އެއިން ކުރަނީ އުމުރާ ގުޅޭ ކަންކަންތޯ ބެލުން އެއީ ބެލެނިވެރިންގެ ވަރަށް ބޮޑު ޒިންމާއެއް." ޑރ.އަލީ ޒާހިރު ބިން ސަޢީދު ޤާޞިމު ވިދާޅުވިއެވެ.

ޝެއިޚް ވިދާޅުވީ ކުދިންނަށް އަލިފާނެއް ފެނެއް ވަކިނުވާއިރު ކުދިން މިފަދަ ކަންކަމުގެ ތެރެއަށް ދޫކޮށްލުމަކީ އެންމެ އެދެވޭ ގޮތެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި ކުދިންނަށް ވިސްނެން ފެށުމުން ހެޔޮނުބައި ކިޔައީދީ، ބެލެނިވެރިންގެ ބެލުމުގެ ދަށުން އެފަދަ ވަސީލަތްތައް ބޭނުންކުރަން ޖެހޭކަމަށެވެ.

ޝެއިޚް ވިދާޅުވީ، އެންމެ ތުއްތު އިރުއްސުރެ ކުދިން ރީތި އަޙުލާގަށް ހާނުވަންޖެހޭކަމަށެވެ. އަޅުކަން އަދާކުރުމާއި ދިރިއުޅުމުގެ ރީތި އާދަކާދައާއި ހެޔޮ އަޚުލާހުގެ މަތީގައި ބޮޑުވާ ބަޔަކަށް ހެދުމަށް ފުރިހަމައަށް މަސައްކަތް ކުރަންޖެހޭކަމަށެވެ.