ވިޔަފާރި

ދިރާގުގެ ފައިދާއިން ހިއްސާދާރުންނަށް ހިއްސާއަކަށް 4.69 ރުފިޔާ


ދިރާގުގެ ފައިދާއިން ހިއްސާދާރުންނަށް ހިއްސާއަކަށް 4.69 ރުފިޔާ ބަހަން އެކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ނިންމައިފިއެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އެގޮތަށް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެ ވޯޓުދިން ހިއްސާދާރުންގެ 75 އިންސައްތަ ވޯޓުންނެވެ. ދިރާގަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ޖުމްލަ 2.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ސާފު ފައިދާގެ ގޮތުގައި 725 މިލިއަން ރުފިޔާ އެކުންފުންޏަށް ވަނީ ލިބިފައެވެ. އެއީ، 2014 ވަނަ އަހަރާއި އަޅާބަލާއިރު ޖުމްލަ އާމްދަނީ 0.2 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި ސާފުފައިދާ 24 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ރޭގެ އަހަރީ އާންމު ޖަލްސާގައި އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުންގެ ގޮތުގައި، ކުރިން ވެސް އެމަޤާމުގައި ހުންނެވި އިމްރާން ޢަލީ ވަނީ އިންތިޚާބު ކޮށްފައެވެ. އަދި ކުރިއަށް އޮތް އަހަރަށް ކުންފުނި އޮޑިޓްކުރާ އޮޑިޓް ފާމަކަށް ކޭޕީއެމްޖީ ވަނީ ހަމަޖައްސާފައެވެ.