ޚަބަރު

ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް އަންނަމަހު ފަށަނީ


  • ވަރަށް އަވަހަށް ކޮންޓްރެކްޓަރާއެކު ސޮއިކުރާނެކަމަށް ވިދާޅުވި

  • ފައިނޭންސް ލިބޭނެ އިންތިޒާމް ހަމަޖައްސަވާފައިވާކަމަށް ވިދާޅުވި

  • 2026 ގެ ނިޔަލަށް ޕޯޓްގެ މަސައްކަތް ނިންމުމަކީ އަމާޒެއްކަމަށް ވިދާޅުވި

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް އަންނަ މަހު ފަށާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް، އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ސަރުކާރުން ގުޅި ފަޅަށް ވިޔަފާރި ބަނދަރު ބަދަލުކުރަން ނިންމި ނަމަވެސް މި ސަރުކާރުން ވަނީ ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުކުރުމަށް ނިންމަވާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމާއި ހަވާލުވެވަޑައިަގަތުމަށްފަހު ފުރަތަމަ ދުވަހުން ފެށިގެންވެސް އެ މަސައްކަތް ކުރިއަށްގެންދަވަން ފައްޓަވާފައިވާކަމަށެވެ.

އެގޮތުން މިހާރު އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދާފައިވާކަމަށާއި މަސައްކަތަށް ބޭނުންވާ ފައިސާ ލިބޭނެ އިންތިޒާމްވެސް ހަމަޖައްސަވާފައިވާކަމަށް ވަޖީހު ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް އެ މަސައްކަތް ކުރުމަށް ބަޔަކާއެކު އެއްބަސްވުމެއްގައި ސޮއިކުރައްވާނެކަމަށާއި އަމާޒަކީ އޭޕްރީލްމަހުގެ ތެރޭގައި ޕޯޓް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށުންކަމަށް ވިދާޅުވިއެވެ.

"މި ޕޯޓް ތިލަފުއްޓަށް ބަދަލުވުމުން މާލޭގެ ކޮމާޝަލް ހާބަރަށް ދިމާވާ ހުރިހާ މައްސަލައެއް ހައްލުވެގެން ދާނެ." މިމަސައްކަތް 2025/2026 ގެ ތެރޭ ނިންމުމަކީ އަމާޒެއް." އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވިއެވެ.

އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ، މިހާރު މާލޭ ވިޔަފާރި ބަނދަރަށް ދިމާވާ މައްސަލައަކީ ޖާގައިގެ ގޮތުން ދިމާވާ މައްސަލަތައްކަމަށެވެ. އެގޮތުން މިހާރު އަންނަ ކާގޯ ބޯޓެއް ހުސްކޮށްލުމަށް 5 ދުވަހާއި 9 ދުވަހުގެ މުއްދަތެއް ނަގާކަމަށް ސީއީއޯ ވިދާޅުވިއެވެ. ނަމަވެސް ޕޯޓު ތިލަފުއްޓަށް ބަދަލުކުރެވުމުން އެ މުއްދަތު 2 ނުވަތަ 3 ދުވަހަށް ކުޑަވެގެންދާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ ވިދާޅުވިއެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތުގެ އިތުރަށް ނޯތު ހާބަރާއި ޓީޖެޓީ ވެސް އެ ސަރަހައްދަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. ވަޖީހު ވިދާޅުވީ ނޯތު ހާބަރާއި ޓީޖެޓީ ތިލަފުއްޓަށް ބަދަލުކުރުމުން ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެކަމަށެވެ. އަދި ރިސޯޓްތަކަށް ސަޕްލައި ކުރާ ދޯނިތަކަށްވެސް ފަސޭހަވެގެންދާނެކަން ވަޖީހު ފާހަގަކުރެއްވިއެވެ.

2013 ވަނަ އަހަރު އޭރުގެ ސަރުކާރުން ނިންމީ، މާލެ ވިޔަފާރި ބަނދަރު، ސިނާޢީ މައި ރަށްކަމަށްވާ، ތިލަފުއްޓަށް ބަދަލުކުރުމަށެވެ. ނަމަވެސް ނިމުނު ސަރުކާރުގައި އެ ޕްރޮޖެކްޓް ވަނީ ގުޅިފަޅަށް ބަދަލުކޮށްފައެވެ. އަދި އެ މަސައްކަތައް އެކަމަށް ބޭނުންވާ ބިން، ގުޅިފަޅުން ހިއްކުމުގެ މަސައްކަތްތައްވެސް އެދަޢުރު ނިމެން ގާތްވެފައިވަނިކޮށް ފެށިއެވެ. ނަމަވެސް މި ސަރުކާރުން ވަނީ ތިލަފުއްޓަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމަށް ނިންމަވާފައެވެ.

ވެރިރަށް މާލޭގެ ތޮއްޖެހުމާއި، މުދާ ބާލާއެރުމުގެ މަސައްކަތް ކުރިއަށްގެންދިއުމުގައި، ބަނދަރުގެ ޖާގައިގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ކުރިމަތިވެއެވެ. މިހާރުގެ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުވާނީ އައު ބަނދަރާއެކުކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.