ޚަބަރު

ހުޅުމާލޭގައި 400 ހައުސިން ޔުނިޓްގެ ޕްރޮޖެކްޓެއް ފަށަނީ


  • މި މަސައްކަތް ގެންދަނީ ސައުދީ ފަންޑްގެ އެހީގައި

  • ސަރުކާރުގެ ޢަމާޒަކީ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން

ހުޅުމާލޭގައި ސަރުކާރުން ތަރައްޤީކުރާ 400 ހައުސިން ޔުނިޓްގެ މަޝްރޫއުއަށް ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓެންޓެއް ހޯދުމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި މާލީ ވުޒާރާއާއި ދެމެދު މަޝްވަރާކުރައްވައިފިއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަޝްރޫޢުއަކީ ސައުދީ ފަންޑް ފޯރ ޑިވެލޮޕްމަންޓްގެ އެހީގެދަށުން ކުރިއަށްގެންދާ މަޝްރޫޢެއްކަމަށެވެ. މާލީ ވުޒާރާއާއި ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓްއާއި ދެމެދު މި މަޝްރޫޢުގެ ފައިނޭނެސް އެގްރިމަންޓުގައި މިހާރު ވަނީ ސޮއިކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރަކީ ކުރިއަށް އޮތް 5 އަހަރު ނިމޭއިރު ރާއްޖޭގައި އަމިއްލަ ބޯހިޔާވަހިކަމެއް ނެތް އެއްވެސް މީހަކު ނެތުމެވެ. އެގޮތުން ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި 65000 އަށްވުރެ ގިނަ ބޯޙިޔާވަހިކަން ފަހިކޮށްދިނުމުގެ މަސައްކަތްތައް ސަރުކާރުން ވަނީ ފައްޓަވާފައެވެ.

އެންމެ ބޮޑު މަސައްކަތަކީ މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ "ރަސްމާލެ" މަޝްރޫޢުއެވެ. މި ޕްރޮޖެކްޓްގެދަށުން 1153 ހެކްޓަރުގެ ބިން ހިއްކާނެއެވެ. ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ޑިސެމްބަރު މަހު ވަނީ ފަށާފައެވެ.
ފުށިދިއްގަރު ފަޅުން ހިއްކާ ބިމުން 11000 ގޯއްޗާއި، 26000 އަށްވުރެ ގިނަ ފްލެޓް ދޫކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.