ޚަބަރު

ރޯދައަކީ ނުބައި އަޚްލާޤުން މީހާ ރައްކާތެރިކޮށްދޭ އައްޑަނައެއް: ޚުޠުބާ


  • ރޯދައިގެ އަޅުކަމުގައި ރޫޙާނީ، އިޖްތިމާޢީ، ޞިއްޙީ ގިނަގުނަ ފައިދާތަކެއްވާކަމަށް ވިދާޅުވި

  • ދެބަސްވުންތަކާއި ހަޑިހުތުރު ބަސްތައް ބުނުމުން ދުރުހެލިވާންޖެހޭކަން ހަނދާންކޮށްދެއްވި

  • މިމަހުގެ ފައިދާ ހެޔޮގޮތުގައި ލިބޭނީ، މާތް ރަސޫލާ ނަމޫނާއަކަށް ބަލައިގެންކަމަށް ވިދާޅުވި

ރޯދައަކީ ނުބައި އަޚްލާޤުން މީހާ ރައްކާތެރިކޮށްދޭ އައްޑަނައެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "ރަމަޟާންމަހާއި ދިރިއުޅުން” މިމަޢުޟޫއަށެވެ.

ޚުތުބާގައި ވަނީ ރޯދައިގެ އަޅުކަމުގައި ރޫޙާނީ، އިޖްތިމާޢީ، ޞިއްޙީ ގިނަގުނަ ފައިދާތަކެއްވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރޯދައަކީ ކެތްތެރިކަން ދަސްކޮށްދޭ އަޅުކަމެއް ކަމަށާއި ރޯދައަކީ ކެތްތެރިކަމުގެ ދެބައިކުޅަ އެއްބައިކަމަށް ޙުޠުބާގައި ވިދާޅުވިއެވެ. ރޯދައަކީ މުސްލިމުންގެ އަޚްލާޤު ތަހުޒީބުކޮށް ތަރައްޤީކޮށްދޭ އަޅުކަމަކަށްވާއިރު، ރޯދަވެރިޔާ ރޯދައަށް ހުންނައިރު ރައްކާތެރިވާންޖެހޭ ކަންތައްތަކެއް ވާކަމަށާއި، މިގޮތުން ދެބައޮޑުވުމާއި، ނެތިމޮށުންފަދަ ބޮޑެތި ފާފަތަކާ ދުރުހެލިވާން ޖެހޭކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

އަދި ދެބަސްވުންތަކާއި ހަޑިހުތުރު ބަސްތައް ބުނުމުން ދުރުހެލިވާންޖެހޭކަމަށް ޚުޠުބާގައިވަނީ ހަނދާންކޮށްދީފައެވެ.

ޚުޠުބާގައި ވިދާޅުވީ ޙަޤީޤީ މާނާގައި ރޯދަ ހިފާމީހާ ދެބައޮޑުވުމާއި ނެތިމޮށުމާއި ފުރައްސާރަކުރުން ފަދަ ޢަމަލުތަކުން ދުރުވާންޖެހޭކަމަށެވެ. އަދި ރޯދަވެރިޔާ އަޚްލާޤު ރަނގަޅު ނުކުރުމުން ރޯދައިން ލިބޭ ދަރުމަ އުނިވާނެކަމަށާއި، އޭރުން އޭނާ ވާހުށީ ޤިޔާމަތް ދުވަހުން މިދުނިޔޭގައި ކުޅަކަންތަކަށް ހިތާމަ ކުރާނޭ މީހަކަށްކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

"ރޯދައަކީ އިސްވެ ދެންނެވުނު ނުބައި އަޚްލާޤުން މީހާ ރައްކާތެރިކޮށްދޭ އައްޑަނައެކެވެ. ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. ރޯދައަކީ އައްޑަނައެކެވެ. ތިޔަބައިމީހުންކުރެ މީހަކު ރޯދައަށް ހުރެ، ފާޙިޝް ޢަމަލުތަކުންނާއި އަދި ހަޑިހުތުރު ބަސްތައް ބުނުމުންނާއި އަދި ޖާހިލުންގެ ޢަމަލުތައް ކުޅައުމަށް ނުވަތަ އަރައިރުންވެ ޖަދަލުކުރާނަމަ، ފަހެ ތިބާބުނާށެވެ! ހަމަކަށަވަރުން އަހަންނަކީ ރޯދަވެރިޔަކީމުއެވެ. ހަމަކަށަވަރުން އަހަންނަކީ ރޯދަވެރިޔަކީމުއެވެ." ހުކުރު ޚުތުބާގައި ވިދާޅުވިއެވެ.

ޚުތުބާގައި ވަނީ މިފަދަ ފަހި ފުރުޞަތެއް ދެވަނަފަހަރު ނުލިބުމަކީ އެކަށީގެންވާ ކަމެއްކަމާއި މި ބަރަކާތްތެރި މައްސަރުގައި ޙަޔާތަށް ބޮޑުބަދަލެއް ގެންނައުމަށް ނަސެޙަތްތެރިވެފައެވެ.

މުޖްތަމަޢު އެއްބައިވަންތަކޮށް މުޖްތަމަޢުގެ ހެވާއި ލާބައަށް މަސައްކަތް ކުރާބަޔަކު ކަމުގައިވުމަށާއި، ރޯދަ އަހަރެމެންނަށް ދަސްކޮށްދެނީ އަނެކާގެ އިޙްސާސްތަކުގައި ބައިވެރިވެ ނިކަމެތި ޙާލުގައި އުޅޭ ފަޤީރުންނާއި އެހީތެރިވުމަށްކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

އަދި އެންމެ ހެޔޮމީހަކީ، ބަނޑުހައިހޫނު ކަމުގައި އުޅޭ މުސްލިމް އަޚުންނާއި އުޚުތުންނަށް، ކުޅަދާނަވީ ވަރަކުން އެހީތެރިކަން ފޯރުކޮށްދީ، އެމީހުންގެ ކެކުޅުންތަކުގައި ބައިވެރިވެ، އެމީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ މީހާކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.

ޙުތުބާގައި ވިދާޅުވީ މި ބަރަކާތްތެރި މައްސަރުގެ ފައިދާ ހެޔޮގޮތުގައި ލިބޭނީ، ރަސޫލާ އާއި މިއުންމަތުގެ ޞަލަފުއްޞާލިޙުން ރަމަޟާން މަހުގައި އަޅުކަން ކުރެއްވިގޮތް ނަމޫނާއަކަށް ބަލައިގެންކަމަށެވެ.

"ފަރްޟު ފަސްނަމާދާ ގުޅިގެން ކުރެވޭ ރަވާތިބު ސުންނަތްތަކަށް ރައްކައުތެރިވެގެން، ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރާ މީހަކަށް ވާށެވެ! ދުވާލާއި ރޭގަނޑުގެ ވަގުތުތައް މާތް ﷲ ރުއްސަވާ ގޮތުގެ މަތީން ހޭދަކުރާ ބަޔަކަށްވާށެވެ! ތަރާވީޙު ނަމާދާއި ރޭއަޅުކަމާއި، ކީރިތި ޤުރްއާން ގިނަގިނައިން ތިލާވަތު ކުރުމަކީ، ހިތްތަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެކަމެވެ." ޚުޠުބާ ވިދާޅުވިއެވެ.

ޚުޠުބާގައިވަނީ މާތް ﷲގެ ރަޙްމަތާއި ފުއްސެވުން ލިބެންއޮތީ މާތް ﷲ އަށް ތަޤްވާވެރިވެ، އެކަލާނގެ ރަސޫލާގެ އަމުރުފުޅުތަކަށް ކިޔަމަން ވެގެންކަން ހަނދާންކޮށްދީފައެވެ.