އެފްއޭއެމް ވެޓެރަންސް ލީގު 2024 ގައި މިއަދު ހަވީރު ކުޅުނު ހުއްރިއްޔާ ސްޕޯޓްސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ކުޅުނު ގްރޫޕް އޭގެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެއާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ.
މި މެޗުގެ ދެވަނަ ހާފު ފަށައިގެން އެންމެ ފުރަތަމަ ލީޑު ނެގީ ހުއްރިއްޔާއިންނެވެ. އެގޮތުން މި ހާފު ފަށައިގެން ދެވަނަ މިނެޓުގައި ހިލޭ ޖެހުމަކުން އާދަމް ލަރީފް (ރޮނާ) އޭރިއާ ތެރެއަށް ނަގައިދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މައުސޫމް އަބްދުލް ގަފޫރެވެ.
އެކަމަކު އޭގެ ފަހުން ސިފައިންގެ ކުލަބުން ވަނީ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަތީޖާއެއްގެ ގޮތުން މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އެ ޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އޭރިއާ ބޭރުން ފޮނުވާލި ރީތި ހަމަލާއަކުން މި ލަނޑު ސިފައިންގެ ކުލަބަށް ކާމިޔާބުކޮށްދިނީ އަބްދުލް ސަމަދެވެ.
ވެޓެރަންސް ލީގުގައި ކުޅުނު ދެވަނަ މެޗުން ހުއްރިއްޔާ އާއި ސިފައިންގެ ކުލަބު އެއްވަރުވިއިރު، މި ދެ ޓީމުންވެސް ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުތައް ކާމިޔާބުކޮށްފައެވެ. އެގޮތުން ހުއްރިއްޔާއިން ވަނީ ފުރަތަމަ މެޗުގައި ޕޮލިސް ކުލަބު އަތުން ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ސިފައިންގެ ކުލަބު ވަނީ ވިލިމާލެ ޔުނައިޓެޑް އަތުން 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.
40 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބާއްވާ ވެޓެރަންސް ލީގު މި ފަހަރު ކުރިއަށްދަނީ 10 ޓީމުގެ މެދުގައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، ހުއްރިއްޔާ އާއި ސިފައިންގެ ކުލަބުގެ އިތުރުން ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ކުލަބާއި، ވިިލިމާލެ ޔުނައިޓެޑް އަދި ޕޮލިސް ކުލަބެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ އެންމެ ފަހުގެ ރަނަރަޕް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއި، މޯލްޑިވްސް ސޮކަރ މޭޓްސް އާއި، މުއިވެޔޮ ފްރެންޑްސް އާއި، ލެގޫންސް ސްޕޯޓްސް ކުލަބު އަދި ކުލަބު ސްޓެލްކޯއެވެ.