ޚަބަރު

ރާއްޖެއާއި ތުރުކީއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަނީ


  • މިކަމާ ގުޅޭ ފުރަތަމަ ރައުންޑް ޓޭބަލް ބައްދަލުވުން މިއަދު ވަނީ ބާއްވާފައި

  • ތުރުކީއާއެކު ވިޔަފާރީގެ ގުޅުން ވަރުގަދަކުރަން މަސައްކަތްކުރާކަމަށް ވަޒީރު ވިދާޅުވި

ދިވެހިރާއްޖެއާއި ތުރުކީވިލާތާއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި ތުރުކީވިލާތާއި ދެމެދު އޮތްގުޅުން އިތުރު ހަރުފަތަކަށް ގެންގޮސް، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ދެ ޤައުމުގެ ދެމެދު ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

ވަޒީރު ވިދާޅުވީ، މިހާރު ކުރިއަށްދަނީ ރާއްޖެއާއި ތުރުކީއިން އެކަށައަޅާ ޚާއްސަ ބައެއް މުދާ އެކުލެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތްކަމަށެވެ. އެގޮތުން މިކަމާގުޅޭ މަޝްވަރާތައް ކުރުމަށްޓަކާ ކަމާބެހޭ ފަރާތްތައް ހިމެނޭހެން ދެ ޤައުމުގެ ދެމެދު ކުރިއަށްދިޔަ ފުރަތަމަ ރައުންޑް ޓޭބަލް ބައްދަލުވުން މިއަދު ވަނީ ބާއްވާފައެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައީސްކަމުގެ މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރައްވާފައިވަނީ ތުރުކީވިލާތަށެވެ.

ރައީސްގެ ދެކަނބަލުން މިދިޔަ ނޮވެމްބަރުމަހުގެ 26 އިން 29 އަށް ކުރެއްވި މި ދަތުރުފުޅަކީ ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުމުގެ އައު ޞަފްޙާއެއް ހުޅުވި، ކުރިއަށް އޮތްތަނުގައި ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދު މުހިންމު ގިނަ ދާއިރާތަކަކުން މަޝްވަރާކުރެވި، އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުންތަކުގައި ދެ ޤައުމުން ވަނީ ސޮއިކޮށްފައެވެ. އެގޮތުން ދެ ޤައުމުގެ ދެމެދު އިންވެސްޓްމަންޓާއި ވިޔަފާރި އިތުރުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.

މި ދަތުރުފުޅުގެ ތެރެއިން ރާއްޖެއިން ތުރުކީއަށް އެތެރެކުރާ މަހުގެ ޓެރިފް ރޭޓް ކުޑަކުރުމާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ރޮނގުން އެއްބާރުލުން ދިނުމާއި، ހައި ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާއި، މަހުގެ ބާވަތްތައް އުފައްދާ ކާރުޚާނާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާގުޅޭގޮތުން ދެ ޤައުމުގެ ދެމެދު ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ސައިބަރ ސެކިއުރިޓީއާއި މަދަނީ ދިފާޢުގެ ކަންކަމާއި، އިންވެސްޓްމަންޓާއި ޢިމާރާތްކުރުމުގެ ދާއިރާއިން އެއްބާރުލުންދިނުމާގުޅޭގޮތުންވެސް މި ދަތުރުފުޅުގެ ތެރެއިން މަޝްވަރާކުރައްވާފައިވެއެވެ.

ދިވެހިރާއްޖެއިން ތުރުކީއާއެކު ޚާރިޖީގުޅުން ޤާއިމުކުރީ 1979 ގައެވެ. ދެ ޤައުމުގެ ގުޅުން އިތުރަށް ފުޅާކޮށް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކާ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޙްތިޔާރުގެ ދަށުން މިދިޔަ ފެބްރުއަރީމަހުގެ 13 ވަނަ ދުވަހު ތުރުކީވިލާތުގައި ރާއްޖޭގެ އެމްބަސީއެއްވެސް ވަނީ ޤާއިމުކުރައްވާފައެވެ.