ޚަބަރު

"ބެސްޓް ޓޫރިޒަމް ވިލެޖަސް"އަށް ވާދަކުރުމުގެ ފުރުޞަތު ހުޅުވާލައިފި


  • މިމަހުގެ 28އާއި ހަމައަށް ފުރުޞަތު ވަނީ ހުޅުވާލާފައި

  • މިއީ އިޝްތިހާރުކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެއް

ޔުނައިޓެޑް ނޭޟަންސް ވަރލްޑް ޓޫރިޒަމް އޯގަނައިޒޭޝަން، ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ "ބެސްޓް ޓޫރިޒަމް ވިލެޖަސް 2024" އަށް ވާދަކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

"ބެސްޓް ޓޫރިޒަމް ވިލެޖަސް" އަކީ ރަށްފުށުގެ ކުރިއެރުމާއި، ތަރައްޤީ އަދި ދުޅަހެޔޮ ދިރިއުޅުމަށް މަގުފަހިކޮށްދޭ މައި ވަޞީލަތުގައި ފަތުރުވެރިކަން ބޭނުންކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން، ރަށްފުށު ފަތުރުވެރިކަމަށް އަމާޒުކޮށްގެން 2021 ވަނައަހަރުން ފެށިގެން އދ.ގެ ފަތުރުވެރިކަމާއި ބެހޭ އިދާރާ، ޔޫ.އެން.ޑަބްލިއު.ޓީ.އޯއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ޔޫއެންޑަބްލިއުޓީއޯ އިން މިއަހަރުގެ "ބެސްޓް ޓޫރިޒަމް ވިލެޖަސް 2024" މި ޕްރޮގްރާމްގައި ވާދަކުރަން ޝައުޤުވެރިވާ ރަށްރަށުން (ވިލެޖަސް) އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދުމުގެ ފުުރުސަތު މިމަހުގެ 28ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށް ފޯމް ހުށަހެޅުމަށް އެދޭކަމަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ، އެރަށެއްގައި ދިރިއުޅޭ އާބާދީގެ ޢަދަދު 15،000 އަށް ވުރެ މަތިނޫންނަމައެވެ. މިގޮތުން ނަން ހުށަހަޅާ ރަށްތަކުގެ ތެރެއިން ފަތުރުވެރިކަން ފުޅާވުމަށް މަގުފަހިވެފައިވާ މިންވަރަށް ބެލުމަށްފަހު އެންމެ ރަނގަޅު ރަށްތަކުގެ ތެރެއިން 8 ރަށެއް ރާއްޖޭގެ ފަރާތުން "ބެސްޓް ޓޫރިޒަމް ވިލެޖަސް 2024" އަށް ހުށައެޅުމަށް ނިންމާފައިވާ ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 40 ޤައުމަކުން 70 އަށް ވުރެ ގިނަ އަވަށާއި، ރަށްރަށް، ދުނިޔޭގެ ފެންވަރުގައި ފަތުރުވެރިން ޒިޔާރަތްކުރުމަށް ޝައުޤުވެރިކުރުވަނިވި ޚާއްސަ އާ ތަންތަންކަމުގައި ކަނޑައަޅާފައިވާކަމަށެވެ. އަދި "ބެސްޓް ޓޫރިޒަމް ވިލެޖް" ނެޓްވަރކްގައި ބައިވެރިވެ، މިނެޓްވަރކްގައި ހިމެނޭ އެހެން ޤައުމުތަކާއި އެކު ފަތުރުވެރިކަމާއި ގުޅުންހުރި އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ ފުރުޞަތުވެސް އެތަންތަނަށް ލިބޭނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. މިކަމުގެ ސަބަބުން އެތަންތަން އިޝްތިހާރުވުމަށް މަގުފަހިވެގެންދާނެކަމަށްވެސް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ ރަށްތައް ހޮވުމުގައި ޔޫ.އެން.ޑަބްލިއު.ޓީ.އޯއިން އެންމެ ބޮޑަށް އިސްކަންދޭނީ ރަށުގައި ސަގާފީ ގޮތުން ހިމާޔަތްކުރެވިފައިވާ ތަންތަނަށް ކަމަށެވެ. އަދި ޤުދުރަތީ ރީތި ތަންތަން ޙިމާޔަތް ކުރެވިފައިވާނަމަ އެ ތަންތަނުގެ މަޢުލޫމާތު ވެސް ހުށައަޅާ ފޯމްގައި ހިމެނުން މުހިންމު ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި ސަގާފީ ތަރިކަ ޙިމާޔަތްކޮށް، ރައްކާތެރިކުރެވޭ ސިޔާސަތުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ރަށުފެންވަރުގައި ކުރާ މަސައްކަތަކަށްވެސް "ބެސްޓް ޓޫރިޒަމް ވިލެޖަސް 2024" ހޮވުމުގައި ބަލާނެކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.