ޚަބަރު

ބްރިޖް މެއިންޓަނަންސް މަސައްކަތަށް ދިވެހިންގެ ޓީމެއް ތަމްރީންކުރަނީ


  • ސިނަމާލެ ބްރިޖް މެއިންޓަނަންސް މަސައްކަތް ހަވާލުކުރީ 3 އަހަރަަށް

  • ދިވެހިންގެ ޓީމެއް ތަމްރީންކުރާނެ

  • ބްރިޖް މެއިންޓަނަންސް މަސައްކަތް ކުރަނީ 3 އަހަރުގެ މެދުކެނޑުމަކަށްފަހު

ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް މަސައްކަތަށް ދިވެހިން ތަމްރީންކުރުން ހިމެނޭހެން، 3 އަހަރު މުއްދަތަށް ބްރިޖްގެ މެއިންޓަނަންސް މަސައްކަތް، އެޕްރޮޖެކްޓް ކުރިއަށްގެންދިޔަ ޗައިނާގެ ކުންފުންޏާ ހަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލިޒިންއެވެ.

މެއިންޓަނަންސް މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ،
ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކޮމްޕެނީއާއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ ބްރިޖް ހުޅުވާ، ފުރަތަމަ 2 އަހަރު މެއިންޓަނަންސް މަސައްކަތް ކުރިއަށްގެންދިޔަކަމަށާއި، ނަމަވެސް ނިމުނު 3 އަހަރު ބްރިޖްގެ މެއިންޓަނަންސަށް އެއްވެސް މަސައްކަތެއްކޮށްފައި ނުވާކަމަށެވެ.

ސީސީސީސީ ކުންފުންޏާ ހަވާލުކޮށްފައިވަނީ 3 އަހަރު ދުވަހުގެ މުއްދަތަށް ބްރިޖްގެ މަރާމާތާއި ބެލެހެއްޓުމާއި ގުޅޭ މަސައްކަތްތަކެވެ. އެގޮތުން މިހާރުން މިހާރަށް ކުރިއަށް ގެންދަންޖެހޭ ބްރިޖް މަރާމާތާއި ގުޅޭ ފަންނީ މަސައްކަތްތަކާއި މެއިންޓަނަންސް އަދި ބްރިޖްގެ ޙާލަތާ ގުޅޭ ރެކޯޑްތައް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް ޑރ.މުއްޠަލިބް ވިދާޅުވިއެވެ.

މުއްޠަލިބް ވިދާޅުވީ އެންމެ އިސްކަމެއް ދެއްވާނީ، މި މަސައްކަތް ދިވެހިން އަމިއްލައަށް ކުރެވޭނެގޮތަށް މިދާއިރާއިން ފަންނީ މީހުން ތަމްރީންކުރުމަށްކަމަށެވެ. މިތަމްރީންތައް ދޭ މީހުން ވެގެންދާނީ މިފަދަ ބޮޑެތި އިންފްރާސްޓްރަކްޗަރތައް ބެލެހެއްޓޭ ފެންވަރަށް ތަމްރީންކުރާ މީހުންނަށްކަމަށް މުއްޠަލިބް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ސިނަމާލެ ބްރިޖްގެ އިތުރުން އިތުރު ބްރިޖްތައް އެޅުމުގެ މަސައްކަތްތައް ރާއްޖޭގައި ކުރަމުންދާތީ، މިއީ ކޮންމެހެން ފަންނީ މީހުން އިތުރުކުރަންޖެހޭ ދާއިރާއަކަށްވެފައިވާކަމަށެވެ.

"މި 3 އަހަރު ހަމަވީމަ، ދެން ބްރިޖްތައް ބެހެލެއްޓުމާ ހަވާލުވާނީ މި ތަމްރީން ކުރާ ދިވެހިން. އޭރުން ސިނަމާލެ ބްރިޖް، ތިލަމާލެ ބްރިޖް އަދި މިނޫންވެސް މަގުތައް ހެދުމާއި އެހެން ބޮޑެތި އިންފްރާސްޓަރކްޗަރތައް ބަލަހައްޓާނެ ދިވެހި ޓީމެއް އޮންނާނެ. އަޅުގަނޑުމެންގެ ވިސްނުމަކީ ކޮންމެވެސް ކުންފުންޏެއްގެ ތެރެއިން މި ޤާބިލުކަން އުފެއްދުން."އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރައްވާ ވާހަކަދައްކަވަމުން ޗައިނާ ސަފީރު ވަންގ ލިޒިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެތެރެއިން ރާއްޖެއާއެކު ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއްގެ ސޮއިކުރައްވާފައިވާކަމަށެވެ. އެގޮތުން ރާއްޖޭގެ ތަރައްޤީއާއި ގުޅުންހުރި މަސައްކަތްތަކުގައި ޗައިނާގެ އެއްބާރުލުން އަބަސްދުވެސް ލިބޭނެކަމަށެވެ.

"ބްރިޖް އެއްބަސްވުމުގެ ދަށުން ރާއްޖެއަށް މިކަމުގައި ބޭނުންވާ މުހިންމު ހުރިހާ ފަންނީ އެހީއެއް ލިބޭނެ. އަދި ކުރިމަގުގައިވެސް މި ދާއިރާއިން އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދޭނަން." ޗައިނާ ސަފީރު ވަންގ ލިޒިން ވިދާޅުވިއެވެ.

ސޮއިކުރެވުނު މިއެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ މިމަޝްރޫޢަށް 3.6 މިލިއަން ޑޮލަރު ޚަރުދުވެއެވެ. މިއީ ޗައިނާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ ހިލޭ އެހީއެކެވެ.
މިއެއްބަސްވުމުގެދަށުން ކޮންމެ މަހަކު ކުރިއަށްގެންދާ މެއިންޓަނަންސާއި 6 މަހުން ކުރިއަށްގެންދާ މަސައްކަތް އަދި އަހަރަކު 1ފަހަރު ކުރިއަށްގެންދާ މެއިންޓަނަންސް މަސައްކަތް ހިމެނެއެވެ.

ޗައިނާގެ ހިލޭ އެހީއާއި ސަރުކާރުގެ ބަޖެޓުން ކުރިއަށްގެންދިޔަ ސިނަމާލެ ބްރިޖް މަޝްރޫޢުގެ މަސައްކަތް ނިންމާ ބޭނުންކުރަން ހުޅުވާލީ 2018ވަނަ އަހަރުގެ އޮގަސްޓުމަހުއެވެ. މިބްރިޖުގެ މަސައްކަތްތަކަށް ޖުމްލަ 300 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ. މިއީ 1.39 ކިލޯމީޓަރުގެ ބްރިޖެކެވެ.