ޚަބަރު

ބެލި 509 މައްސަލައިގެ ތެރެއިން މިދިޔަ 5 އަހަރު ޖޭއެސްސީއަށް ނިންމުނީ 247 މައްސަލަ


  • 2023 ވަނަ އަހަރު ބެލި 50 މައްސަލައިގެ ތެރެއިން ނިންމުނީ 35 މައްސަލަ

  • މިދިޔަ އަހަރު 7 ފަނޑިޔާރަކަށް ފިޔަވަޅު އަޅާފައިވޭ

  • މިދިޔަ އަހަރު 1 ފަނޑިޔާރަކު މަޤާމުން ވަކިކޮށްފައިވޭ

ބެލި 509 މައްސަލައިގެ ތެރެއިން މިދިޔަ 5 އަހަރު ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ނިންމުނީ 247 މައްސަލަކަން އެ ކޮމިޝަނުގެ 2023 ވަަނަ އަހަރުގެ އަހަރީ ރިޕޯޓުން ހާމަވެއްޖެއެވެ.

ޖޭ.އެސް.ސީގެ އަހަރީ ރިޕޯޓުގައިވާ ގޮތުން 2023 ވަނަ އަހަރު ހުށައެޅުނު 50 ޝަކުވާގެ މައްސަލަ ކޮމިޝަނުން ބަލަން ފަށާފައިވާއިރު އޭގެ ތެރެއިން ނިންމުނީ 35 ޝަކުވާގެ މައްސަލައެވެ. ބަލަން ފެށި 50 ޝަކުވާގެ ތެރޭގައި ހިމެނެނީ ފަނޑިޔާރުންނާ ގުޅޭގޮތުން ހުށައެޅުނު 14 ޝަކުވާއަކާއި، ތަޙްޤީޤުކުރުމަށް ޖޭ.އެސް.ސީން ނިންމަވާފައިވާ 12 ޝަކުވާއެކެވެ. އަދި 2022 ވަނަ އަހަރުގެ ނިޔަލަށް ނުނިމިވާ 24 ޝަކުވާއެވެ.

ޖޭ.އެސް.ސީން 2022 ވަނަ އަހަރު ބަލަން ފެށި 70 ޝަކުވާގެ ތެރެއިން 46 ޝަކުވާއެއް ވަނީ ނިންމާފައެވެ.

މިދިޔަ އަހަރު ޖޭއެސްސީން ބެލި ޝަކުވާގެ ބައެއް ބާވަތްތައް:

• އިންޓެގްރިޓީއާ ޚިލާފުވެފައިވާކަމަށް ހުށައަޅާފައިވާ 16 ޝަކުވާ
• ކޮރަޕްޝަނާ ގުޅުންހުރި 1 ޝަކުވާ
• މަސްއޫލިއްޔަތު އަދާނުކުރާކަމަށް ބުނެ ހުށައަޅާފައިވާ 10 ޝަކުވާ
• ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާކަމަށް ބުނެ ހުށައަޅާފައިވާ 1 ޝަކުވާ
• ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ޚިލާފުވެފައިވާކަމަށް ބުނެ ހުށައަޅާފައިވާ 16 ޝަކުވާ

މީގެ އިތުރުން ޖޭ.އެސް.ސީގެ އަހަރީ ރިޕޯޓުގައި ވާގޮތުން މިދިޔަ އަހަރު 7 ފަނޑިޔާރަކަށް ކޮމިޝަނުން ފިޔަވަޅު އަޅާފައިވެއެވެ. އަދި ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ ޢަމަލުތަކެއް ފަނޑިޔާރު ކޮށްފައިވާކަން ސާބިތުވެފައިވާތީ 1 ފަނޑިޔާރަކު މަޤާމުން ވަނީ ވަކިކޮށްފައެވެ.

ޖޭ.އެސް.ސީގެ އަހަރީ ރިޕޯޓުގައި 2024 ވަނަ އަހަރު ކުރުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަނުން އަމާޒު ހިފައިފައިވާ ބައެއް ކަންކަން ވެސް ހިމަނާފައިވެއެވެ. އެގޮތުން ފަނޑިޔާރުންގެ އެޗްއާރު ނިޒާމު ޑިޖިޓަލްކުރުމާއި، ފަނޑިޔާރުންގެ ޕާފޯމެންސް ބެލުމުގެ މަސައްކަތާއި، ފަނޑިޔާރުންގެ މާލީ ބަޔާން ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ހިމެނެއެވެ.