ޚަބަރު

ފޭސް 2ގައި ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން: ރައީސް


  • ރައީސް މިހެން ވިދާޅުވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި

  • ކަމާއި ގުޅޭ ފަރާތްތަކާއި ގުޅިގެން ވަރަށް އަވަހަށް މަސައްކަތް ފެށޭނެކަމަށް ވިދާޅުވި

  • ކަނބަލުންނަށް ޚާއްސަ ކޯޓުތައްވެސް ޤާއިމްކުރައްވާނެ ކަމަށް ރައީސް ވިދާޅުވި

ހުޅުމާލެ 2ވަނަ ފިޔަވަހީގައި ކުޅިވަރުކުޅޭނެ ވަސީލަތްތައް ޤާއިމްކުރެއްވުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ރައްޔިތަކު ދެންނެވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ހިޔާ ފްލެޓްގައި ދިރިއުޅޭ، ނިޝްރީނާ މޫސާގެ ސުވާލުގައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުޅިވަރު ކުޅޭނެ އެކަށީގެންވާ ވަސީލަތްތައް ނެތުމުން ކަންބޮޑުވުން ފާޅުކޮށް، އެފަދަ ވަސީލަތްތައް ޤާއިމްކުރެވޭނެ ދުވަހަކާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ.

މިސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ހިޔާ ސަރަހައްދުގައި ކުރަންޖެހޭ މަސައްކަތްތައް ކުރިން ހުރީ ނުކޮށް ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން މިހާރު ހުޅުމާލެ 2ވަނަ ފިޔަވަހީގައި ޕާކުތަކާއި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ޤާއިމްކުރުމަށް ޕްލޭންކޮށްފައިވާކަމަށާއި އެމަސައްކަތް ވަރަށްއަވަހަށް ފަށްޓަވާނެ ކަމަށެވެ.

"ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހުރިހާ މަސައްކަތްތަކެއް، ކުޅިވަރު ކުޅޭނެ ކޯޓުތަކާއި، ޕާކްތައް ހެދުމުގެ މަސައްކަތްކުރުމަށް ނިންމާފައިވަނީ، ހިޔާ ސަރަހައްދަކީ ގިނަ ބަޔަކު އުޅޭ ސަރަހައްދަކަށްވުމުން ވަރަށް އަވަހަށް އެޗްޑީސީ މެދުވެރިކޮށް، އެހެން ފަރާތްތަކާއި ގުޅިގެން އެމަސައްކަތްކުރާނަން، ކަނބަލުންނަށް ބޭނުންވާ ހޭންޑު ބޯލް ކޯޓުތައްވެސް ހިމެނޭނެ،" ރައީސް ވިދާޅުވިއެވެ.

ހުޅުމާލެ 2ވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށިތާ ގިނަ އަހަރުތަކެއްވެފައިވާއިރު، އެސަރަހައްދަށް ބޭނުންވާ ވަސީލަތްތައް ގާއިމްވެފައިނެތުމަކީ ގިނަ ރައްޔިތުންގެ ޝަކުވާއެކެވެ.

ސަރުކާރުން ގެންދަވަނީ ރައްޔިތުންނަށް ފަސޭހަ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތްކުރުމުންނެވެ. އެގޮތުން މި ރޯދަމަހަށް ޚާއްސަކޮށް ދާއިމީ މިސްކިތަކާއި ވަގުތީ މިސްކިތެއް ވަނީ ހުޅުވާފައެވެ.