ޚަބަރު

ގިރާވަރު ލޭންޑް ޔޫސް ޕްލޭނާއި ގުޅޭ މަޝްވަރާއަށް ގޯތި ލިބުނު މީހުންނާއި ބައްދަލުކުރަނީ


  • ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭންގެ ޑްރާފްޓް ވަނީ އާންމުކޮށްފައި

  • މި ބައްދަލުވުން އޮންނާނީ އަންނަ ހަފްތާ ބުދަ ދުވަހުގެ ރޭ

  • މި ބައްދަލުވުން ބާއްވާ ތަނާއި ގަޑި ފަހުން އިޢުލާން ކުރާނެ

މާލެ ސަރަޙައްދަށް އަމާޒުކޮށް ސަރުކާރުން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން، ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކާއެކު ގިރާވަރުފަޅަށް ތައްޔާރުކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނާއި ގުޅޭގޮތުން ބާއްވާ އާންމު ބައްދަލުވުމެއް މިމަހުގެ 27 ވާ ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި ބައްދަލުވުން ބާއްވާނެ ތަނަކާއި ގަޑި ފަހުން އިޢުލާންކުރެވޭނެކަމަށެވެ.

އެހެންކަމުން ބިންވެރިޔާ ސްކީމް ގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކުން މި ބައްދަލުވުމުގައި ބައިވެރިވުމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ދައުވަތު ދީފައެވެ. މި ބައްދަލަވުމުގައި ބައިވެރިވާ ފަރާތްތަކުން އަދި ހިޔާލު ހުށަހަޅަން ބޭނުންވާ ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް އެ ފުރުޞަތުދޭގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

ގިރާވަރުފަޅަށް ތައްޔާރުކޮށްފައިވާ ލޭންޑް ޔޫސް ޕްލޭންގެ ޓްރާފްޓެއް އެ ވުޒާރާއިން މީގެކުރިން އާއްމުކޮށްފައިވެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ޝަރުތު ހަމަވާ 19639 މީހުންނަށް 9000އަށްވުރެ ގިނަ ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މި ސްކީމްގެ ދަށުން އެންމެ ގިނަ ގޯތި ދިނުމަށް ނިންމާފައިވަނީ ގިރާވަރު ފަޅުންނެވެ. ގޮތުން އެ ސަރަޙައްދުން 5000 ގޯތި ދިނުމަށް ކަނޑައަޅާފައިވެއެވެ.