ޚަބަރު

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓްތައް ހަރުކުރުމުގެ މަސައްކަތް އަންނަމަހު ފަށާނެ: ރައީސް


  • އެޑްވާންސް ފައިސާ ވަރަށް އަވަހަށް ދައްކާނެކަމަށް ވިދާޅުވި

  • މަސައްކަތް އަވަހަށް ފެށުމަށް ބާރުއަޅުއްވާނެކަމަށް ވިދާޅުވި

  • ކޮންމެ ޓަވަރެއްގައި 2 ލިފްޓް ހަރުކުރާނެ

އަންނަ މަހުގެ ތެރޭ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓްތައް ހަރުކުރުމަށް އަމަލީ މަސައްކަތް ފެށުމަށް މޮބިލައިޒް ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމަށް ރައްޔިތަކު ކުރި ސުވާލަށް ދެއްވި ޖަވާބުގައެވެ.

ގދ. ފަރެސްމާތޮޑާ، ގަސްކޯނި، ޙަލީމާ ޝާހިޔާ، ސުވާލު ކުރީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކޮށް ނިމޭނެ ތާރީޚަކާމެދުއެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓް ހަރުކުރުމަށް ބަޔަކާ ޙަވާލުކޮށްފައިވާކަމަށެވެ.

ރައީސް ވިދާޅުވީ ހިޔާ ފްލެޓްތަކުގައި ލިފްޓް ހަރުކުރުމަށްޓަކައި ޑީޓައިލް ޑިޒައިނިންގެ މަސައްކަތްތައް ކުރަމުންދާކަމަށާއި، އަންނަ މަހުގެ ތެރޭގައި ލިފްޓް ހަރުކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް މޮބިލައިޒްކުރާނެކަމަށެވެ.

ލިފްޓް ހަރުކުރުމުގެ މަސައްކަތް ކުރުމަށް އެ މަސައްކަތް ކުރާ ކުންފުންޏަށް ވަރަށް އަވަހަށް އެޑްވާންސް ފައިސާ ހަވާލުކުރަނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެގްރީމަންޓްގައި އެޑްވާންސް ފައިސާ ދައްކާތާ މަސްދުވަހުގެ ތެރޭގައި މަސައްކަތް ފަށަން އޮތްނަމަވެސް އެއަށްވުރެ އަވަހަށް މަސައްކަތް ފެށުމަށް ބާރު އަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ކޮންމެ އިމާރާތެއްގައި 2 ލިފްޓް ހަރުކުރެވޭނެ. އެއް ލިފްޓްއަކީ ސްޓްރެޗަރ އެރުވޭނެ ބޮޑު ލިފްޓެއް. މިހާރު އެގްރީމަންޓް ހެދިފައި އޮތީ. އޭޕްރީލް މަހުގެ ތެރޭގައި އެ ފަރާތުން އަމަލީ މަސައްކަތަށް މޮބިލަިއޒް ކުރާނެކަމަށް އަޅުގަނޑަށް މަޢޫލޫމާތު ލިބިފައިވަނީ. އެގްރީމަންޓް އޮންނަނީ އަމަލީ މަސައްކަތް ފަށާތާ 1 އަހަރުގެ ތެރޭގައި މަސައްކަތް ނިންމުމަށް. " ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމަށް އެޗް.ޑީ.ސީން ޙަވާލުކޮށްފައިވަނީ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާއެވެ. ހިޔާގެ 16 ޓަވަރު ހުންނައިރު އެއިން ކޮންމެ ޓަވަރަކަށް 2 ލިފްޓް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އެހެންކަމުން ޖުމުލަ 32 ލިފްޓް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އެއީ ސްޓްރެޗަރ ނުވަތަ ބަލިމީހުން އުފުލޭނެ ލިފްޓަކާއި، 14 މީހުންގެ ޖާގައިގެ ލިފްޓެކެވެ.