ޚަބަރު

ކުރީ ސަރުކާރުން ޞިއްހީ މަރުކަޒުތައް 24 ގަޑިއިރަށް ބަދަލުކޮށްފައިވަނީ ވަސީލަތްތައް ޤާއިމްނުކޮށް


  • މިހާރުވެސް 35 ޑޮކްޓަރުން ބޭނުންވާ ކަމަށް ވަޒީރު ވިދާޅުވި

  • ވަސީލަތް މަދު ޞިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް ދަނީ ދެނެގަންނަމުން

  • ހުރިހާ ރަށަކަށް ލެބޯރެޓަރީގެ ޚިދުމަތްދޭންވެސް ދަނީ ތައްޔާރުވަމުން

ކުރީ ސަރުކާރުން 24 ގަޑިއިރު ޚިދުމަތްދޭގޮތަށް ބަދަލުކޮށްފައިވާ ޞިއްޙީ މަރުކަޒުތައް އެގޮތަށް ބަދަލުކޮށްފައިވަނީ އެކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްނުކޮށް ކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

ވަޒީރު ޚަލީލު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ގިނަ ރަށްރަށުގައި 24 ގަޑިއިރަށް ޚިދުމަތްދޭގޮތަށް ބަދަލުކޮށްފައިވާ ޞިއްޙީ މަރުކަޒުތަކުން އެގޮތަށް ޚިދުމަތް ނުދޭކަމުގެ ޝަކުވާ އެދާއިރާތަކުގެ މެމްބަރުންވަނީ ކުރައްވާފައެވެ. މިސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ޚަލީލު ވިދާޅުވީ އެގޮތަށް ބަދަލު ގެނެސްފައިވަނީ ކުރީ ސަރުކާރުގެ ދައުރު ނިމެން ކައިރިވެފައިވަނިކޮށް ކަމަށެވެ. އަދި މިގޮތަށް ބަދަލުގެނެސްފައިވާއިރު އެތަނުގައި ޤާއިމްކުރަން ޖެހޭ ވަސީލަތްތައް ޤާއިމްކޮށްފައިނުވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

" މިފާހަގަކުރެވުނީ 24 ގަޑިއިރަށް ބަދަލުގެނެވިފައި ހުރީ ދައުރުގެ ފަހުކޮޅު، ނަރުހުންނާއި ޑޮކްޓަރުން މަދު، މިއަދުގެ ހާލަތަކީ 35 ޑޮކްޓަރުން މަދު،" ވަޒީރު ޚަލީލު ވިދާޅުވިއެވެ.

އަދި ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ އާލަތްތައް ހޯދުމަށްވެސް ސްޓޮކް އެނަލިސިސްއެއް ހަދަމުންދާ ކަމަށާއި، މިއާއެކު ރަށްރަށަށް ބޭނުންވާ އާލަތްތައް ދެނެގަނެވި އެތަކެތި ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ލޯންޗު އެމްބިއުލާންސްގެ ޚިދުމަތްވެސް ރަށްރަށުގައި ފުޅާ ކުރުމަށް މަސައްކަތްކުރައްވަމުންދާ ކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ރަށްރަށުގައި ލެބޯޓްރީގެ ޚިދުމަތް ދިނުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވުމުންދާ ކަމަށާއި އެކަމަށް ބޭނުންވާ ސާމާނުތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތްކުރެވެމުންދާ ކަމަށް ވަޒީރު ޚަލީލު ވިދާޅުވިއެވެ.

" އިމަރޖެންސީ ހާލަތުގައި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ތައްޔާރުވަމުން މިދަނީ، ރާއްޖޭގެ ހުރިހާ ރަށެއްގައި، ބައެއް ރަށްރަށަށް ސާމާނުވެސް މިހާރުވަނީ ފޮނުވާފައި،" ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ޚަލީލު ވިދާޅުވިއެވެ.

ވަޒީރު ޚަލީލު ވިދާޅުވީ މަސައްކަތް ލަސްވާ ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކުގެ ކޮންޓްރެކްޓަރުންނާއި ވާހަކަދެކެވެމުންދާކަމަށާއި، އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރިއަށް ނުދާނަމަ އެކަމަށްވެސް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.