ޚަބަރު

މަޖިލިސް އިންތިޚާބުގައި މޮނިޓަރކުރުމާއި މަންދޫބަކަށްވުމުގެ ފުރުޞަތު އަންގާރަ ދުވަހު ހުޅުވާލަނީ


  • މި ފުރުޞަތު ހުޅުވާލާނީ މިމަހުގެ 19އިން 21އަށް

  • އިތުރު ފުރުޞަތެއް ދިނުމަށް ނިންމީ މަޖިލިސް އިންތިޚާބުގެ ތާރީޚު ބަދަލުވުމުން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒަރވްކުރުމާއި މޮނިޓަރކުރުމުގެ އިތުރުން ކެންޑިޑޭޓުންގެ މަންދޫބަކަށްވުމަށް އެދި ހުށައެޅުމަށް އިތުރު ފުރުޞަތެއް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މި ފުރުޞަތު އަލުން ދިނުމަށް ނިންމީ އިންތިޚާބު ބާއްވާ ތާރީޚު ބަދަލުވުމުން ކަމަށެވެ. ކުރިން މަޖިލިސް އިންތިޚާބު ބާއްވަން ނިންމާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން އަންނަ މަހުގެ 21 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

އޮބްޒަރވްކުރުމާއި މޮނިޓަރކުރުމުގެ އިތުރުން މަންދޫބަކަށްވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލުމަށް ނިންމާފައިވަނީ މިމަހުގެ 19 އިން ފެށިގެން 21 ވަނަ ދުވަހާ ހަމައަށެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ހާމަކޮށްފައިވާ ގޮތުން މިހާތަނަށް ޖުމްލަ 9942 މީހަކު އޮބްޒަރވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލާފައިވެއެވެ. އެގޮތުން 5032 މީހަކު މޮނިޓަރކުރުމަށް އެދި ކުރިމަތިލާފައިވާއިރު 2968 މީހަކު އޮބްޒަރވްކުރުމަށް އެދި ކުރިމަތިލާފައިވާކަމަށް ކޮމިޝަނުން ވިދާޅުވެއެވެ. އަދި 1942 މީހަކު ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލާފައިވެއެވެ.

އެ ކޮމިޝަނުން ވަނީ މަންދޫބުން ބަދަލުކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް އެ ފުރުޞަތު އޮންނާނެކަމަށް ވެސް ވިދާޅުވެފައެވެ.

އިންތިޚާބުތަކުގައި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ ފަރާތުން އިންތިޚާބުގެ ކަންކަން ކުރިއަށްދާގޮތް ބެލުމަށް ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކެވެ. އަދި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އިލެކްޝަނުން ހުއްދަ ދޫކުރާ ފަރާތްތަކެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިންތިޚާބު އޮބްޒާވްކުރުމަށް ހުށައަޅަންވާނީ އުމުރުން 18 އަހަރުވެފައިވާ މީހުންކަމަށެވެ. އަދި އޮބްޒާވަރުންނާއި މޮނިޓަރުން އެއްވެސް ކެންޑިޑޭޓަކަށް ކެމްޕެއިން ކޮށްދީގެން ނުވާނެކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.