ޚަބަރު

ޢަރަބިއްޔާ ސުކޫލްގެ އައު އިމާރާތުގެ ކުރެހުމަށް ބަދަލުތަކެއް ގެންނަނީ


  • ޑިޒައިނަށް ބަދަލުގެނަޔަސް ޕްރޮޖެކްޓް ސްކޯޕަކަށް ބަދަލެއް ނާންނާނެ

  • ބިން ބަދަލުވުމާއި އަންޑަރ ގްރައުންޑް ޕާކިންއަށް ސާރވޭތަކެއް ދަނީ ކުރަމުން

  • އަމާޒަކީ 2 އަހަރުން ސްކޫލުގެ މަސައްކަތް ނިންމާލުން

ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ ކުރެހުމަށް ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާއީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް މަޑުޖެހިފައިވަނިކޮށް، މި ސަރުކާރުން ވަނީ އެ ސްކޫލު އެޅުމަށް ކުރިން ހަމަޖެއްސި ބިން ބަދަލުކޮށް، މިދިޔަމަހުގެ 24 ވަނަ ދުވަހު އެ ސްކޫލުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށާފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާއީލް ޝަފީޢު ވިދާޅުވީ ސުކޫލްގެ އައު އިމާރާތުގެ ކުރެހުމަށް ބަދަލުތަކެއް ގެނައުމަށް ނިންމިނަމަވެސް، މުޅި ޑިޒައިނަށް މާ ބޮޑެތި ބަދަލުތަކެއް ނާންނަކަމަށެވެ. އެހެންނަމަވެސް އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިން ސަރވޭ ކުރިއިރު ބިމުގައި ލޭންޑް ފިލްކުރަން ނުވަތަ ޝީޓްޕައިލް ކުރަން ޖެހޭނެކަން ފާހަގަކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް މިހާރު ކުރަމުންދަނީ ކުރިން އެ ޢިމާރާތް އަޅަން ނިންމި ބިމުގައި ނޫންކަމުން، އިތުރަށް ކުރަންޖެހޭ ސަރވޭތަކެއް އެބަހުރިކަމަށެވެ. އެގޮތުން އަންޑަރ ގްރުއުންޑް ޕާކިންއަކާއެކު ހަދާއިރު އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރިކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"އަންޑަރ ގްރައުންޑް ޕާކިންއެއްލާފައި މިހާރު ހަދާފައި އިންނާނީ. މި ޑިޒައިނަށް ބަދަލެކޭ މި ދެއްނެވީ ސުކޫލެއްގެ ތެރޭގައި ހުންނަންޖެހޭ ކޮމްޕޯނެންޓެއް މަދެއްނުވާނެ. ކޮންސެޕްޓަށް މާ ބޮޑު ބަދަލެއް ނާންނާނެ." ވަޒީރު ވިދާޅުވިއެވެ.

ޢަރަބިއްޔާ ސްކޫލްގެ ދާއިމީ އިމާރާތް ހަދަން އެންމެ ފުރަތަމަ ނިންމީ ބައު ޖަމާލުއްދީން ހުރި ބިމުގައެވެ. އެ މަސައްކަތަށް ބާ ޖަމާލުއްދީންގެ ޢިމާރާތް ތަޅާލައި ބިން ހުސްކުރުން ފިޔަަވާ މިދިޔަ ސަރުކާރުގައި އެތަނުގައި އިތުރު އެއްވެސް މަސައްކަތެއް ކުރިއަށްގެންގޮސްފައެއްނުވެއެވެ.

އެހެންކަމުން މި ސަރުކާރު އައިސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ-14ގައި ހިމަނުއްވާ ޢަރަބިއްޔާ ސުކޫލްގެ އައު އިމާރާތުގެ އެޅުމަށް ނިންމެވީ ކުރީގެ ކުނިކޮށި ހުރި ބިންކަމުގައިވާ 381 ނަންބަރު ކޮށިގައެވެ.

އެގޮތުން އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އައު އިމާރާތުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއާއި ހަވާލުކޮށް އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގައި 42 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، 4 ލިފްޓުގެ އިތުރުން ސްކޫލެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތެއް ފުރިހަމަވެފައި ހުންނާނެ ކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ޢަރަބިއްޔާގެ އައު އިމާރާތް އެޅުމަށް ނިންމާފައިވަނީ 6 ފަންގިފިލާއަށެވެ. އެހެންނަމަވެސް މި ސަރުކާރުން ވަނީ މަޝްރޫޢުގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސް 10 ފަންގިފިލާއަށް އެޅުމަށް ނިންމާފައެވެ. މިތަނުގެ ޢަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު، ސަރުކާރުގެ އަމާޒަކީ 2 އަހަރު ދުވަހުން މި ސްކޫލުގެ މަސައްކަތް ނިންމާލުމެވެ.

ޢަރަބިއްޔާ ސުކޫލްގެ އައު އިމާރާތް ވެގެންދާނީ ރާއްޖޭގައި އެންމެ ފުރަތަމަ އަންޑަރ ގްރައުންޑް ޕާކިން އަކާއެކު ތަރައްޤީކުރާ ފުރަތަމަ ސުކޫލް އިމާރާތައްކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވަނީ ވިދާޅުވެފައެވެ.