ޚަބަރު

ދެ ދުވަސްތެރޭ މާލޭ މަގުތަކުން 88 ވެހިކަލް ޓޯކޮށްފި


  • ޤަވާޢިދާ ޚިލާފަށް ޕާކްކުރާ އުޅަނދުތައް ޓޯކުރަން ފެށީ މިދިޔަ ހަފުތާގައި

  • ބުދަ ދުވަހުގެރޭ 40 ވެހިކަލް ޓޯކޮށްފައިވޭ

  • ބުރާސްފަތިދުވަހުގެ ރޭ 48 ވެހިކަލް ޓޯކޮށްފައިވޭ

މާލެ ސިޓީގެ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި އޮތް 48 ވެހިކަލް ފުލުހުން ރޭ ޓޯކޮށްފިއެވެ.

މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ޓްރެފިކް ބޮއްސުންލުމުގެ ސަބަބުން ޤަވާޢިދާ ޚިލާފަށް ޕާކްކުރާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ފެށީ މިދިޔަ ހަފުތާގައެވެ.

މި މަސައްކަތުގެ ދަށުން މިދިޔަ ބުދަ ދުވަހުގެ ރޭ ވެސް ވަނީ މާލޭގެ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި އޮތް 40 ވެހިކަލް ޓޯކޮށްފައެވެ. އަދި ބުރާސްފަތިދުވަހުގެ ރޭ 48 ވެހިކަލް ޓޯކޮށްފައިވާއިރު، 2 ދުވަސްތެރޭ ފުލުހުން ޓޯކޮށްފައިވާ ވެހިކަލްތަކުގެ އަދަދު މިވަނީ 88އަށް އަރާފައެވެ.

ފުލުހުން ވިދާޅުވީ ބައެއް ސަރަޙައްދުތަކުގައި ޤަވާޢިދާ ޚިލާފަށް ޕާކުކުރޭތޯ ފުލުހުން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ބައްލަވަމުންގެންދާނެކަމަށެވެ. އެގޮތުން ގްރީން ޒޯނާއި، ޕަބްލިކް ޓްރާންސްޕޯޓް ދުއްވާ މަގުތަކާއި، މަގުތަކާއި ގޯޅިތަކުގެ ކަންމަތިގެ އިތުރުން ސްކޫލުތައް ހިމެނޭ ސަރަޙައްދު ބައްލަވަމުންދާނެކަމަށް ފުލުހުން ވިދާޅުވެއެވެ.

މީގެ އިތުރުން އޮފީސް ޢިމާރާތްތަކާއި، ހޮސްޕިޓަލްތަކާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަކޮށްފައިވާ ތަންތަނާއި، މިސްކިތްތަކާއި، އާންމު ގޭބިސީތަކާއި ގަރާޖުތަކުން، ވަދެނުކުމެ ހަދާ މީހުންނަށް ދަތިވާހެން ޕާކުކޮށްފައިވާނަމަ ފިޔަވަޅު އަޅުއްވާނެކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

މާލޭ ސަރަޙައްދުގައި ޕާކް ކުރާނެ އިތުރު ޖާގަތައް ޤާއިމްކުރެވެންދެން ޕާކިން ސްޓިކާ ޖެހުން މަޑުޖައްސާލީ މިދިޔަ ޖެނުއަރީމަހުއެވެ. ނަމަވެސް އޭގެފަހުން މަގުތަކުގެ ދެ ފަރާތުގައިވެސް ގިނަ އުޅަނދުތަކެއް ޕާކުކޮށްފައި ހުރުމުގެ ސަބަބުން މަގުމަތީގެ ޓްރެފިކް ބާރުބޮޑުވެ މަގުތައް ބޭނުންކުރުމުގައި އުނދަގޫވާތީ، އެކަމުގެ ޝަކުވާ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ.