ޚަބަރު

ޙަޔާތަށް ދިރުން ގެންނަން އެދޭނަމަ ކީރިތި ޤުރުއާން އުނގެނި ޤުރުއާނަށް ޢަމަލުކުރަންޖެހޭ: ޑރ. ޝަހީމް


  • ކީރިތި ޤުރުއާނުގައި ހުރި ވާހަކަތަކަކީ އައު ވާހަކަތަކެއް ނޫން

  • ގިނަ ގިނައިން ޤުރުއާނުގެ ވާހަކަދައްކަންޖެހެނީ ހަނދުމަކޮށްދިނުމަށް

  • ކީރިތި ޤުރުއާނުގެ މައްޗަށް ތަރުބިއްޔަތުވީ ޖީލަކީ ދިރުން ލިބިގެންވާ ޖީލެއް

  • ކީރިތި ޤުރުއާން ފަދަ ޝަރީޢަތެއް ދުނިޔޭގެ ބިންމަތީގައި ނުވޭ

ކީރިތި ޤުރުއާނުގެ މައްޗަށް ތަރުބިއްޔަތުވި ޖީލަކީ ދިރުން ލިބިގެންވާ ޖީލެއްކަމަށާއި އަޅުގަނޑުމެންގެ ޙަޔާތަށް ދިރުން ގެންނަން އެދޭނަމަ ކީރިތި ޤުރުއާން އުންގެނި ޤުރުއާނުގެ އުސޫލުތަކުގެ މައްޗަށް ޢަމަލުތައް ބިނާކުރުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފިއެވެ.

ވަޒީރު މިފަދައިން ގޮވާލެއްވީ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް ބޭއްވި ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ. އިޙްޔާ ފޯރަމްގެ މިރޭގެ މަޢުޟޫއަކީ "ކީރިތި ޤުރުއާނާއި ޙަޔާތާއި ހުރި ގުޅުން." މިމަޢުޟޫއެވެ.

ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް ބޭއްވި ފޯރަމްގައި ތަޤުރީރުކުރައްވަމުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ކީރިތި ޤުރުއާނުގައި ހިމެނޭ ވާހަކަތަކަކީ އައު ވާހަކަތަކެއް ނޫންކަމަށެވެ. އެހެންނަމަވެސް ސްކޫލް ކުދިންނާއި އަދި އަރަމުން އަންނަ ޒުވާން ޖީލަށް ތަކުރާރުކޮށްދެވޭ ހަނދުމަކޮށްދެއްވުމެއްކަމަށެވެ.

ފޯރަމްގައި ކީރިތި ޤުރުއާނުގެ ވާހަކަތައް ތަފްޞީލުކޮށްދެއްވަމުން ވަޒީރު ވިދާޅުވީ، މާތްﷲ ކީރިތި ޤުރުއާން ބާވާލެއްވީ ދުނިޔެ އިޞްލާޙީ ބަދަލަކަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ދުވަސްވަރެއްގައިކަމަށެވެ.

ދުނިޔެ މަތީގައި އަނިޔާވެރިކަމާއި ފަސާދައާއި ޝިރުކު އިންތިޙާއަށް ގޮސްފައިވާ ދަނޑިވަޅެއްގައި ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހިވަސައްލަމަ މެދުވެރިކުރައްވާ ކީރިތި ޤުރުއާނުގެ ޒަރީއްޔާއިން
އެއިލާހުވަނީ ދުނިޔެއަށް ބޭނުންވެފައިވީ އިންސާފުގެ ޔަޤީންކަން ބާވާލައްވާފައިކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކީރިތި ޤުރުއާން ކިޔަވާ މީހާއަށް ޤިޔާމަތްދުވަހުން ޤުރުއާން ޝަފާޢަތްތެރިވާނެކަމަށެވެ. އަދި އެއީ ނޫރެއްކަމަށާއި، ޙަޔާތަށް ދިރުން ގެނެސްދޭ އެއްޗެއްކަމަށް ވަޒީރު ހަނދާންކޮށްދެއްވިއެވެ.

"ކީރިތި ޤުރުއާނުގެ މައްޗަށް ތަރުބިއްޔަތުވީ ޖީލަކީ ދިރުން ލިބިގެންވާ ނަމޫނާ ޖީލެއް. އަޅުގަނޑުމެންގެ ހަޔާތަށް ދިރުން ގެންނަން ބޭނުންކަމުގައިވާނަމަ ކީރިތި ޤުރުއާން އުނގެނެންވީ. ކީރިތި ޤުރުއާން ދަސްކުރަންވީ. އަޅުގަނޑުމެންގެ ޢާއިލާތަކާއި މުޖުތަމަޢުތަކާއި ދައުލަތް އެބަޖެހޭ ކީރިތި ޤުރުއާންގެ އުސޫލުތަކުގެ މައްޗަށް ގެންނަން." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ދުނިޔޭގެ ތާރީޚަށް ބެލިޔަސް ކީރިތި ޤުރުއާން ފިޔަވާ ޙާޔާތުގެ ހުރިހާ މައިދާނަކަށް ބޭނުންވާ އުޞޫލުތައް ބަވާލައްވާފައިވާ ޝަރީޢަތެއް ފެންނަން ނެތްކަމަށެވެ. މިގޮތުން އެކި ކަންކަމާއި ގުޅިގެން ހުރި ޙުކުމްތަކުގެ މައްޗަށް ވަޒީރުވަނީ ފޯރަމްގައި އަލިއަޅުއްވާލައްވަފައެވެ.

"ދުނިޔޭގެ ކޮން ޝަރީޢަތެއްގައިތޯ މިވާހަކަ އޮތީ؟ ދުނިޔެގެ ކޮން ވަޟަޢީ ފަލްސަފާއެއްގައިތޯ މިކަން މިހާތަފްސީލްކޮށް ބަޔާންކުރައްވާފައި އޮތީ؟ ކީރިތި ޤުރުއާނުގައި އެކަނި އޮތީ. ދުނިޔޭގެ އެއްވެސް ވަޟަޢީ ފަލްސަފާއެއްގައި ނެތޭ، ޤާތިލަށް އެއްކޮށް މަޢާފްދެވޭނެ އުސޫލްތަކެއް ކަނޑައެޅިފައެއް ކީރިތި ޤުރުއާނުގައި ނޫނިއްޔާ. ޤުރުއާނުގައި އޮތީ ހަމައެކަނި މަރަށް މަރުހިފާވާހަކައެއް ނޫނޭ. ޤުރުއާނުގައި އެބޯތޭ ޤާތިލަށް މަޢާފްދޭވާހަކަ. ޤުރުއާނުގައި އެބޯތޭ މަރުގެ ދިޔަ ނަގާފައި މަޢާފްދޭވާހަކަ އަދި މަރުގެ ދިޔަ ނުނަގާވެސް މަޢާފްދޭވާހަކަ ޤުރުއާނުގައި އެބައޮތޭ." ވަޒީރު ވިދާޅުވިއެވެ.

އިންސާނިއްޔަތަށް އިންސާފުގެ ޔަޤީންކަމާއި ޙަޔާތަށް ނޫރެއްކަމުގައި ބަވާލެއްވި ކީރިތި ޤުރުއާން ކިޔަވާ މި ބަރަކާތްތެރި މަހުގައި އެފޮތާއި ގާތްގުޅުމެއް އުފެއްދެވުމަށް ވަޒީރުވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް ބޭއްވި ފޯރަމްގައި ސްކޫލްތަކުގެ ދަރިވަރުންނާއި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.