ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޓިކެޓުތަކުގެ އަގު ހެޔޮކޮށްފިއެވެ. މޯލްޑިވިއަންގެ ޚިދުމަތް ދެމުން އަންނަ ހުރިހާ މަންޒިލަކަށް ކުރާ ދަތުރުތަކުގެ އަގުވަނީ ހެޔޮކޮށްފައެވެ.
މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އެވިއޭޝަން ސަރވިސްއިން ޢާއްމުކޮށްފައިވާ ޓިކެޓުތަކުގެ އަގުތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ހެޔޮވާނެކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މިހާރުވެސް ދަރަވަންދޫއާއި މަޑިވަރަށް އަގުތައް ހެޔޮކޮށްފައިވާނެކަމަށް އެކުންފުނިން ބުނެއެވެ.
އައިލެންޑް އެވިއޭޝަނުން ބުނީ ފެއަރގެ އަގުތަކަށް މިގެނެވުނު ބަދަލާއެކު ދަތުރުފަތުރުކުރުމުގައި ޢާއްމުންނަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށެވެ. އަދި އެކުންފުނީގެ ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓު ނެގޭނެކަމަށް އެކުންފުނިން ބުނެއެވެ.
ޓިކެޓު ޔަޤީންކުރުމަށް ދުރާލާ ބުކިންގ ހެއްދުމަށް އެކުންފުނިން ބާރު އަޅައެވެ. އައިލެންޑް އޭވިއޭޝަނުން ބުނީ އަމާޒަކީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ މަންޒިލަކަށްވެސް ރައްކާތެރިކަމާއި އިތުބާރާއެކު އޯގާތެރި ޚިދުމަތެއް ފޯރުކޮށްދިނުންކަމަށެވެ.
މޯލްޑިވިއަންގެ އަގުތައް ބޮޑުވުމުގެ ކަންބޮޑުވުމަކީ ގިނަ ބައެއްގެ އޮތް ދުވަސްވީ ޝަކުވާއެކެވެ. މިކަމަށް ޙައްލެއް ގެނެސްދިނުމަށް ރައްޔިތުންވަނީ ހުރިހާ ސަރުކާރަކަށްވެސް ދަންނަވާފައެވެ.