ޚަބަރު

އެމްޕީއެލްއިން "ސީ-ޓު-އެއަރ ކާގޯ ޓްރާންސްޝިޕްމަންޓް" ޚިދުމަތް މާދަމާ ފަށަނީ


  • މިއީ ކަނޑާއި ވައިގެ މަގުން މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުން

  • މިޚިދުމަތަކީ ފަސޭހަ އަދި އަވަސް ޚިދުމަތެއްކަމަށް އެމްޕީއެލްއިން ބުނޭ

  • އެމްޕީއެލްއިންވަނީ މިޚިދުމަތުގެ ޓެރިފު ރޭޓުތައް އާއްމުކޮށްފައި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑު، އެމްޕީއެލްއިން "ސީ-ޓު-އެއަރ ކާގޯ ޓްރާންސްޝިޕްމަންޓް" ޚިދުމަތް މާދަމާ ފެށުމަށް ނިންމައިފިއެވެ.

އެމްޕީއެލްއިން ކުރި އިޢުލާނެއްގައިވަނީ ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ ކަނޑާއި ވައިގެ މަގުން މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމަށް ތަޢާރަފްކުރާ ފަސޭހަ އަދި އަވަސް ޚިދުމަތެއްކަމަށެވެ. އަދި މި ހައިބްރިޑް މޮޑެލްގެ ސަބަބުން މި ސަރަހައްދުގެ ވިޔަފާރިތަކާއި ސިނާއަތްތަކުގެ ބޭނުންތައް ފުއްދައިދީ، މުދާ އުފުލުމުގެ ޚިދުމަތް އަވަސް އަދި ހަރުދަނާ ގޮތެއްގައި ބެލެހެއްޓޭނެ ކަމަށެވެ.

"ސީ-ޓު-އެއަރ ކާގޯ ޓްރާންސްޝިޕްމަންޓް" ޚިދުމަތް ފެށުމަށް ނިންމާފައިވާކަން އިޢުލާންކޮށް އެމްޕީއެލްއިންވަނީ ޓެރިފު ރޭޓުތައްވެސް އާއްމުކޮށްފައެވެ.

އެގޮތުން 20 ފޫޓުގެ ކޮންޓެއިނަރގެ އަގަކީ 654.13 ޑޮލަރެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރގެ އަގަކީ 812.71 ޑޮލަރެވެ.

އެމްޕީއެލްއިން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމް ވިދާޅުވީ ރާއްޖެއަށް ކަނޑުމަގުން އެތެރެކުރާ މުދާ ވައިގެ މަގުން އެހެން ޤައުމުތަކަށް ފޮނުވުމަށް ބޮޑު ޑިމާންޑެއް އޮތްކަމަށެވެ.

އަދި އެމްޕީއެލްއަށް އިތުރު އާމްދަނީއެއް ހޯދުމުގެ މަސައްކަތުގެ ދަށުން މިމަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށްވެސް ވަޖީހު ވަނީ ވިދާޅުވެފައެވެ. އަދި ޓާކިޝް އެއަރލައިނާ އެކު މިކަމާއި ގުޅޭ މަޝްވަރާތައްކޮށްފައިވާކަމަށް ވަޖީޙު ވިދާޅުވެއެވެ.