ޚަބަރު

ދަރިވަރުންގެ ފުރަތަމަ އިޙްޔާ ފޯރަމް މަސްޖިދުލް އަޤްޞާއަށް ޚާއްސަ


  • ދަރިވަރުންގެ ފުރަތަމަ އިޙްޔާ ފޯރަމް ހުށައަޅާފައިވަނީ ޢަރަބިއްޔާގެ ދަރިވަރުން

  • މަޢުޟޫއަކީ "މަސްޖިދުލް އަޤްޞާއާއި މުސްލިމުންނާ ގުޅިފައިވާ މިންވަރު"

  • ފަލަސްޠީނުގެ ތާރީޚާއި މިއަދުގެ ޙާލަތަށް ވަނީ އަލިއަޅުވާލާފައި

ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން ސްކޫލް ކުދިންގެ ފުރަތަމަ ފޯރަމް ބާއްވައިފިއެވެ.

މިރޯފަމްގައި އަލިއަޅުވަލާފައިވަނީ ފަލަސްޠީނުގެ ބިމާއި "މަސްޖިދުލް އަޤްޞާއާއި މުސްލިމުންނާ ގުޅިފައިވާ މިންވަރު" މި މަޢުޟޫއަށެވެ.

މިއަހަރުގެ ރަމަޟާން މަހު ސްކޫލް ކުދިން ހުށައަޅައިދިން ފުރަތަމަ އިޙްޔާ ފޯރަމްގައި މަޢުލޫމާތު ހުށައަޅާފައިވަނީ އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުންނެވެ. 3 ބަޔަކަށް ފޯރަމްގައި މަޢުލޫމާތު ހުށައަޅާދީފައިވެއެވެ. އެގޮތުން ފަލަސްޠީނުގެ ތާރީޚާއި މަސްޖިދުލް އަޤްޞާގެ މާތްކަމާއި މުސްލިމުންގެ ހިތްތަކުގައި އެތަނުގެ މަޤާމާއި ގުޅޭގޮތުންނާއި މިއަދު އަޤްޞާގެ ޙާލަތަށްވަނީ އަލިއަޅުވާލާފައެވެ.

ދަރިވަރުން ވަނީ އިސްލާމް ތާރީޚު ފެށުނީއްސުރެ ފަލަސްޠީނުގެ ބިމާއި މުސްލިމުންނާއި ގުޅިފައިވާ މިންވަރު ކީރިތި ޤުރުއާނުގެ އެހީގައި ގެނެސްދީފައެވެ. މިގޮތުން މުސްލިމުން ރަސޫލުންނާއި ނަބީންކަމަށް އީމާންވާ އެތައް ނަބިއްޔުންނެއްގެ ބިންކަން ދަރިވަރުންވަނީ ހިއްސާކޮށްފައެވެ.

"ކީރިތި ޤުރުއާނުގައި ބަޔާންވެގެންވާ ނަބިއްޔުންނާއި ރަސޫލުންގެ ތެރޭގައި ހިމެނޭ 25 ބޭކަލުންގެ ތެރެއިން 9 ބޭކަލަކު އުފަންވެވަޑައިގަތީ ފަލަސްޠީނުގެ ބިމަށް. ދާއޫދުގެފާނާއި ސުލައިމާނުގެފާނުގެ ވަރުގަދަ ވެރިކަން ކުރެއްވި ބިމަކީ ފަލަސްޠީނުގެ ބިން. ޢީސާގެފާނު އުފަންވެވަޑައިގަތުމާއި އެކަލެގެފާނުގެ ޙަޔާތްޕުޅުވޭތުކުރެއްވީ އަދި އުޑަށް އުފުއްލެވުނު ބިމަކީ ފަލަސްޠީނުގެ ބިން." ދަރިވަރުން ކިޔައިދިނެވެ.

މިއަދު އެބިމުގެ ޙާލަތުވެސް ދަރިވަރުންވަނީ ފޯރަމްގެ ބައިވެރިންނާއި ހިއްސާކޮށްފައެވެ. މިގޮތުން ހަނގުރާމަ ވަރުގަދައަށް ފެށިގެން މިވީ 5 މަސްދުވަހުގެ ތެރޭގައި އެތައްހާސް ކުޑަކުދިންނެއް ޝަހީދުކޮށްލާފައިވާކަން އެކުދިންވަނީ ފޯރަމްގައި ހިއްސާކޮށްފައެވެ.

"ކަމާބެހޭ ފަރާތްތަކުން ހާމަކުރާގޮތުގައި 7 އޮކްޓޯބަރުން ފެށިގެން މިހާތަނަށް 12000 އަށްވުރެ ގިނަ ކުޑަކުދިންނާއި 8000 އަށްވުރެ ގިނަ އަންހެނުން ހިމެނޭހެން 31000 އަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުންވަނީ ޝަހީދުކޮށްލާފައި." ދަރިވަރުން ކިޔައިދިނެވެ.

މިފޯރަމް އަޑުއެހުމަށް ގިނަ ޢަދަދެއްގެ ސްކޫލް ދަރިވަރުން ބައިވެރިވެފައިވާއިރު، އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، އިސްލާމިކް މިނިސްޓްރީގެ އިސްބޭފުޅުންނާއި ގިނަ ޢިލްމުވެރިންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ސްކޫލްތަކުގެ ދަރިވަރުން ލައްވާ އިޙްޔާ ފޯރަމް ކުރިއަށް ގެންދަނީ ވަކި މައުޟޫއެއް ނެގުމަށްފަހު ސްކޫލްތަކަށް އެ މައުޟޫއު ހަވާލުކޮށް ދުރާލާ ތައްޔާރުވެގެންނެވެ. އަދި އެ ދަރިވަރުން ބޭނުންވާ މަޢުލޫމާތުތައް އިލްމުވެރިން ފޯރުކޮށްދޭކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މީގެ އިތުރުން ތައްޔާރުކުރާ ޕްރެޒެންޓޭޝަން ނިމުމުން ރަނގަޅަށް ބެލުމަށްފަހު އެއްވެސް މައުލޫމާތެއް މަދުވާނަމަ އެމައުލޫމާތެއްވެސް އިލްމުވެރިން ފޯރުކޮށްދެއެވެ.

ސްކޫލް ދަރިވަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މި ފޯރަމަކީ ސްކޫލް ދަރިވަރުންގެ މެދުގައި ދީނާ މެދު އޮންނަ ލޯބި އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދާ ފޯރަމެކެވެ. އިހްޔާ ފޯރަމަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހެއްގައި ވެސް ބާއްވަމުން އަންނަ ފޯރަމެކެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް މާލެއާއި އަތޮޅުތަކުގައި މިފޯރަމްތައް ބާއްވާގޮތަށް ވަނީ ހަމަޖައްސާފައެވެ.