ޚަބަރު

ހެލްތު އިންޝުއަރެންސް ހޯދުމުގައި ހުރި ދަތިތަކަށް ހައްލު ހޯދައިދޭނަން: ރައީސް


  • ރައީސް މިހެން ވިދާޅުވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި

  • ހެލްތު އިންޝުއަރެންސްގެ ނިޒާމަކީ ވަކި އުސޫލުތަކެއް ކަނޑައެޅިފައި އޮންނަ ކަމެއް

  • ކަމާއި ގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރައްވާނެކަމަށް ރައީސް ވިދާޅުވި

އާއްމު ރައްޔިތުން ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ހޯދުމުގައި ހުރި ދަތިތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމަށް ގދ.ގައްދޫ، ގުލްޒާރުވާދީ، ޙުސައިން ތައުފީޤް، ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ޙުސައިން ތައުފީޤުވަނީ އަމިއްލަ ފަރުދުންނަށް ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ހޯދުމުގައި އިތުރު ލުއިފަސޭހަ ލިބޭނެ ގޮތަކާމެދު ސުވާލުކޮށްފައެވެ. އެގޮތުން އަމިއްލަ ފަރާތްތަކުން ބޮޑު އަގެއްގައި ހެލްތު އިންޝުއަރެންސް ނަގާއިރު، އިންޝުއަރެންސްގެ ގޮތުގައި ފައިސާ ލިބެނީ އަމިއްލައަތުން ފައިސާ ޚަރަދުކޮށްގެން ޑޮކްޓަރަށް ދެއްކުމަށްފަހު ކަމަށާއި، އަދި ޑޮކްޓަރަށް ދެއްކި ބިލްތައް ހުށަހެޅުމަށްފަހުގައިވެސް ބައެއް ހާލަތްތަކުގައި އިންޝުއަރެންސް ފައިސާ ނުލިބޭ ކަމަށް ޙުސެއިން ފާހަގަކުރިއެވެ. އަދި އަމިއްލަ ފަރާތްތަކަށް ހެލްތު އިންޝުއަރެންސުން ފައިސާ ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސާދިނުމާއި ގުޅޭގޮތުން ހުސެއިންވަނީ ސުވާލުކޮށްފައެވެ.

މިސުވާލަށް ޖަވާބު ދެއްވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ ހެލްތު އިންޝުއަރެންސްގެ ނިޒާމަކީ ވަކި އުސޫލުތަކެއް ކަނޑައެޅިފައި އޮންނަ ކަމަކަށްވުމުން، ކަމާއިގުޅޭ ފަރާތްތަކާއެކު މިކަމަށް ހައްލު ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

"މަޝްވަރާކުރާނަން، ކަމާބެހޭ އިދާރާތަކުގައި ދަންނަވާނަން، މިހާރަށްވުރެ ރަނގަޅުގޮތަކަށް ޚާއްސަކޮށް އާއްމު ފަރުދުން، ހެލްތު އިންޝުއަރެންސްގެ ނިޒާމުގެތެެރެއިން ބައިވެރިވެގެން ކުރިއަށްދާއިރު، ތި ވިދާޅުވި ކަންތައް ބަލާދީ، ރަނގަޅުގޮތެއް ހަދާދިނުމަށް ދަންނަވާނަން،" ރައީސް ވިދާޅުވިއެވެ.

މިސަރުކާރުން ގެންދަވަނީ އާއްމުންނަށް ޞިއްޙީ ޚިދުމަތްތައް ހޯދުމުގައި ހުރި ދަތިތަކަށް ހައްލު ހޯދާދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އާސަންދައިގެ ދަށުން ސަރުކާރުގެ ޞިއްޙީ ޚިދުމަތް ދެމުން އަންނަ ތަންތަން މެދުވެރިކޮށް އަހަރަކު ދެ ފަހަރު މެޑިކަލް ޗެކްއަޕް ހެދޭނެ އިންތިޒާމްވަނީ ހަމަޖައްސަވާފައެވެ.

އަދި ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ދެ ފަރުވާއެއް ކަމަށްވާ، އައިވީއެފް އާއި އައިޔޫއައިއަށް އާސަންދައިގެ ދަށުން އެދުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހު ހުޅުވާލުމަށްވެސް ވަނީ ތައްޔާރުވެފައެވެ.