އައްޑޫ ސިޓީގެ ސެންޓްރަލް ޕަވަރ ޕްލާންޓްގެ 1 މެގަވޮޓްގެ ޖެނެރޭޓަރު ސެޓަކަށް ދިމާވި މައްސަލައަކާ ގުޅިގެން ލޯޑު މަތިވާ ގަޑިތަކުގައި ވަކި ތާވަލަކަށް އެސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކައިން ވަނީ އަންގާރަ ދުވަހުން ފެށިގެން ކުރިއަށް އޮތް 7 ދުވަހު އެކި ގަޑިތަކުގައި ކަރަންޓު ކަނޑަން ހަމަޖެހިފައިވާ ތާވަލު އައްޑޫ ސިޓީގެ ގޭބިސީތަކަށް ފޮނުވާފައެވެ.
މިކަމާއި ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުން ހުރުމާއެކު ޕީއެސްއެމް ނިއުސްއިން ފެނަކަ ކޯޕަރޭޝަނަށް ގުޅުމުން އެކޯޕަރޭޝަނުން ބުނީ އައްޑޫގެ ސެންޓްރަލް ޕަވަރ ޕްލާންޓްގެ 1 މެގަވޮޓްގެ ޖެނެރޭޓަރަކަށް މައްސަލަ ޖެހިފައިވާކަމަށެވެ. އެހެންކަމުން މި މައްސަލަ ޙައްލުކުރެވެންދެން ކަރަންޓު ލޯޑު ބޮޑުވާ ގަޑިތަކާއި ދިމާކޮށް ކޮންމެ ދުވަހަކުވެސް އެއް ގަޑިއިރަށް އެކި ސަރަޙައްދުތަކުން ކަރަންޓު ކަނޑަމުންދާނެކަމަށް ފެނަކައިން ބުނެއެވެ. ޖެނެރޭޓަރު ސެޓަށް ދިމާވީ ކޮން މައްސަލައެއްކަން އެކުންފުނިން ހާމަކޮށްފައިނުވެއެވެ.
އައްޑޫ ސިޓީގެ ސެންޓްރަލް ޕަވަރ ޕްލާންޓްގެ 1 މވ ޖެނެރެޓަރ ސެޓް އަކަށް ދިމާވި މައްސަލަ އަކާއި ގުޅިގެން، ތާވަލު ކުރެވިގެން ލޯޑު މަތިވާ ގަޑިތަކުގައި ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑަން ޖެހިފައިވާ ވާހަކަ ދަންނަވަން. އަދި މައްސަލަ ޖެހުނު 1 މވ…
— Fenaka Corporation Ltd (@TeamFenaka) March 12, 2024
ފެނަކައިން ބުނީ މައްސަލަ ޖެހުނު 1 މެގަވޮޓްގެ ޖެނެރޭޓަރު ސެޓުގެ އިތުރުން 2 މެގަވޮޓްގެ ޖެނެރޭޓަރު ސެޓުވެސް މަރާމާތު ކުރަމުންދާކަމަށެވެ. އެހެންކަމުން މި މަސައްކަތުގައި ކަރަންޓު ކަނޑަން ކޮންމެހެން ޖެހިފައިވާކަން ފާހަގަކޮށް އެކުންފުނިންވަނީ އެކަމުގައި ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށްޓަކައި މައާފަށް އެދިފައެވެ.
އައްޑޫ ސިޓީގެ ގުޅިފައިވަ ރަށްތަކުން ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވާ ތާވަލުގައި ރަމަޟާން މަހުގެ ރޯދަ ވީއްލާ ގަޑިއާއި ދިމާކޮށް ކަރަންޓު ކެނޑުމަށް ނިންމާފައިވުމުން އެކަމާއި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިގޮތުން ކޮންމެ ދުވަހެއްގެވެސް މެންދުރުފަހު 13:00 އިން ފެށިގެން އިރުއޮއްސި 19:00 ޖެހުމާއި ހަމައަށް އެކި ސަރަޙައްދުތަކުން ގަޑިއިރަކަށް ކަރަންޓު ކަނޑަމުންދާނެކަމަށް ފެނަކައިން ގޭބިސީތަކަށް ފޮނުވި އެންގުމުގައި ވަނީ ބަޔާންކޮށްފައެވެ. އަދި މިމައްސަލަ ޙައްލުކުރުމަށް 7 ނުވަތަ 8 ދުވަސް ހޭދަވާނެކަމަށް ލަފާކުރެވޭކަމަށާއި އެ ދުވަސްތަކުގައި ވީހާވެސް މަދުން ކަރަންޓު ބޭނުންކުރުމަށް ފެނަކައިން ވަނީ އިލްތިމާސްކޮށްފައެވެ.