ޚަބަރު

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުގައި 2 ދައުރު އަދާކޮށްފިނަމަ އުމުރަށް ޢިނާޔަތްދެނީ


  • ޢުމުރުން 55 އަހަރުވުމުން ވަޒީފާއިން ރިޓަޔަރކޮށް ޢިނާޔަތް ހޯދުމަށް އެދުމުން ދޭންވާނެ

  • ރިޓަޔަރކުރުމުން ދަރަޖަ ދެވޭނީ މަދުވެގެން 15 އަހަރު ޚިދުމަތްކޮށްފައިވާނަމަ

  • މެމްބަރުކަމުގައި 2 ދައުރު އަދާކުރުމުންވެސް ޢިނާޔަތް އުމުރަށް ދޭނެ

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަން ދެ ދައުރު ފުރިހަމަކޮށްފިނަމަ، ޢިނާޔަތްތަކާއެކު ރިޓަޔަރވެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަންގެ ގަވާއިދު އިސްލާޙުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ގަވާއިދަށް ގެނެވުނު 9 ވަނަ އިސްލާޙުގައި ވަނީ ކޮމިޝަންގެ ގަވާއިދުގައި "މުސާރައާއި ޢިނާޔަތްތަކާއި އިތުރުގަޑީގެ ފައިސާ ދިނުމުގެ އުސޫލު" އިސްލާޙުކޮށްފައެވެ.

މީގެ ދަށުން ރިޓަޔަރކޮށް ވަޒީފާ ދޫކޮށްލާ މުވައްޒަފުންނަށް ޢިނާޔަތްދިނުމާއި ގުޅޭގޮތުން ގަވައިދުގައިވަނީ މުވައްޒަފެއްގެ ޢުމުރުން 55 އަހަރުވުމުން ވަޒީފާއިން ރިޓަޔަރކޮށް ޢިނާޔަތް ހޯދުމަށް އެދިއްޖެނަމަ އެ މުވައްޒަފަކު ރިޓަޔަރކޮށް ޢިނާޔަތްދޭންވާނެކަމަށެވެ. މިގޮތުން ރިޓަޔަރކުރުމުން ދަރަޖަ ދެވޭނީ ވަޒީފާއިން ވަކިކުރެވޭއިރު އެމުވައްޒަފު މަދުވެގެން 15 އަހަރު ކޮމިޝަނަށް ޚިދުމަތްކޮށްފައިވާ ކަމުގައިވާނަމަ ކަމަށްވަނީ ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.

މިގޮތަށް ބަޔާންކޮށްފައިވީ ނަމަވެސް، ކޮމިޝަންގެ މުވައްޒަފަކު ކޮމިޝަންގެ މެމްބަރުކަމަށް ޢައްޔަންކުރެވި އޭނާގެ ދައުރު ހަމަވާއިރު 10 އަހަރުވެފައިވާނަމަވެސް ރިޓަޔަރަމަންޓް ޢިނާޔަތްދޭންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި މެމްބަރެއްގެ ދައުރު ހަމަވެގެން ވަޒީފާއިން ރިޓަޔަރކުރާއިރު މުސާރައިގެ 75 އިންސައްތަ އުމުރަށް ލިބިދޭގޮތަށް ގަވާއިދުވަނީ އިސްލާޙުކޮށްފައެވެ.

ގަވާއިދަށް ގެނެވުނު އިސްލާޙުގައިވާގޮތުން ރިޓަޔަރކުރާ ކޮންމެ މީހަކަށް މަހުން މަހަށް އެމީހެއްގެ މުޅި އުމުރަށް ދެވޭ ޢިނާޔަތެއްގެ ގޮތުގައި އެމީހަކު އެންމެ ފަހުން ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރައިގެ 75 އިންސައްތަ ރިޓަޔަރމަންޓް ޕޭގެ ގޮތުގައި ދޭންވާނެއެވެ. އަދި ޚިދުމަތުގައި 30 އަހަރުވެފައިވާނަމަ ރިޓަޔަރކުރާއިރު ހުރި ވަޒީފާގެ މުސާރަ ރިޓަޔަރމަންޓް ޕޭގެ ގޮތުގައި ދޭންވާނެއެވެ.

މިދިޔަ މަހު ގެނެވުނު މި އިސްލާޙަށް މިހާރު ޢަމަލުކުރަން ފަށާފައިވާއިރު ބުދަ ދުވަހު އެކޮމިޝަންގެ މިހާރުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް 5 އަހަރުގެ ދެ ދައުރު މެމްބަރުކަމުގައި ހޭދަކުރެއްވުމަށްފަހު ދައުރުހަމަވާނެއެވެ.