ޚަބަރު

2026 ވަނަ އަހަރުގެ އައިޓީބީ ފެއަރ ހޯސްޓްކުރާ ޤައުމަކަށް ރާއްޖެ ހެދުމަކީ އަމާޒެއް: ފައިޞަލް


  • މިފަހަރުގެ އައިޓީބީ ފެއަރ ގައި ރާއްޖޭގެ 107 ކުންފުންޏަކުން ބައިވެރިވި

  • މިއަހަރުގެ ފެއަރގައި ރާއްޖޭގެ ސަގާފަތާއި ކެއުންތައް ދައްކާލުމަށް ޚާއްސަ އިސްކަމެއް ދީފައިވޭ

2026 ވަނަ އަހަރު އޮންނަ އައިޓީބީ ފެއަރގައި، ފެއަރ ހޯސްޓްކުރާ ޤައުމަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އައިޓީބީ ފެއަރ 2024ގައި ބައިވެރިވުމަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.

އައިޓީބީ ފެއަރ ކޮންމެ އަހަރަކު ވެސް ބާއްވަނީ ޖަރުމަނުވިލާތުގެ ބާލިންގގައެވެ. އެހެންނަމަވެސް، މި ފެއަރ އެކި ޤައުމުތަކުން ހޯސްޓްކުރެއެވެ. މިފަހަރުގެ އައިޓީބީ ފެއަރ ހޯސްޓްކޮށްފައިވަނީ އޮމާންއިންނެވެ.

އައިޓީބީ ފެއަރއަކީ ދުނިޔޭގެ އެންމެ ބޮޑު ފަތުރުވެރިކަމާ ބެހޭ ފެއަރއެވެ. ކޮންމެ އަހަރަކުވެސް މި ފެއަރގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ގިނަ ބަޔަކު ބައިވެރިވެއެވެ. މިއީ ދިވެހިރާއްޖެއިންވެސް ޚާއްސަ އިސްކަމެއްދީގެން ބައިވެރިވަމުން އަންނަ ފެއަރއެކެވެ.

ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވީ، މި ފެއަރ 2026 ވަނަ އަހަރު ރާއްޖެއިން ހޯސްޓްކުރުމަކީ އަމާޒެއް ކަމަށެވެ. އަދި ރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ލީޑިން ޑެސްޓިނޭޝަން ކަމަށާއި 2026 ވަނަ އަހަރު އޮންނަ ފެއަރ ހޯސްޓްކުރުމުގެ އަމާޒަށް ވާޞިލްވުމުގެ އުންމީދު ބޮޑުކަމަށް ވަޒީރު ވިދާޅުވިއެވެ.

ފައިޞަލް ވިދާޅުވީ 2026 ވަނަ އަހަރު އޮންނަ ފެއަރ ހޯސްޓްކުރުމުގެ ފުރުޞަތު ރާއްޖެއަށް ލިބިއްޖެނަމަ، ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ އިސްތިހާރުކުރުމަށްކުރާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށެވެ.

"2026 ވަނަ އަހަރު އައިޓީބީ ފެއަރ ހޯސްޓްކުރުމަށް ވާންޖެހޭ ތައްޔާރީތައް ހަމަޖެއްސުމުގައި ސްޓޭކް ހޯލްޑަރުންނާއެކީ އެމްއެމްޕީއާރުސީގެ މުޅި ޓީމް އެއްކޮށް ބައްދަލުކޮށް މަޝްވަރާ ކުރާނަން. އައިޓީބީ ފެއަރ ހޯސްޓްކުރުމަށް ބޮޑު ހޭދައެއް ހިނގާނެ. އަޅުގަނޑު އުންމީދުކުރަނީ އެންމެން ގުޅިގެން މިކަން ކުރެވޭނެކަމަށް." ފައިޞަލް ވިދާޅުވިއެވެ.

މިއަހަރުގެ އައިޓީބީ ފެއަރއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިން ޑިރެކްޓަރ ފާޠިމަތު ތައުފީޤް ވިދާޅުވީ މިފަހަރުގެ ފެއަރގައި ރާއްޖޭގެ 107 ކުންފުންޏަކުން ބައިވެރިވެފައިވާ ކަމަށެވެ. އަދި ކުރީ ފަހަރުތަކެކޭ އެއްގޮތަށް މިފަހަރުގެ ފެއަރގައިވެސް މޯލްޑިވިއަން އިވްނިންއެއް ކުރިއަށް ގެންދެވުނުކަމަށް އޭނާ ވިދާޅުވިއެވެ.

ފާޠިމަތު ތައުފީޤް ވިދާޅުވީ މިފަހަރުގެ ފެއަރގައި ރާއްޖޭގެ ސަގާފަތާއި ދިވެހި ކެއުންތައް، ބައިވެރިންނަށް ދައްކާލުމަށް ޚާއްސަ އިސްކަމެއް ދިން ކަމަށެވެ. އަދި ފެއަރގައި ދިވެހި 3 ކެއްކުންތެރިއަކު ބައިވެރިވިކަމަށާއި މޯލްޑިވިއަން އިވްނިންގެ ކެއުންތައް ތައްޔާރުކޮށްފައިވަނީ ދިވެހި 3 ކެއްކުންތެރިން ކަމަށެވެ.

ފާޠިމަތު ވިދާޅުވީ ގެސްޓް ހައުސް އެސޯސިއޭޝަނުން ލޯކަލް ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ މެގަޒިންއެއް މި ފެއަރގެ ތެރެއިން ލޯންޗުކޮށްފައިވާ ކަމަށާއި މޯލްޑިވްސް ފައިންޑަރ 2024ގެ ނަމުގައި މަޓާޓޯގެ މީޑިއާ ކިޓެއްވެސް ލޯންޗު ކުރެވުނު ކަމަށެވެ.

އައިޓީބީ ބާލިންގ 2024 ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 5 ވަނަ ދުވަހުން 7 ވަނަ ދުވަހުގެ ނިޔަލަށެވެ. މިފަހަރުގެ ފެއަރގައި ރާއްޖޭގެ ފަރާތުން ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ މަތީ ފަންތީގެ ވަފުދަކާއި ފަތުރުވެރިކަމުގެ ދާއިރާގެ އިންވެސްޓަރުންނާއި ފަތުރުވެރިކަމާ ބެހޭ ރާއްޖޭގެ ކުންފުނިތަކާއި އެމްއެމްޕީއާރުސީގެ އިސް ވަފުދެއް ބައިވެރިވެފައިވެއެވެ.