ޚަބަރު

ބާޒާރުގެ އަގުތައް: ކަރާގެ އަގު ދަށަށް، މިރުހުގެ އަގު މައްޗަށް


  • ކަރާ ކިލޯއެއް 20 ރުފިޔާއަށްވަނީ ތިރިވެފައި

  • މިރުސްގެ އަގުވަނީ އުފުލިފައި

  • 100ގްރާމް މިރުސް 70 ރުފިޔާއަށް

ބާޒާރުގައި ކަރާ ތިޔާގިވެ އަގުތައް ދަށްވެއްޖެއެވެ. ބާޒާރުގައި މިހާރު ދިވެހި ކަރާ ކިލޯއެއްގެ އަގުތައް ހުރީ 20 ރުފިޔާއަށެވެ.

އަދި ކުރިން 20 ރުފިޔާއަށް ލިބެން ހުރި އިންޑިއާ ކަރާގެ އަގު ވަނީ 15 ރުފިޔާއަށް ތިރިވެފައެވެ. ބާޒާރަށް ތޮއްޑޫއިން ގިނަ އަދަދަކަށް ކަރާ ގެނެސް ދަނީ ވިއްކަމުންނެވެ.

ކޮންމެ އަހަރެއްގެވެސް ރޯދަމަހު އެންމެ އަގު އުފުލޭ އެއް ބާވަތަކީ މިރުހެވެ. މިއަހަރުވެސް މިރުހުގެ އަގު މިވަނީ އުފުލިފައެވެ. އެގޮތުން މިއަދު ބާޒާރުގައި މިރުސް ލިބެން ހުރީ 100ގ މިރުސް 70 ރުފިޔާއަށެވެ. އަދި މިރުސް ކިލޯއެއްގެ އަގުވަނީ 750 ރުފިޔާއަށް އުފުލިފައެވެ.

އަދި ބައެއް ގޮޅިތަކުން 680 ރުފިޔާއަށް މިރުސް ކިލޯއެއް ވިއްކަމުންދާކަން ފާހަގަކުރެވެއެވެ. މިރުހުގެ އަގު އުފުލިފައިވީނަމަވެސް މިރުހުގެ ޑިމާންޑު ބޮޑުކަން ތަކެތި ވިއްކާ ފަރާތްތަކުން ހާމަކުރެއެވެ.


ރޯދަމަހު ކަނޑުމަސް އަދި ފަރުމަހަށް އޮންނަ ޑިމާންޑުވެސް ބޮޑެވެ. މިއަހަރުގެ ރޯދަމަހަށް މަސް މާރުކޭޓު ވަނީ ތިޔާގިވެފައެވެ. ކަނޑުމަސް ކިލޯއެއް 40 ރުފިޔާއަށް ލިބެން ހުރި އިރު ކަންނެލި ކިލޯއެއްގެ އަގު ހުރީވެސް 40 ރުފިޔާގައެވެ.

މާރުކޭޓުގައި ތަފާތު އެކި ބާވަތްތަކުގެ ފަރުމަސްވެސް ލިބެންވެސް އެބަހުއްޓެވެ.