ޚަބަރު

އައްޑޫ ސިޓީ ސަރަހައްދުގައި ބައިނަލްއަޤްވާމީ ފިޝް ހަބެއް ތަރައްޤީކުރުމަކީ އަމާޒެއް: އެމްޕީއެލް


  • ފްރީ ޒޯނެއް ތަރައްޤީކޮށް ބޭރުގެ ކުންފުނިތަކަށް ހުޅުވާލުން

  • މިއީ ބޭރު ފައިސާ ރާއްޖެއަށް ވަންނާނެ ދޮރެއް

  • މިކަން ކުރުމަށް ޤާނޫނުތަކަށްވެސް ބަދަލުގެންނަން ޖެހޭ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި އައްޑޫ ސިޓީ ހިމެނޭ ސަރަހައްދުގައި ބައިނަލްއަޤްވާމީ ފިޝް ހަބެއް ގާއިމްކުރުމަށް އެމްޕީއެލުން ނިންމައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޑެޓު، އެމްޕީއެލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމް ވިދާޅުވީ، އެކުންފުނީގެ ވިސްނުން ހުރީ އައްޑޫ ސިޓީ ހިމެނޭ ސަރަހައްދުގައި ފްރީ ޒޯން އޭރިއާއެއް ޤާއިމްކުރުމުގެ މަސައްކަތްކުރުމަށް ކަމަށެވެ.

"ރާއްޖޭގެ އެސްއީޒެޑު ސަރަހައްދު ވަށައިގެން އޮތް ސަރަހައްދަކީ ދާ ޖަހައިގެން ބޭރުގެ މަސް ބޯޓުތައް މަސްވެރިކަން ކުރާ ސަރަހައްދެއް، އަޅުގަނޑުމެންގެ މަސް ނަގައިގެން ގޮސް ވިއްކަނީ މޮރިޝަސްފަދަ ބާޒާރުތަކަށް،" ވަޖީހު ވިދާޅުވިއެވެ.

ވަޖީހު ވިދާޅުވީ އައްޑޫ ސިޓީ ސަރަހައްދުގައި ފްރީ ޒޯން އޭރިއާއެއް ހެދުމަށްފަހު، ބޭރުގެ ކުންފުނިތަކަށް އެތަނުގައި ފެކްޓްރީތައް ހުޅުވުމަށް ދައުވަތުދޭނެ ކަމަށެވެ.

" އެމްޕީއެލްގެ ވިސްނުމަކީ އައްޑޫ އޭރިއާގައި ފްރީ ޒޯން އޭރިއާއެއް ގާއިމްކޮށްފައި، ދުނިޔޭގެ ބޮޑެތި މަސް ކުންފުނިތަކަށް ދޭނީ ދައުވަތު، އެތާނގައި ފެކްޓަރީ ހެދުމުގެ، އޭރުން އަންނާނެ މަހުގެ ބޮޑެތި ކުންފުނިތައް އައިސް، ޕްރޮސެސްކުރާނެ،" ވަޖީހު ވިދާޅުވިއެވެ.

ވަޖީހު ވިދާޅުވީ މިކަމުގެ ސަބަބުން ރާއްޖެއަށް ވަންނަ ޑޮލަރު އިތުރުވެގެންދާނެ ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު ކަމެއްކަން ފާހަގަކޮށް ވަޖީހު ވިދާޅުވީ މިކަން ކުުރުމަށްޓަކައި ޤާނޫންތަކަށްވެސް ބަދަލުގެންނަން ޖެހޭކަމަށެވެ.

އެހެންނަމަވެސް މި ބަދަލުތަކަށް ގެނެސްގެން ވިޔަސް މިއީ ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް ކުރަން ޖެހިފައިވާ ކަމެއް ކަމަށް ވަޖީހު ވިދާޅުވިއެވެ.