ޚަބަރު

ރޯދައަށް ސަރުކާރުން ހަދިޔާކުރައްވާ ކާޑުގެ ބާވަތްތައް ބަހަން ފަށައިފި


  • ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ލިބޭނެ

  • މިއަދު މާލެ ސަރަހައްދުގައި ވަނީ ބަހަން ފަށާފައި

  • ރަށްރަށަށް ކާޑު ފޮނުވާލުމުގެ މަސައްކަތް ބުދަ ދުވަހުން ފެށިގެން ކުރިއަށްދާނެ

ރަމަޟާން މަހާއި ދިމާކޮށް ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހަދިޔާކުރައްވާ ކާޑުގެ ބާވަތްތައް ބަހަން ފަށައިފިއެވެ.

ކުރިއަށް އޮތް ރަމަޟާން މަހާއި ދިމާކޮށް ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ޚާއްސަ އިނާޔަތްތަކެއް ދިނުމުގެ ގޮތުން ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

ގޭބީސިތަކަށް ކާޑުގެ ބާވަތްތައް ހަދިޔާކުރެއްވުމަށް ސަރުކާރުން ހަވާލުކުރައްވާފައި ވަނީ އެސްޓީއޯއާއެވެ. މިމަސައްކަތުގެ ދަށުން ބެހުމަށް ހަމަޖެހިފައިވާ މުދާ މިހާރު ރާއްޖެއަށް އެތެރެކޮށް ގުދަންކޮށްފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން މިއަދުވަނީ މާލެ ސަރަހައްދުގައި ކާޑު ބެހުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން މާލެ ސަރަޙައްދުގައި ކާޑު ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 4:00 ޖެހުމާއި ހަމައަށެވެ. އަދި ރޭގަނޑު 20:30 އިން 23:00އަށެވެ.

ރަމަޟާންމަހު ކާޑު ދޫކުރާނީ ހެނދުނު 9:30 އިން މެންދުރު 13:00އަށް އަދި ރޭގަނޑު 9:00 އިން 11:30 އަށްކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ މާލޭގެ 6 ސަރަޙައްދަކުން ކާޑު ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ގަލޮޅު ދަނޑުންނާއި، މާލެ ސިޓީ ކައުންސިލްގެ އާއްމު ޚިދުމަތްތަކާއި ބެހޭ ބައިންނާއި، ސޯޝަލް ސެންޓަރާއި، ވިލިމާލޭ ބިއްރި މިސްކިތުގެ ހޯލާއި، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ޢުމަރު ޒާހިރު ބިލްޑިންގއާއި ދެވަނަ ފިޔަވަހީގެ 10 ވަނަ ހިޔާ ފްލެޓުގެ ޔޫތް ސެންޓަރުން ކާޑު ދޫކުރާނޭކަމަށް އެސްޓީއޯއިން ބުނެއެވެ.

ރަށްރަށުގެ ރައްޔިތުންނަށް ފޮނުވަން ހަމަޖެހިފައިވާ ކާޑުގެ ބާވަތްތައް ދޯނިތަކަށް ބަރުކޮށް ފޮނުވާލުމުގެ މަސައްކަތް ބުދަ ދުވަހުން ފެށިގެން ކުރިއަށްދާނެކަމަށްވެސް އެސްޓީއޯއިން މައުލޫމާތުދެއެވެ. އަދި ކާޑު ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ މާލެއާއި އަތޮޅުތަކުގެ ރަށްރަށުގެ ކައުންސިލްތަކުންކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

ސަރުކާރުން ބަހާ ކާޑު ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ދިވެހީންނަށެވެ. އެގޮތުން ކާޑު ދޫކުރާނީ ކަރަންޓު މީޓަރުގެ ނަންބަރަށް ބެލުމަށްފަހު ކާޑު ބަލާ އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނޯޓުކުރުމަށްފަހުގައިކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓިއޯއިން ބުނީ އެކުންފުނިން މިމަސައްކަތް ކުރިއަށްގެންދަނީ ސަރުކާރުގެ ވުޒާރާތަކާއި ކައުންސިލްތަކާއި ބައެއް ޖަމިއްޔާތަކުގެ އެހީތެރިކަމާއެކުގައިކަމަށެވެ.