ޚަބަރު

މަސައްކަތް ކުރިއަށް ނުދާތީ، ފެނަކައާ ހަވާލުކުރި ބައެއް އައިސްޕްލާންޓުތައް މިފްކޯއަށް


  • ކުރީ ސަރުކާރުން 17 އައިސްޕްލާންޓެއް ފެނަކައާ ހަވާލުކުރި

  • މީގެތެރޭގައި އަލަށް ގާއިމްކުރާ 9 އައިސްޕްލާންޓު ހިމެނޭ

  • މަސައްކަތްކުރިއަށް ނުދާތީ 8 އައިސްޕްލާންޓެއްގެ އެއްބަސްވުންވަނީ ބާތިލްކޮށްފައި

ކުރީ ސަރުކާރުން ފެނަކައާ ހަވާލުކުރި އައިސްޕްލާންޓުތަކުގެ ތެރެއިން މަސައްކަތް ކުރިއަށްނުދާ އައިސްޕްލާންޓުތަކުގެ އެއްބަސްވުންތައް ބާތިލްކޮށްފައިވާ ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތަކަށް ހައްލުހޯދުމަށް ކުރަމުންދާ މަސައްކަތްތާކާ ގުޅޭ ތަފްސީލް ހިއްސާކުރައްވަމުން މަސްވެރިކަމާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމު ވިދާޅުވީ، މިފްކޯއިން ހިންގަމުން އައި އައިސްޕްލާންޓުތައް ފެނަކައާ ހަވާލުކޮށްފައިވާއިރު، އޭގެތެރެއިން އަލަށް ގާއިމްކުރާ 8 އައިސްޕްލާންޓެއްގެ މަސައްކަތްކުރިއަށް ނުދާކަން ފާހަގަކުރެވުމުން، އެއެއްބަސްވުންތައް ބާތިލްކޮށްފައިވާ ކަމަށެވެ.

" މިފްކޯއިން ހިންގަމުން އައި 17 އައިސްޕްލާންޓެއްވަނީ ފެނަކައާ ހަވާލުކޮށްފައި، އޭރުގެ ސަރުކާރުން ނެންގެވި ޑިޒިޝަނެއް، މީގެތެރެއިން 9 އައިސްޕްލާންޓަކީ އަލަށް ގާއިމްކުރާ އައިސްޕްލާންޓުތައް، އައިސް ޕްލާންޓުތައް ވީހާވެސް އަވަހަށް ގާއިމްކުރުމަށް މަސައްކަތްކުރިއަށް ނުދާ 8 ޕްލާންޓު މިހާރުވަނީ މިފްކޯއާ ހަވާލުކޮށްފައި،" ޝިޔާމު ވިދާޅުވިއެވެ.

ފެނަކައިން އައިސްޕްލާންޓުތަކާއި ހަވާލުވެފައިވަނީ ދަށް އަގެއްގައި ކަމަށާއި، އެއަގުގައި އެމަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ފެނަކައިން ވިދާޅުވެފައިވާ ކަމަށާއި، އެހެންކަމުން މި މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް މިފްކޯއާ ހަވާލުކުރައްވާފައިވާ ކަމަށެވެ.

" ފެނަކައާއެކު ސީރީޒް އޮފް މީޓިންތަކެއް މިކަމުގަައި ޑިޒިޝަނެއް ނެގުމުގެ ކުރިން ބޭއްވި، އެ މީޓިންތަކުން އެނގުނީ، ފެނަކައިން އޭރުގެ މެނޭޖްމަންޓުން މަސައްކަތްތަކާއި ހަވާލުވެފައިވަނީ ބާޒާރުގައި އެ މަސައްކަތްކުރެވޭނެ އަގަށްވުރެ ދަށް އަގެއްގައި ހަވާލުވެފައިހުރީ، އެ އަގުގައި އެ މަސައްކަތް ނުކުރެވޭނެތީ ދެ ފަރާތުން ވާހަކަ ދައްކައިގެން އެއްބަސްވުންތައް ބާތިލް ކުރީ،" ޝިޔާމު ވިދާޅުވިއެވެ.

ޝިޔާމު ވިދާޅުވީ މިފްކޯއާ ހަވާލުކުރައްވާފައިވާ އައިސްޕްލާންޓުތަކުގެ މަޝްރޫޢުތައް މިހާރު އުޅެނީ ޓެންޑަރިން މަރުހަލާގައި ކަމަށެވެ. އަދި އޭގެތެރެއިން ގިނަ އައިސްޕްލާންޓުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވަޒީރު ޝިޔާމު ވިދާޅުވިއެވެ.