ޚަބަރު

އެސްޓީއޯއިން ފިޔާގެ އަގު ހެޔޮކޮށްފި


  • ފިޔާ ކިލޯއެއްގެ އަގު މިހާރުވަނީ 17 ރުފިޔާއަށް ތިރިކޮށްފައި

  • ފިޔާ ބަސްތާއެއް 320 ރުފިޔާއަށް ކުޑަކޮށްފައި

ރޯދަމަހު ހެޔޮ އަގުގައި ކާބޯތަކެތީގެ ބާވަތްތައް ރައްޔިތުންނަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެސްޓީއޯއިން ފިޔާގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ވިދާޅުވީ، މީގެކުރިން 20 ރުފިޔާއަށް ވިއްކަމުން އައި ފިޔާ ކިލޯއެއްގެ އަގު މިހާރުވަނީ 17 ރުފިޔާއަށް ކުޑަކޮށްފައިވާކަމަށެވެ.

އަދި ކުރިން 450 ރުފިޔާއަށް ވިއްކަމުން އައި ފިޔާ ބަސްތާއެއްގެ އަގުވަނީ 320 ރުފިޔާއަށް ކުޑަކޮށްފައެވެ.

ފިޔާގެ އަގަށް ގެނެސްފައިވާ ބަދަލުތައް:

ފިޔާ ކިލޯއެއް : 17 ރުފިޔާއަށް
ފިޔާ ބަސްތާއެއް : 320 ރުފިޔާއަށް
10 ބަސްތާ ފިޔާ : 310 ރުފިޔާއަށް
20 ބަސްތާ ފިޔާ : 300 ރުފިޔާއަށް

އެސްޓީއޯއިން ރާއްޖެއަށް ފިޔާ އެތެރެކުރަނީ އިންޑިއާއިންނެވެ. ކޮންމެ އަހަރަކުވެސް ރޯދަމަހާއި ދިމާކޮށް ރައްޔިތުންނަށް ފަސޭހަކޮށްދިނުމަަށް އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިހުގެ ޝިޕްމަންޓްތައް ރާއްޖެއިން ބޭރުން ގެނެސް، ރާއްޖޭގެ ބާޒާރުގައި ހޯލް ސޭލް އަދި ރީޓެއިލްކޮށް ވިއްކައެވެ.

ފިޔާގެ އިތުރުން އެސްޓީއޯއިން އަލުވި ވިއްކަނީ ކިލޯއެއް 15 ރުފިޔާއަށެވެ. އަދި ބިސް ވިއްކާނީ ބިހެއް 1 ރުފިޔާ 75 ލާރީގެ މަގުންނެވެ.

ރޯދަމަހު އެންމެ ޑިމާންޑް ބޮޑުވާ ބާވަތްތަކުގެ ތެރޭގައި ފިޔާ، ބިސް އަދި އަލުވި ހިމެނެއެވެ. އަދި މިބާވަތްތަކުގެ ޑިމާންޑް ބޮޑުވުމާއިއެކު، ރާއްޖޭގެ ފިހާރަތަކުންނާއި، ބާޒާރުން އެބާވަތްތަކުގެ އަގު އުފުލެއެވެ.