ޚަބަރު

މަސްވެރިންނަށް ފައިސާ ދަނީ ދޫކުރަމުން، ރޯދަމަހުގެ ކުރިން ބެކްލޮގް ކުލިއާ ކުރެވޭނެ: ވަޒީރު


  • އަންގާރަދުވަހު އެކަނިވެސް 50 މިލިއަން ރުފިޔާ ދޫކުރި

  • ބެކްލޮގްގައި 147 މިލިއަން ރުފިޔާ އަދިވެސް އެބަހުރި

  • މިހާތަނަށް ސަރުކާރުން 600 މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ދޫކޮށްފައި

މިދިޔަ އަންގާރަދުވަހު އެކަނިވެސް މަސްވެރިންނަށް 50 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި، މަސްވެރިންނަށް ނުދެވި ހުރި ފައިސާ ރަމަޟާން މަސް ފެށުމުގެ ކުރިން ދައްކާ ނިންމަވާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ހަފްތާ-14 މަގު ޗާޓުގައި މަސްވެރިކަމާއި ބެހޭ ވުޒާރާއަށް މަތިކޮށްފައިވާ ކަންތައްތަކުގެ ފަހުގެ މަޢުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މަސްވެރިންނަށް ނުދެވި ހުރި ފައިސާ އަވަހަށް ދެއްވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މަސްވެރިންނަށް ފައިސާ ދިނުމުގައި އެންމެ ބޮޑު ގޮންޖެހުމަކަށްވީ 17 ރުފިޔާއަށް މިފްކޯއަށް ގަންނަމުންދިޔަ މަސް ކިލޯއެއްގެ އަގު، މިފްކޯއަށް ގެއްލުންވާ ގޮތަށް 25 ރުފިޔާއަށް ނިމިދިޔަ ސަރުކާރުން މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ބޮޑުކުރުމެވެ. އަދި އަގަށް ބަދަލު ގެނައުމަށްފަހު ކިރުވާފައިވާ މަހަށް 250 މިލިއަން ރުފިޔާ މަސްވެރިންނަށް ނުދީ ހުރުމެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިދިޔަ އަންގާރަދުވަހު އެކަނިވެސް މަސްވެރިންނަށް 50 މިލިއަން ރުފިޔާ ދޫކުރައްވާފައިވާއިރު، އަދިވެސް މަސްވެރިންނަށް ނުދެވި 147 މިލިއަން އެބަހުރިކަމަށެވެ.

"5ވަނަ ދުވަހުން ފެށިގެން މަސްވެރިންނަށް ފައިސާ ދޫކުރަމުންދަނީ، އެދުވަހު އެކަނިވެސް 50 މިލިއަން ރުފިޔާވަނީ ދޫކޮށްފައި، އުއްމީދަކީ ރަމަޟާން މަސް އައުމުގެކުރިން ބެކްލޮގް ކްލިއާ ކުރުން،" ވަޒީރު ޝިޔާމު ވިދާޅުވިއެވެ.

ވަޒީރު ޝިޔާމު ވިދާޅުވީ މިހާތަނަށް ދޫކުރައްވާފައި މިވަނީ 25 ޖެނުއަރީއާ ހަމައަށް ކިރާފައިވާ މަހަށްވާ ފައިސާ ކަމަށާއި، އަދިވެސް ނުދެވި މަސް ދުވަހަށްވުރެ ގިނަ ދުވަހުގެ ފައިސާ ހުރިކަމަށެވެ.

ސަރުކާރުގެ އަމާޒަކީ މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފެށުމެވެ. ވަޒީރު ވިދާޅުވީ މަސައްކަތް ކުރައްވަމުން ގެންދަވަނީ އެކަން ހާސިލްކުރުމަށްކަމަށެވެ.

" މިބެކްލޮގް އެއްކޮށް ކްލިއާ ކުރެވުނީމަ، ކޭޝްފްލޯ ހަމައަކަށް އެޅުނީމަ، ކިރާމަހަށް 48 ގަޑިއިރުގެތެރޭގައި ފައިސާ ދޫކުރަން ފަށާނެ،" ވަޒީރު ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމާއި ހަވާލުވީ ފަހުން މިހާތަނަށް މަސްވެރިންނަށްވަނީ 600 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރައްވާފައެވެ.

މިފްކޯއަށް މަސް ގަންނަމުންދިޔަ އަގު މުރާޖަޢާ ކުރެއްވުމަށްފަހު، މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ބަދަލުކުރެއްވުމަށް މިދިޔަމަހުގެ 11ވަނަ ދުވަހު ސަރުކާރުންވަނީ ނިންމަވާފައެވެ. މިގޮތަށް ނިންމެވީ އިކޮނޮމިކް ކައުންސިލްގައި އެކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހުއެވެ.