ޚަބަރު

ހަނިމާދޫ އާއި ޓްރިވެންޑްރަމާ ދެމެދު އަލުން ދަތުރުތައް ފަށަނީ


  • ދަތުރުތައް މެދުކަނޑާލީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތަށް

  • ދަތުރުތައް ފަށާނީ އަންނަމަހުގެ 12ވަނަ ދުވަހު

  • ހަފްތާއަކު 2 ދަތުރުކުރާނެ

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުން އިންޑިއާގެ ޓްރިވެންޑުރަމަށް ޤައުމީ އެއަރލައިން މޯލްޑިވިއަނުން، ކުރަމުން ދިޔަ ދަތުރުތައް އަލުން ފެށުމަށް ނިންމައިފިއެވެ.

މިދަތުރުތައް މެދުކަނޑާލީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތަށެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑު އޭވިއޭޝަނުން ހާމަކުރެއްވި ގޮތުގައި މިދަތުރުތައް އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 12ވަނަ ދުވަހުކަމަށެވެ.

ދަތުރުތައް އަލުން ފެށުމާއި ގުޅޭގޮތުން މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިލްޔާސް ވިދާޅުވީ މި ދަތުރުތަކާއެކު، ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަތަކެއް ލިބި، އިޤްތިސާދީގޮތުންވެސް އެ ސަރަހައްދަށް ކުރިއެރުންތައް ލިބޭނެކަމަށެވެ.

ދަތުރުތައް އަލުން ފެށުމަށް ނިންމުމާއެކު ޓިކެޓު ބުކް ކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. އައިލެންޑު އޭވިއޭޝަނުން ވިދާޅުވީ، ވެބްސައިޓާއި، މޯބައިލް އެޕް އަދި ޓިކެޓިން އޮފީސްތަކުން ޓިކެޓު ބުކް ކުރެވޭނެކަމަށެވެ.

މޯލްޑިވިއަނުން ހަނިމާދޫ އާއި ޓްރިވެންޑްރަމާއި ދެމެދު ހަފްތާއަކު 2 ދަތުރު ކުރާނެއެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެވެސް ހުކުރު އަދި ހޯމަ ދުވަހު ދަތުރުތައް ބޭއްވުމަށްވަނީ ނިންމާފައެވެ.