ޚަބަރު

ވާވޭ އައިސީޓީ އެކަޑެމީގެ އެހީގައި ވިލާ ކޮލެޖުގައި ސްމާޓް ކްލާސް ރޫމްތަކެއް ޤާއިމުކުރަނީ


  • މިކަމާގުޅޭ އެއްބަސްވުމެއްގައި ދެ ފަރާތުން ވަނީ ސޮއިކޮށްފައި

  • ޒަމާނީ އައު އީޖާދުތައް ވިލާ ކޮލެޖުގައި ޤާއިމްކުރެވޭނެ

އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ވިލާ ކޮލެޖުން ވާވޭ އައިސީޓީ އެކަޑަމީއާއެކު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ރެކްޓަރ ޑރ. އަޙްމަދު އަންވަރެވެ. އަދި ވާވޭ އައިސީޓީ އެކަޑެމީގެ ފަރާތުން ވާވޭ މޯލްޑިވްސްގެ ހެޑް ޗެން ކެޔަންގެވެ.

މި އެއްބަސްވުމުގެ ދަށުން ވިލާ ކޮލެޖަށް އައިސީޓީ ދާއިރާއިން ބޭނުންވާ އެހީތެރިކަން ވާވޭ އައިސީޓީ އެކަޑެމީގެ ފަރާތުން ލިބިގެންދާނެކަމަށް ވިލާ ކޮލެޖުން ބުނެއެވެ.

އެގޮތުން އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ވިލާ ކޮލެޖުގައި ސްމާޓް ކްލާސްރޫމްތަކެއް މި އެއްބަސްވުމާއެކު ޤާއިމް ކުރެވިގެން ދާނެކަމަށް ވިލާ ކޮލެޖުން ބުނެއެވެ. އަދި މި ސްމާޓް ކްލާސް ރޫމްތަކާއެކު ތަޢުލީމް ފޯރުކޮށްދިނުމާއި އުނގެނުމަށް ޒަމާނީ އަދި ކުރިއަރާފައިވާ މާހައުލެއް ޤާއިމް ކުރެވޭނެކަން އެ ކޮލެޖުން ފާހަގަކުރެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންސްގެ ޑިރެކްޓަރ ނިޒްނާ ޢަލީ ދީދީ ވިދާޅުވީ، އެ ކޮލެޖުން އަބަދުވެސް އިސްކަން ދެނީ ތަޢުލީމް ފޯރުކޮށްދިނުމުގައި ޒަމާނީ އައު ގޮތްތައް ހޯދުމަށް ކަމަށެވެ. އަދި މި އެއްބަސްވުމާއެކު ވާވޭ އެކަޑެމީއާ ގުޅިގެން ޒަމާނީ އައު އީޖާދުތައް ވިލާ ކޮލެޖުގައި ޤާއިމްކުރުމަށް މަސައްކަތް ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވިލާ ކޮލެޖުގައި ސްމާޓް ކްލާސްރޫމް ޤާއިމްކުރުމުގެ ސަބަބުން ވިލާ ކޮލެޖުގައި ދަރިވަރުން ކިޔެވުމަށް އިތުރަށް ޝައުގުވެރިވެ ކުދިންގެ ކިޔެވުމުގެ ފެންވަރަށް ވެސް އެކަމުގެ ހެޔޮ އަސަރު ކުރާނެކަމަށް އެ ކޮލެޖުން ބުނެއެވެ. އަދި ކޮލެޖުގައި ކިޔަވައިދޭ މުދައްރިސުންނަށް ކިޔަވައިދިނުމަށް އިތުރު ވަސީލަތްތައް ލިބުމަށް މަގުފަހިވެ ވަގުތާއި ޚަރަދުވެސް ސަލާމަތް ވެގެންދާނެކަމަށް ވިލާ ކޮލެޖުން ބުނެއެވެ.

މި ރަސްމިއްޔާތުގައި އައިސީޓީ ދާއިރާއިން މަޝްވަރާކުރުމަށް ޕެނަލް ޑިސްކަޝަންއެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ޕެނަލް ޑިސްކަޝަންގައި ވާވޭ ޓެކްނޮލޮޖީސް ސްރީލަންކާގެ އެޓްރެޓެޖިކް އެޑްވައިޒަރ އަދި ވައިސް ޕްރެޒިޑެންޓް އިންދިކާ ޑި ސޮއިޒާ، އެޑިއުކޭޝަނަލް ޓެކްނޮލޮޖީ ސްޕެޝަލިސް ޑރ. އިބްރާހިމް ވަހީދު، ލެކްޗަރަރ ހުސެއިން ނައުޝާދު އަދި ވިމެން އިން ޓެކް މޯލްޑިވްސްގެ އެސޯސިއޭޓް މެމްބަރ އަދި ޓްރޭޑްނެޓް މޯލްޑިވްސް ކޮމްޕެނީ ލިމިޓެޑްގެ ލީޑް ޑާޓާ ސްޕެޝަލިސްޓް މިހްނާ ޒާހިރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.