ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ދ، މ އަދި ވ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ފުރާވަޑައިގެންފި


  • ދ. އަތޮޅުގެ 2 ރަށް، މ.އަތޮޅުގެ 4 ރަށް އަދި ވ.އަތޮޅުގެ 2 ރަށަކަށް ވަޑައިގަންނަވާ

  • މިއީ 3 ދުވަހުގެ ދަތުރުފުޅެއް

  • މިހާތަނަށް 11 އަތޮޅަކަށް ވަނީ ވަޑައިގަންނަވާފައި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަތޮޅުތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ދ، މ އަދި ވ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ފުރާވަޑައިގަންނަވައިފިއެވެ.

ރައީސްގެ މިދަތުރުފުޅުގައި ދ.އަތޮޅުގެ 2 ރަށާއި، މ.އަތޮޅުގެ 4 ރަށަށް އަދި ވ.އަތޮޅުގެ 2 ރަށަކަށް ވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ފައްޓަވާފައިވާ ދަތުރުފުޅަކީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމާއި އަދި ރައްޔިތުންނާ ބައްދަލުކުރައްވާ ޙާލަތު ގާތުން ބެއްލެއްވުމަށް ކުރައްވަމުންދާ ދަތުރުފުޅެކެވެ. ރަށްރަށުގެ ތަރައްޤީއަށް މުހިންމު ކަންކަން އޮޅުންފިލުއްވުމާއި އެ މަސައްކަތަކުގައި ކައުންސިލްތަކުގެ މަޝްވަރާ ހޯއްދެވުމުމަކީވެސް މި ދަތުރުފުޅުތަކުގެ މަޤްޞަދެކެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގަންނަވާ ރަށްރަށުގެ އިތުރުން، އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކުގެ ކައުންސިލްތަކާ ބައްދަލުކުރައްވައެވެ.

3 އަތޮޅުގެ 8 ރަށަށް ކުރައްވާ މި ދަތުރުފުޅަކީ 3 ދުވަހުގެ ދަތުރުފުޅެކެވެ. އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަންނަވަނީ ދ.ކުޑަހުވަދުއަށެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުން ހިމެނިވަޑައިގަންނަވާގޮތަށް ސަރުކާރުގެ އިސް ވަފުދެއް ބަައިވެރިވެވަޑައިގަންނަވައެވެ.

އަތޮޅުތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު މިހާތަނަށް ވަނީ 11 އަތޮޅެއްގެ 50 އަށްވުރެ ގިނަ ރަށަކަށް ވަޑައިގަންނަވާފައެވެ. އަދި ލޯކަލް ކައުންސިލްތަކާއި އަތޮޅު ތަކައުންސިލްތައް އަދި ސިޓީ ކައުންސިލްތައް ހިމެނޭގޮތަށް އެމަނިކުފާނު ވަނީ 121 ކައުންސިލަކާއި ބައްދަލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަހަރު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ޢަމާޒަކީ މި ދަޢުރުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް މަދުވެގެން ދެފަހަރު ވަޑައިގަތުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.