ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ރ.އަތޮޅާއި ބ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި


  • ރ.އަތޮޅުގެ 5 ރަށަކަށް އަދި ބ.އަތޮޅުގެ 4 ރަށަކަށް ވަޑައިގެންނެވި

  • ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރ.އަތޮޅާއި ބ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ރ.އަތޮޅުގެ 5 ރަށަކަށް އަދި ބ.އަތޮޅުގެ 4 ރަށަކަށް ވަޑައިގެންނެވިއެވެ.

3 ދުވަހުގެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ވަޑައިގެންނެވި ހުރިހާ ރަށްތަކުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. އަދި އެމަނިކުފާނު ވަޑައިގެންނެވި ރަށްތަކުގެ އިތުރުން، އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާވެސް ބައްދަލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ބޭނުމަކީ ރައްޔިތުންނާ ބައްދަލުކުރައްވާ އަދި ކައުންސިލްތަކާއި ބައްދަލުކުރައްވާ ރަށްރަށުގެ ޙާލަތު ގާތުން ބެއްލެވުމެވެ. އަދި ރަށްރަށުގެ ތަރައްޤީއަށް މުހިންމު ކަންކަން އޮޅުންފިލުއްވުމާއި އެ މަސައްކަތަކުގައި ކައުންސިލްތަކުގެ މަޝްވަރާ ހޯއްދެވުމުމަކީވެސް މި ދަތުރުފުޅުތަކުގެ މަޤްޞަދެކެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ވަކިވަކި ރަށްތަކާއި ސަރަޙައްދުތަކުގެ ތަރައްޤީއަށް ސަރުކާރުން ރާއްވަވާފައިވާ މަސައްކަތްތަކުގެ ތަފްސީލް ރައްޔިތުންނާއި ޙިއްސާކުރައްވާފައެވެ.

އަތޮޅުތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު މިހާތަނަށް ވަނީ 11 އަތޮޅެއްގެ 50 އަށްވުރެ ގިނަ ރަށަކަށް ވަޑައިގަންނަވާފައެވެ. އަދި ލޯކަލް ކައުންސިލްތަކާއި އަތޮޅު ތަކައުންސިލްތައް އަދި ސިޓީ ކައުންސިލްތައް ހިމެނޭގޮތަށް އެމަނިކުފާނު ވަނީ 115 ކައުންސިލަކާއި ބައްދަލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަހަރު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ޢަމާޒަކީ މި ދަޢުރުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް މަދުވެގެން ދެފަހަރު ވަޑައިގަތުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.