ދުނިޔެ

އުތުރު ކޮރެޔާއިން ސަބްމެރިން ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފި


ކާމިޔާބުކަމާއި އެކު ސަބްމެރިން ބެލިސްޓިކް މިސައިލެއް ޓެސްޓެއް ކޮށްފައިވާކަމަށް އުތުރު ކޮރެޔާގެ ރަސްމީ ޓީވީ ކޭ.އާރް.ޓީއިން އިއުލާންކޮށްފިއެވެ. 

ކާމިޔާބު ކަމާއި އެކު ސަބްމެރިން ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފައިވާކަމަށް ބުނެ އުތުރުކޮރެއާގެ ރަސްމީ ޓީވީ ކޭ.އާރު.ޓީއިން ވަނީ އެޤައުމުގެ ލީޑަރު، ކިމް ޖޮން އުން މި ޓެސްޓް ބައްލަވާލައްވަނިކޮށާއި، ކަނޑު އަޑިން ސަބްމެރިން މިސައިލެއް ދޫކޮށްލާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ދައްކާލާފައެވެ.

ހޮނިހިރު ދުވަހު ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ވަނީ އުތުރުކޮރެއާއިން ކަނޑު އަޑިން ސަބްމެރިން ބެލިސްޓިކް މިސައިލެއް ޓެސްޓެއް ކޮށްފައިވާކަމަށް ބުނެ، މިކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. ދެކުނު ކޮރެއާގެ އަސްކަރިއްޔާގެ އޮފިޝަލުން ވިދާޅުވީ އުތުރުކޮރެއާއިން ޓެސްޓްކުރި ސަބްމެރިން ބެލިސްޓިކް މިސައިލް 30 ކިލޯމީޓަރު ދުރަށް އަރައިގެން ގޮސްފައިވާކަމަށާއި، ޓެސްޓް ކާމިޔާބު ވިތޯ ޔަގީން ކުރަމުންދާކަމަށެވެ. ނަމަވެސް އުތުރުކޮރެއާގެ ރަސްމީ ޓީވީ ކޭ.އާރު.ޓީއިން ވަނީ ސަބްމެރިން ބެލިސްޓިކް މިސައިލް ޓެސްޓެއް ކާމިޔާބުކަމާއި އެކު ފުރިހަމަ ކުރެވިފައިވާކަމަށް ބުނެފައެވެ. އަކަމަކު އުތުރުކޮރެއާއިން މިޓެސްޓްތައް ކުރި ތާރީހަކާއި، ޓެސްޓް ކޮށްފައިވާ ސަރަހައްދެއް ހާމަކޮށްފައެއްނުވެއެވެ.

އެމެރިކާގެ ސްޓްރެޓީޖިކް ކޮމާންޑުންވެސް ވަނީ އުތުރު ކޮރެއާއިން މިފަދަ ޓެސްޓެއް ކޮށްފައިވާކަމަށް ހޮނިހިރު ދުވަހު ވިދާޅުވެފައެވެ. ނަމަވެސް މި ސަބްމެރިން މިސައިލް ޓެސްޓްތަކުގެ ސަބަބުން އުތުރު އެމެރިކާއަށް އެއްވެސް ނުރައްކަލެއް ނެތްކަމަށް އެމެރިކާގެ ސްޓްރެޓީޖިކް ކޮމާންޑުން މައުލޫމާތުދިނެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ޖޯން ކާރބީ ވިދާޅުވީ މިފަދަ ބެލިސްޓިކް މިސައިލް ޓެސްޓްތަކަކީ އދގެ ގިނަ މުއާހަދާތަކާއި ހިލާފު އަމަލްތަކެއްކަމަށެވެ. މިކަމާއި ގުޅިގެން ފަރަންސޭސި ވިލާތުންވަނީ އުތުރުކޮރެއާއިން މިފަދަ ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފައިވާކަމަށް ކަށަވަރު ކުރެވިޖެނަމަ އެޤައުމާއި މެދު އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ޔޫރަޕްގެ އިޤްތިހާދަށް ގޮވާލާފައެވެ.

އުތުރުކޮރެއާއިން ފުރަތަމަ ފަހަރަށް ސަބްމެރިން ބެލިސްޓިކް މިސައިލެއް ޓެސްޓްކުރުމަށް މަސައްކަތްކޮށްފައިވަނީ މިދިޔަ އަހަރުއެވެ. އުތުރުކޮރެއާއިން މިފަދަ ހަތިޔާރެއް ކާމިޔާބުކަމާއި އެކު އުފައްދައިފިނަމަ މިކަންވެގެންދާނީ އެޤައުމުގެ އަވައްޓެރި ޤައުމުތަކަށާއި، އެމެރިކާއަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައިކަމަށް ބެލެވެއެވެ.

ނަމަވެސް މިހާތަނަށް އުތުރުކޮރެއާއިން މިފަދަ ހަތިޔާރެއް އުފެއްދުމަށް ކޮށްފައިވާ ޓެސްޓްތައްކަމަށް ބުނެ އާންމުކޮށްފައިވާ ފޮޓޯތަކަކީ އަސްލު ފޮޓޯތަކެއް ނޫންކަމަށް ކަމާއި ބެހޭ މާހިރުންވަނީ ބުނެފައެވެ. މިހެންކަމުން އަދި އުތުރުކޮރެއާއަށް ކާމިޔާބުކަމާއި އެކު ސަބްމެރިން ބެލިސްޓިކް މިސައިލެއް ޓެސްޓްކުރެވިފައިވާކަމަކަށް ނުބެލެވެއެވެ.

އުތުރުކޮރެއާއަށް ނިއުކްލިއަރ ޓެސްޓްތަކާއި ބެލިސްޓިކް މިސައިލް ޓެސްޓްތައް ކުރުން އދއިން ވަނީ 2006 ވަނަ އަހަރުން ފެށިގެން މަނާކޮށްފައެވެ.