ޚަބަރު

އައު ޓަރމިނަލްގެ އޮޕަރޭޝަން ފެށުމަށް ކުރަންޖެހޭ ކަންކަން ދެނެގަތުމަށް ބައްދަލުވުމެއް


  • އެއަރޕޯޓުގައި ޚިދުމަތް ފޯރިކޮށްދެމުން އަންނަ ފަރާތްތައް ވަނީ ބައިވެރިވެފައި

  • ޚިދުމަތްދޭ ސްޓޭކް ހޯލްޑަރުންގެ އެއްބާރުލުން މުހިއްމުކަން އެމްއޭސީއެލުން ހާމަކުރޭ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ވީ.އައި.އޭގެ އައު ޕަސެންޖަރ ޓަރމިނަލްގެ އޮޕަރޭޝަންތައް ފެށުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ކުރަންޖެހޭ ކަންކަން ދެނެގަނެ، އެކުގައި މަސައްކަތް ކުރުމަށް ބާއްވާ މަޝްވަރާ ބައްދަލުވުންތައް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމް.އޭ.ސީ.އެލް) އިން ފަށައިފިއެވެ.

ހުޅުލޭ އައިލަންޑް ހޮޓަލުގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޚިދުމަތް ފޯރުކޮށްދެމުން އަންނަ ފަރާތްތައް ވަނީ ބައިވެރިވެފައެވެ.

މި މަޝްވަރާ ބައްދަލުވުން ފަށްޓަވައިދެއްވައި ދެއްކެވި ވާހަކައިގައި، ވީ.އައި.އޭ ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، އައު ޓަރމިނަލަށް އޮޕަރޭޝަންސް ބަދަލުކުރުމަކީ ވަރަށް ފުރިހަމަކޮށް ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ. އަދި އައު ޓަރމިނަލް ބޭނުންކުރަން ފެށުން ވީހާވެސް އޮމާންކޮށް ގެންދިއުމަށްޓަކައި އެއަރޕޯޓުގައި ޚިދުމަތްދޭ ސްޓޭކް ހޯލްޑަރުންގެ އެއްބާރުލުން މުހިއްމު ވާނެކަމަށެވެ.

"އައު ޓަރމިނަލްގެ އޮޕަރޭޝަންސް ފެށުމުގެ ގޮތުން އެއަރޕޯޓުގައި ޚިދުމަތްދޭ ފަރާތްތައް ހިމެނޭ ޚާއްސަ ކޮމިޓީތައް އުފެދިގެންދާނެ. އަދި މި ކޮމިޓީތަކުގެ މަޝްވަރާތަކުން އެންމެ ރަނގަޅު ގޮތުގައި މިކަން ކުރެވޭނެ މަގުފަހިވެގެންދާނެ." ޝަރީފު ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ސިވިލް އޭވިއޭޝަންސް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަލީ ޖަލީލްގެ އިތުރުން އިމިގްރޭޝަންސްގެ އޮފިސަރުންނާއި، ކަސްޓަމްސް އޮފިސަރުންނާއި، އެއަރލައިންތައް އޮޕަރޭޓް ކުރާ ފަރާތްތަކުގެ އިތުރުން އެއަރޕޯޓުގައި ޚިދުމަތް ދެމުންގެންދާ ރިޒޯޓްތަކުން ބައިވެރިވެފައިވެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޕަސެންޖަރ ޓަރމިނަލަކީ އެއަރޕޯޓް ތަރައްޤީކުރުމަށް މިހާރު ހިންގަމުންދާ މަޝްރޫޢުގެ މުހިއްމު މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން އައު ކޯޑް-އެފް ރަންވޭ އަކާއި، ނޫވިލު ސީޕްލޭން ޓަރމިނަލާއި، ވީ.އައި.ޕީ ބިލްޑިންގ އަކާއި، ކާގޯ ޓަރމިނަލަކާއި، ފިއުލް ފާމެއްގެ އިތުރުން ފަޔަރ ސްޓޭޝަނެއްވެސް ވަނީ ޤާއިމުކޮށްފައެވެ.