ކުޅިވަރު

އަމާޒަކީ ސައުތު އޭޝިއަން ގޭމްސްއިން މެޑަލް ހޯދުން: މުޖޭ


ހޭންޑްބޯލް މޯލްޑިވްސްގެ އަމާޒަކީ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ގޭމްސްއިން މެޑަލް ހޯދުން ކަމަށް އެ އެސޯސިއޭޝަނުގެ ރައީސް އަޙްމަދު މުޖުތަބާ (މުޖޭ) ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ސައުތު އޭޝިއަން ގޭމްސް ބާއްވަން އެންމެ ދުރަތަމަ ތާވަލުކުރީ ރޯދަ މަހަށްފަހު ޕާކިސްތާނުގައެވެ. އެކަމަކު ޖުލައި މަހުގެ ފްރާންސްގެ ވެރިރަށް ޕެރިހުގައި އޮންނަ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ކުރިން ސައުތު އޭޝިއަން ގޭމްސް މިހާރު ނުބޭއްވޭނެކަން ޔަގީންވެފައިވާއިރު، ދެން މުބާރާތް އޮންނާނެ ކަމަށް ބެލެވެނީ މި އަހަރުގެ ފަހުކޮޅެވެ.

ޕީއެސްއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މުޖުތަބާ ވިދާޅުވީ ގައުމީ ޓީމާ މެދު އިތުބާރު ބޮޑު ކަމަށާއި، ގައުމީ ޓީމާއެކު ކާމިޔާބު ހޯދޭނެ ކަމުގެ އުއްމީދުވެސް ބޮޑު ކަމަށެވެ. އަދި ޖޫނިއަރ ޓީމުން ތައްޔާރުވާނީ ރަން މެޑަލް ހޯދުމަށް ކަމަށްވެސް ވިދާޅުވިއެވެ. ކުޅުންތެރިންވެސް ތައްޔާރުވަމުންދާނީ އެ ވިސްނުމުގައި ކަމަށާއި، އަދި އެސޯސިއޭޝަނުންވެސް ތައްޔާރީތަށް ހުރީ އެ ވިސްނުމާއެކު ކަމަށް މުޖުތަބާ ވަނީ ވިދާޅުވެފައެވެ.

"
މިކަމުގައި ސަރުކާރުންވެސް ދަނީ އެހީތެރިވަމުން. ސަރުކާރުން ބޭނުންވާނެ ކާމިޔާބު ހޯދަން. އެ ކާމިޔާބަށް ދެވޭނީ އަޅުގަނޑުމެންނަށްވެސް ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކޮށްގެން.
އަޙްމަދު މުޖުތަބާ - ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް

ރާއްޖޭގެ 17 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ފިރިހެން ޓީމުން މިހާރު އަންނަނީ އިންޓަރނޭޝަނަލް ހޭންބޯލް ފެޑެރޭޝަނުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އައިއެޗްއެފް ޓްރޮފީއަށް ތައްޔާރުވަމުންނެވެ. މި އަހަރު މި މުބާރާތް ޚާއްސަ ކުރެވިފައިވަނީ ފިރިހެން ޓީމުތަކަށެވެ. މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ މެއި މަހު ނޭޕާލުގައެވެ.

މުޖުތަބާ ވިދާޅުވީ ރާއްޖޭ ޓީމުން މުބާރާތަށް ނުކުންނާނީ ނިސްބަތުން ވަރުގަދަ ބޮޑެތި ޓީމުތަކާ ދެކޮޅަށް ކަމަށާއި، އެހެންނަމަވެސް މުބާރާތުގައި ރާއްޖޭގެ އަމާޒަކީ ރަން މެޑަލް ހޯދުން ކަމަށެވެ. މިދިޔަ އަހަރު ކުރިއަށްދިޔަ އައިއެޗްއެފް ޓްރޮފީ މުބާރާތުގަައި ރާއްޖޭގެ 17 އަހަރުން ދަށާއި 19 އަހަރުން ދަށުގެ އަންހެން ޓީމުން ވަނީ ލޯ މެޑަލް ހޯދާފައެވެ.